ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަ' ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ނިންމުމުގެ ސަބަބުން، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1,200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
އޮޕްޝަނަލް އިޝުއަ ނުވަތަ ކްރޮސް ބޯޑަ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުން ނަގާ ފީއެކެވެ. ކާޑު ނުވަތަ ކާޑު ލިންކުކުރެވިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިއެއް ކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތެއް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް ކަމަށްވާ ވިސާ ނުވަތަ މާސްޓަ ކާޑު މެދުވެރިކޮށް ޕްރޮސެސް ކުރަންޖެހެއެވެ.
މިފަދަ މުއާމަލާތްތަކަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް 'އޮޕްޝަނަލް އިޝުއަ ފީ' ގެ ގޮތުގައި އާންމުކޮށް ނަގައެވެ.
މިއީ ބައިނަލްއަގްވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުންވެސް މިފަދަ މުޢާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް، މިބާވަތުގެ މުޢާމަލާތްތަކުން މި ފީ ނަގަމުން އައިސްފައިވެއެވެ.
ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑަ" ފީ ނުނަގަން ނިމިކަން އަންގައި ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓު... ފޮޓޯ/ ބީއެމްއެލްބޭންކުން މި ނިންމުން ނިންމާފައި މިވަނީ މި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަތުން ނަގާ "ކްރޮސް ބޯޑަ ފީ" ލުއިކޮށްދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ބީއެމްއެލްގެ މެނޭޖިންގް ޑިރެކްޓަ އަދި ސީއީއޯ މުހައްމަދު ޝަރީފް އަށް ހޯމަ ދުވަހު ސިޓީއެއް ފޮނުއްވާފައެވެ.
މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި "ސްޓޫޑަންޓް ލިމިޓް"ގެ ދަށުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން އިތުރަށް ފައިސާ ކަނޑާފައިވާ ކަމަށާއި، ފައިސާ ނަގާ ވަގުތު އެކައުންޓުން ދައްކާ އަދަދަށްވުރެ މުޢާމަލާތް ސެޓަލްވި އިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
އަދި މިދިޔަ މަސްތެރޭގައި ފާހަގަވި ބަދަލުތަކުގެ ތެރޭގައި އޭޓީއެމް އިން ފައިސާ ނަގާއިރު، ފައިސާ ނަގާ ވަގުތުގެ ރޭޓުން ނުވަތަ މުއާމަލާތް ސެޓްލްވާ ވަގުތުގެ ރޭޓުން ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބޭ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.