ޗާޓަރު ފްލައިޓްތަކުގެ ޚިދުމަތާއި ޕައިލެޓުން ތަމްރީނުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިންޑިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޑޫންސް އޭވިއޭޝަން"އިން މަޝްހޫރު ފަންނާނު ނޯރާ ފަތުހީއާ ދެކޮޅަށް އަގުވެއްޓުމުގެ ދަޢުވާއެއް އުފުލައިފިއެވެ.
ކުންފުނީގެ އަގު ވައްޓާލުމަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގައި، ބަދަލުގެ ގޮތުގައި ނޯރާގެ އަރުން ތިން ކްރޯޑް ރުޕީސް ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މުމްބާއީން ޖެއިޕޫރަށް އެ އެއާލައިންގެ ބޯޓެއްގައި ނޯރާ ކުރި ދަތުރަކަށްފަހުއެވެ. އެ ދަތުރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި، ދަތުރުކުރި ބޯޓަކީ "ކުޅޭކުޅޭ އެއްޗެއް" އަދި "ލެގޯ ބޯޓެއް" ފަދަ އެއްޗެއް ކަމަށް ބުނެ ނޯރާ ވަނީ ޖޯކު ޖަހައިފައެވެ.
ނޯރާއަށް ބޮޑު މަޝްހޫރުކަމެއް ލިބުނު ލަވަ 'ދިލްބަރު'ގެ މަންޒަރެއް--ފޮޓޯ/ސްކްރީންޑޫންސް އޭވިއޭޝަނުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޯރާގެ އެ ވާހަކަތަކުގެ ސަބަބުން ކުންފުނީގެ އިތުބާރު ގެއްލި، ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، ކުންފުނީގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު ދަށްވެ، ބުކިންތަކުން 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ ދަށްވުމެއް އައިސްފައިވާ ކަމަށާއި، އަދި ކުރިން ހަދާފައި ހުރި ގިނަ ބުކިންތަކެއް ކެންސަލްވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ގާންދީނަގަރް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
ބޮލީވުޑްގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ނޯރާ ފަތުހީ އަކީ އޭނާގެ ފުރިހަމަ ނެށުމުގެ ހުނަރުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ، އަދި ހިންދީ ސިނަމާގެ އިތުރުން ދެކުނު އިންޑިއާގެ ބައެއް ފިލްމުތަކުގައި އެކްޓުވެސް ކުރަމުން އަންނަ ނުފޫޒުގަދަ ތަރިއެކެވެ.