18 އަހަރުގެ ހުސްކަމަކަށްފަހު މެޖިސްޓްރޭޓް ކޯޓުތަކަށް ގަވާއިދެއް ލިބުމަކީ މުހިންމު ކާމިޔާބީއެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --

ގާތްގަނޑަކަށް 18 އަހަރުގެ ދިގު ހުސްކަމަކަށްފަހު، މެޖިސްޓްރޭޓް ކޯޓުތަކަށް ޚާއްޞަ އާ ޤަވާޢިދެއް ލިބިގެންދިއުމަކީ ޝަރުޢީ ދާއިރާއަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ބޭއްވި މެޖިސްޓްރޭޓް ކޯޓުތަކުގެ އާ ޤަވާޢިދަށް މުވައްޒަފުންނާއި ފަނޑިޔާރުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، 2008 ވަނަ އަހަރު މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިސް އުވި، އޭރު ޢަމަލުކުރަމުންދިޔަ މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު ވުޖޫދުން ނެތިގެންދިޔައެވެ. އެއާއެކު، ވޭތުވެދިޔަ 18 އަހަރު ދުވަހު މެޖިސްޓްރޭޓް ކޯޓުތަކުން މަސައްކަތް ކުރަމުން ދިޔައީ އެ ކޯޓުތަކުގެ ވިރާސީ ބާރުގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް، މެޖިސްޓްރޭޓުން އިސްނަންގަވައިގެން ޑްރާފްޓްކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި އާ ޤަވާޢިދާއެކު އެ ދިގު ހުސްކަމަށް ނިމުން އައިސް، އަންނަ 1 އޮކްޓޫބަރު 2026 އިން ފެށިގެން މި ޤަވާޢިދަށް ޢަމަލުކުރަން ފެށޭނެއެވެ.

އާ ޤަވާޢިދުން އަންނާނެ މުހިންމު ބަދަލުތައް:

  • ރަޖިސްޓްރާރުންގެ މަޤާމު ތަޢާރަފްކުރުން: މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ރަޖިސްޓްރާރުންގެ މަޤާމު ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން މައްސަލަތައް ރަނގަޅަށް ސްކްރީން ކުރެވި، ކޯޓު އެޑްމިނިސްޓްރޭޓަރުންނާއި ފަނޑިޔާރުންނަށް އެބޭފުޅުންގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ލިބިގެންދާނެއެވެ.
  • ޚިދުމަތްތައް އެއްގޮތްކުރުން: ރާއްޖޭގެ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރަޖިސްޓަރ ކުރުމާއި، ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކާއި، އިދާރީ ފީތައް ނެގުމުގައި ގެންގުޅުނު ތަފާތުތައް ނިމުމަކަށް އައިސް، އުތުރާއި ދެކުނުގެ ހުރިހާ ކޯޓަކުންވެސް ރައްޔިތުންނަށް އެއް އުޞޫލަކުން، ހަމަހަމަކޮށް ޚިދުމަތް ލިބިގެންދާނެއެވެ.
  • ޢާއްމު މަޖިލީހާއި އަހަރީ ބައްދަލުވުން: ޖުޑީޝަލް ދާއިރާގެ ޢާއްމު މަޖިލީހާއި އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން މުވައްޒަފުންގެ އަގުވަޒަންކުރެވި، ފަންނީ ތަރައްޤީއަށް ފަހި މާހައުލެއް ޤާއިމުވެގެންދާނެއެވެ.

މި ޤަވާޢިދަށް މުވައްޒަފުންނާއި ފަނޑިޔާރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދިޔަ 14 ތަމްރީނު ސެޝަންގެ ތެރެއިން، ޖުމްލަ 1,100 އަށްވުރެ ގިނަ މުވައްޒަފުންނާއި ފަނޑިޔާރުން ވަނީ ބައިވެރިވެފައެވެ. މިއީ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ހިމެނޭހެން ޝަރުޢީ ދާއިރާގައި މިފަދަ ބޮޑު ތަމްރީނު ހަރަކާތެއް ކާމިޔާބުކަމާއެކު ހިންގި ފުރަތަމަ ފަހަރެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، އޮކްޓޫބަރު އެކަކުން ފެށިގެން ކޯޓުތަކުން މި ޤަވާޢިދުގެ ހެޔޮ ބަދަލުތައް ފެނި، އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންމެހައި މުވައްޒަފުންނާއި ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގެ ހިންގުމާއި، އިދާރީ އުޞޫލުތަކާއި، ޝަރީޢަތްތައް ކުރިއަށްދާ އިޖުރާއާތުތައް އެއްގޮތްކޮށް ކަށަވަރުކުރުމެވެ.

އެގޮތުން މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުން ފަދަ ކަންކަމުން ފެށިގެން ކައުންޓަރުންނާއި، އީމެއިލް އަދި އޮންލައިން ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އުޞޫލުތަކާއި މެޖިސްޓްރޭޓުންގެ މެދުގައި ހަމަހަމަކަމާއެކު މައްސަލަތައް ތަރުތީބުން ބަހައި ހަވާލުކުރުން އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި، ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން މި ގަވައިދުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މެޖިސްޓްރޭޓުން މައްސަލަތަކުން ތަނާޒުލުވުމުގައި ޢަމަލުކުރާނެ ގޮތާއި އިދާރީ އޮނިގަނޑާއި މަޤާމުތައް އަދި ކައިވެންޏާއި ވަރި ރަޖިސްޓަރީކުރުމާއި، ކައިވެނީގެ ރަޖިސްޓްރާރުގެ ދައުރާއި، ޚަރަދުގެ މައްސަލަތައް ބެލެހެއްޓުމާއި ކޯޓުގެ ނިޒާމާއި އާންމު އުޞޫލުތައްވެސް މި ގަވައިދުގައި ހިމަނާފައިވެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުއެވެ.

comment ކޮމެންޓް