މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ 20 އިންސައްތަ ހިއްސާ މިވަގުތު ތަމްސީލުކުރަނީ ހިޓާޗީ ކުންފުނިން ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ލޯނުތައް ނެގުމުގައްޔާއި އިންވެސްޓްމަންޓްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެމްޑަބްލިޔުއެސްސީ އަކީ ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށާއި، މި ނިންމެވުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ހިންގުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.
މި ނިންމެވުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ ފަހުމީ ވިދާޅުވީ އެމްޑަބްލިޔުއެސްސީ އަކީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރެވުމާއެކު، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، މަޝްރޫޢުތައް ހިންގުމަށާއި މާލީ ގޮތުން ދިމާވާ ދަތިތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
ހަމައެއާއެކު ކުންފުންޏަށް މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ސައްތައިންސައްތަ ސަރުކާރުގެ ކުންފުންޏަކަށް ބަދަލުވުން ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ދިވެހި ދައުލަތައް މި ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުވުމުން އެކަމުން ވަރަށް ގިނަ ގުނަ ފައިދާތައް ކުންފުންޏަށް ވާނެ. އެއީ އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާއަށް ވެސް މިހާރު މިހުރީ ގާތްގަނޑަކަށް 30 އަކަށް އަހަރުވެފައި. ވަރަށް ދުވަސްވެފައި. އިންފްރާސްޓްރަކްޗާ އާކުރުމާ އަދި އެހެނިހެން ކަންކަން ވެސް ކުރަން އެޑްއޯން ވެސް ނަގަން ޖެހޭ،" އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ޙުސެއިން ފަހުމީ އިތުރަށް ވިދާޅުވީ، އެ ކުންފުނިން މިވަގުތު ބޮޑެތި ލޯނުތަކެއް ނެގެން ނެތް ކަމަށާއި، ދައުލަތުން ލޯނު ދޭން ބެލިޔަސް އެހެން ބަޔަކު ހިއްސާދާރުންގެ ގޮތުގައި ތިބުމުން އެއީ ފަސޭހަކަމަކަށް ނުވާ ކަމަށެވެ.
މިސާލެއްގެ ގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ބޭނުންވާއިރު، ކުންފުނީގެ އެސެޓް މޯގޭޖްކޮށްގެން އެކަން ކުރަން ދަތިވާނެކަން ފާހަގަކުރައްވައި، އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން އިންވެސްޓްކުރަން މަގުފަހިވާނެހެން ސްޓްރަކްޗާ ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީއަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އަދި ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ވާއިރު، މި ގެނެވޭ ބަދަލާއެކު ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، އިންފްރާސްޓްރަކްޗާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
އެމްޑަބްލިއުއެސްސީގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާ ސަރުކާރަށް ގަންނަން ނިންމާފައިވާކަން ރައީސް އިއްޔެ އިއުލާނުކުރެއްވިއިރު މިހާރު އެމްޑަބްލިއުއެސްސީގެ 80 ޕަސެންޓް ހިއްސާއަކީ ސަރުކާރެވެ. ބާކީ 20 ޕަސެންޓު ހިއްސާ ކޮންޓްރޯލް ކުރަނީ ހިޓާޗީންނެވެ.
ހިޓާޗީއަށް އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ވިއްކާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަރުކާރުގައި ޖެނުއަރީ 2010 ގައެވެ.