ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށާއި، މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރުގަދަ ފާރެއްހެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާމެދު ހިތްހަމަނުޖެހޭ އެތައް މެންބަރުންނެއް ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރޭގައި އެބަތިބި ކަމަށާއި މަޖިލިސް ތެރެއިން ސިއްރު އިންޤިލާބެއް ހިނގައިދާނެ ކަމުގެ އިޝާރާތެއް ރައީސް ޔާމީން ކުރައްވާފައި ވަނިކޮށެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ބުއްދިހުރި ބޭފުޅެއްނަމަ ރައީސް މުޢިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ހުންނަވާނެ ކަމަށެވެ.
"މިއަދު ރައީސް ޔާމީނަކީ ހަމަ ބުއްދިހުރި މީހެއްނަމަ ރައީސް މުޢިއްޒުގެ ސަރުކާރު ދަމަހައްޓަން ހުންނާނީ. ބަލަ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގަ ވެސް ގޮވާލެއްވީ ވަގުތުން ވަގުތަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރުކާރުން އަދުލު އިންސާފު ޤާއިމުކޮށް މަގުމަތި އަމާންކޮށްދީފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ތަރައްޤީއަކީ ހަމައެކަނި ބްރިޖު އެޅުން ނޫން ކަމަށާއި އެންމެ ބޮޑު ތަރައްޤީއަކީ ހަމަޖެހޭ އިންސާނީ މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ. އަދި މި ސަރުކާރުން ދައްކަމުން ދަނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ކަމަށް ވެސް ވިދާޅުވިއެވެ.
"މި ސަރުކާރުން ނެގި ދަރަންޏެއް ނޫނޭ ދައްކައިގެން މި އުޅެނީ. ބަލަ ރައީސް ޔާމީނާ، އިބްރާހިމް މުޙައްމަދު ޞާލިޙާ، ދެ ބޭފުޅުން ނަންގަވާފައި ހުރި ދަރަނި ނޫންތޯ އަޅުގަނޑުމެން ދެއްކީ. އެ ދަރަނި ދައްކާފައޭ މިއަދު ތަރައްޤީއާގެން ކުރިއަށް މި ދަނީ. އެއީ ރައީސް މުޢިއްޒުގެ މޮޅުކަމަކީ. އެ ދަރަނި ދެއްކީ ބޭރުން އިތުރު ދަރަނި ނެގުމަކާ ނުލައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރު ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ނުކުންނަވާނީ "ފިސާރި ގަދަކޮށް" ކަމަށެވެ.
"ރައީސް ޔާމީނަށް ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްކަމެއް ވެސް ނުކުރެވޭނެއޭ. ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެންބަރުން މިތިބީ އެއްބައިވަންތަކޮށް، އެއް ފާރެއްހެން ގަދަކޮށް ރައީސް މުޢިއްޒާ އެކީގައި،" މަޖިލިސް މެންބަރުން ސަރުކާރާއެކު ސާބިތުވެ ތިއްބެވިކަން ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.