އެޕަލް ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖޯން ޓާނަސްގެ އިސްނެންގެވުމުގެ ދަށުން، އެ ކުންފުނީގެ ތާރީޚުގައި މިހާތަނަށް ތަޢާރަފުކުރާ އެންމެ ގިނަ އައު ޑިވައިސްތައް ނެރުމުގެ ބޮޑު މަޝްރޫޢު ސެޕްޓެމްބަރު 9 ގައި ބާއްވާ "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުން ފަށަން ތައްޔާރުވެއްޖެއެވެ.
ވޭތުވެދިޔަ 15 ވަރަކަށް އަހަރު ހުރި އުފެއްދުންތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދިނުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި އެޕަލްގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި އުފެއްދުންތަކަކީ ކުރީގެ ސީއީއޯ ޓިމް ކުކްގެ ދައުރުގައި ފެށި މަސައްކަތްތަކެއް ނަމަވެސް، މި ޕްރޮޖެކްޓްތައް ބެލެހެއްޓެވީ ޓާނަސްގެ ޓީމުން ކަމަށްވާތީ ސެޕްޓެމްބަރު 1 ގައި ވެރިކަމުގެ ބާރުތައް ވަނީ ރަސްމީކޮށް ޓާނަސްއާ ޙަވާލުކޮށްފައެވެ.
މި އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް އުފެއްދުމަކީ ޕާސްޕޯޓެއްގެ ސައިޒަށް ފަށްޖަހައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ސްމާޓްފޯނެވެ. އެތެރޭގެ ބޮޑު ސްކްރީނަކާއި ބޭރުގައި ކުޑަ ޑިސްޕްލޭއެއް ހިމެނޭ މި ފޯނުގައި އޭ20 ޕްރޯ ޗިޕާއި އެޕަލްގެ އަމިއްލަ ސީ2 މޮޑެމް، ޓަޗް އައިޑީ އަދި ސްޕްލިޓް-ވިއު މަލްޓިޓާސްކިން ފަދަ ޚިދުމަތްތައް ހިމެނޭނެއެވެ. ފަށްޖަހާލާ ބައިގެ ރޮނގު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ އަދި އާދައިގެ ކެމެރާއަކާއި އަލްޓްރާ-ވައިޑް ކެމެރާ ހިމެނޭ މި ފޯނުގެ އަގު އުޅޭނީ 2،000 ޑޮލަރަށް ވުރެ މަތީގައެވެ.

އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ހުންނާނީ ސެމްސަންގްގެ ޒެޑް ފޯލްޑް8 އާއި އެއްގޮތަށް --- ފޮޓޯ: ބްލޫމްބާގް
މީގެ އިތުރުން ސެޕްޓެމްބަރު 9 ގައި އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ. ބޭރުފުށުން މާ ބޮޑު ބަދަލެއް ނައި ނަމަވެސް މަޑު ނޫކުލައާއި ގަދަ ރަތްކުލައިން ލިބެން ހުންނަ މި ފޯނުތަކުގައި ހިމެނޭނީ އޭ20 ޕްރޯ ޗިޕާއި، ސީ2 މޮޑެމް އަދި ހޫނުވިޔަ ނުދިނުމަށް ރަނގަޅުކޮށްފައިވާ ވޭޕާ ޗެމްބަރެކެވެ. މީގެ އިތުރުން ޕްރޯ މެކްސް މޮޑެލްގައި އަލި ކޮންޓްރޯލްކުރުމަށް މެކޭނިކަލް އެޕަޗާ އެއް އެކުލެވޭ ކެމެރާ އަޕްގްރޭޑްތަކެއް ހިމެނޭނެއެވެ.
އެޕަލް ވޮޗް ސީރީޒް 12 އަދި އަލްޓްރާ 4 ވެސް މި އިވެންޓުގައި ނެރޭނެ ކަމަށް ލަފާކުރެވެއެވެ. ސީރީޒް 12 ގައި ސެރަމިކް ކޭސްތަކާއި އައު ކުލަތައް ހިމެނޭއިރު، މުޅި ދުވަހު މެދުކެނޑުމެއްނެތި ހިތުގެ ވިންދު ބަލައިދޭ ސެންސަރަކާއި، އެޕަލް އިންޓެލިޖެންސްގެ ސިރީ އޭއައި ބޭނުންކުރެވޭނެ ގޮތަށް އެތެރޭގެ ބައިތައް ވަނީ އަޕްގްރޭޑްކޮށްފައެވެ.
އޯޑިއޯ އަދި ހޯމް ޑިވައިސްތަކަށް ބަލާއިރު، އާދައިގެ އަދި ނޮއިސް ކެންސެލިން ފީޗާ ހިމެނޭ އެއާޕޮޑްސް 5 ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ސިރީ އޭއައި ސަޕޯޓްކުރާ އަވަސް ޕްރޮސެސަރަކާއި ބަދަލުތަކެއް ގެނެސްފައިވާ ރިމޯޓަކާއެކު އައު އެޕަލް ޓީވީ ސެޓް-ޓޮޕް ބޮކްސްއަކާއި، އައު ހޯމްޕޮޑް މިނީ އެއްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެއެވެ.
ޓެބްލެޓް އަދި ކޮމްޕިއުޓަރުގެ ދާއިރާއިން، ފުރަތަމަ ފަހަރަށް އޯލެޑް ސްކްރީނަކާއެކު އައިޕެޑް މިނީގެ އައު މޮޑެލްއެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އެމް6 ޗިޕް އެކުލެވޭ އައު އައިމެކް އަދި 14 އިންޗީގެ މެކްބުކް ޕްރޯއެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ފަހަރަށް ޓަޗް ސްކްރީނާއި އޯލެޑް ޑިސްޕްލޭ އަދި ޑައިނަމިކް އައިލެންޑް ހިމެނޭ މުޅިން އައު މެކްބުކް ޕްރޯ މޮޑެލްތައް (14 އިންޗި އަދި 16 އިންޗި) އެމް5 ޕްރޯ އަދި އެމް5 މެކްސް ޗިޕާއެކު ނެރޭނެއެވެ.
ހަމައެއާއެކު ފޭސްޓައިމް އަދި ގޭތެރޭގެ ވަސީލަތްތައް ކޮންޓްރޯލްކުރެވޭ، މޫނު ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ 7 އިންޗީގެ ސްކްރީނެއް ހުންނަ ސްމާޓް ހޯމް ހަބެއްވެސް މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ނެރޭނެއެވެ.
އަންނަ 2027 ވަނަ އަހަރަށް ރޭވިފައިވާ ކަންކަމަށް ބަލާއިރު، އެޕަލް އިން އެމް6 މެކްބުކް އެއާ އަދި 699 ޑޮލަރުގެ އަގުބޮޑު ކުރިއެރުމެއް އައިސްފައިވާ އޭ19 ޕްރޯ މެކްބުކް ނިއޯގެ އައު ވާޝަނެއް ނެރޭނެއެވެ. އަދި އެޕަލް އިންޓެލިޖެންސް ސަޕޯޓްކުރާ އަގުހެޔޮ އެންޓްރީ-ލެވެލް އައިޕެޑަކާއި، އޯލެޑް ސްކްރީން ހިމެނޭ އައިޕެޑް އެއާގެ އިތުރުން، ވޭޕާ ޗެމްބަރަކާއެކު އަންނަ އައިޕެޑް ޕްރޯ އަދި އައު އެޕަލް ޕެންސިލްތައް ވެސް އެ އަހަރު ތަޢާރަފުކުރާނެއެވެ.
އައިފޯނު ނެރުމުގެ ތާވަލަށް 2027 ގައި ބޮޑު ބަދަލެއް ގެނެސް، އައިފޯން 18 އަދި ބަޖެޓް ފޯނު "18 އީ" ނެރުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރާނެއެވެ. މީގެ އިތުރުން ދެ ކެމެރާއަކާއެކު ނެރޭ އައިފޯން އެއާ 2 އާއި، އެމް7 ޗިޕްގެ 14 އިންޗީގެ މެކްބުކް ޕްރޯ އަދި އެމް7 ޕްރޯ/މެކްސް ޓަޗް މެކްބުކްތައް ވެސް ފެނިގެންދާނެއެވެ.
އޭއައި ޓެކްނޮލޮޖީގެ އައު ދާއިރާތަކަށް ވަނުމުގެ ގޮތުން، ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސް އާއި، މެޓާއާ ވާދަކުރުމަށް ސްކްރީނެއް ނެތް ސްމާޓް އައިނެއް 2027 ގައި ނެރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ވީޑިއޯ ފުޓޭޖްގެ ބަދަލުގައި އޭއައި ބޭނުންކޮށްގެން ސެކިއުރިޓީ ބަލަހައްޓާ ހޯމް ސިސްޓަމަކާއި، މުޅިން ބަދަލުކޮށްލާފައިވާ ޑިޒައިނެއްގެ ސްމާޓްވޮޗެއްގެ އިތުރުން ދެވަނަ ޖީލުގެ ފޯލްޑަބަލް އައިފޯނެއް ވެސް އެ އަހަރު ފެންނާނެއެވެ. ޚާއްޞަކޮށް އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުރިހާ އަރިމައްޗެއް ވަށްކޮށްފައިވާ ބިއްލޫރިގަނޑަކުން ހަދާފައިވާ މުޅިން އައު މޮޑެލެއް އެ އަހަރު ނެރޭނެއެވެ.
އަދި 2028 ވަނަ އަހަރާއި އޭގެ ފަހަށް ބަލާއިރު، ރޮބޮޓިކް އަތެއް ހަރުކޮށްގެން ހަރަކާތްތެރިވާ 9 އިންޗީގެ ޓޭބަލްޓޮޕް ސްމާޓް ހަބަކާއި، އެމް7 މެކްސް އަދި އަލްޓްރާ ޗިޕް ހިމެނޭ މެކް ސްޓޫޑިއޯއެއް ތަޢާރަފުކުރުމަށް ދަނީ ރާވަމުންނެވެ. މީގެ އިތުރުން ބަރުދަން ލުއި ވިޝަން ޕްރޯ ހެޑްސެޓަކާއި، ހެދުމުގައި ހަރުކުރެވޭ އޭއައި ކެމެރާ ޕެންޑަންޓެއް އަދި ސްކްރީން ބޮޑު ތިންވަނަ ޖީލުގެ ފޯލްޑަބަލް އައިފޯނެއް އުފެއްދުމުގެ މަޝްވަރާތައް ދަނީ ހިނގަމުންނެވެ.
މީގެ ކުރިން 20 އިންޗީގެ ސްކްރީނަކާއެކު ލެޕްޓޮޕްގެ ބަދަލުގައި ބޭނުންކުރަން އީޖާދުކުރި ފޯލްޑަބަލް އައިޕެޑްގެ މަސައްކަތް އަގާއި އުފެއްދުމުގެ ދަތިތަކާ ހުރެ މަޑުޖައްސާލާފައި ވީނަމަވެސް، ފަހުގެ ތާރީޚެއްގައި އެ ޑިވައިސް ނެރުމުގެ ފުރުޞަތު އެބައޮތެވެ. އަދި 2028 ނުވަތަ 2029 ހިސާބުގައި އޯލެޑް ސްކްރީން ހިމެނޭ މަތީ ފަންތީގެ މެކްބުކް އެއާ އާއި އައިމެކްގެ އިތުރުން، އެޕަލްގެ ދިގު ރާސްތާގެ އަމާޒެއް ކަމަށްވާ ޙަޤީޤީ އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) ސްމާޓް އައިނު ކުރިއަށް އޮތް އަހަރުތަކުގައި ތަޢާރަފުކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.