"އެހެން މީހުންގެ އުފާތަކާއި ގާބިލުކަމާއި ކުރިއެރުމާއިމެދު އުފާކުރާނީ ހިތް ސާފު މީހުންނެވެ."
***
ސިފްރާން އިނީ ހިމޭނުންނެވެ. ސުވަލެއް ނުކުރަންޏާ ޖަވާބުދޭން ނުޖެހޭނެތާއެވެ. އެކަން އެނގިގެން އޭނަ ސުވާލެއްކުރިއެވެ.
"މިތާގައި އަސްލު ކިތައް މީހުން އުޅޭތަ؟"
"އަހަރެންގެ މައިންބަފައިންނާއި ބޮޑުދައިތަ...ބޮޑުދައިތަގެ ދެކުދިން...."
މިލްހާ އިނގިލިތަކުން ގުނަން ފެށިއެވެ. "އެހެންވީމަ ސިފްރާނާއި އަހަންނާއި ލީމަ ހަތް މީހުން؟"
ސިފްރާންއަށް އެ ސުވާލުގެ ޖަވާބުދޭން މުހިއްމުހެނެއް ހިޔެއްުނުވެއެވެ. މިލްހާގެ ސުވާލުތަކުން ސަލާމަތްވާން އުޅޭ ފަދައިން ފިޔަވަޅުތައް އަވަހަށް ކާރުން ފައިބަން އުޅެގަތެވެ.
މިލްހާ ކާރުގެ ދޮރު ހުޅުވާލާފައި ބޭރަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް، ހިލަ މަގުގެ ތަނެއްގައި އުސް ފައިވާނުގެ ފުންނާބު ޖެހި ތާށިވިއެވެ. އޭނައަށް ދެ އަތް ފަތުރައިލެވުނެވެ.އިތުރަށް ލަދުގަންނަން ޖެހުމުގެ ކުރިން ސިފްރާން އޭނަ ވެއްޓުނަނުދީ ސަލާމަތްކޮށްދީފައި އަވަހަށް ދުރަށް ޖެހިލިއެވެ. މިލްހާގެ މޫނަށް ވެރިވެފައިވާ ރަތްކަން އިތުރުވެ އިސްޖެހުނެވެ. މަޑުމަޑުން ބިސްމިއާއިއެކު އިސްތިޣުފާރުކުރަމުން ނިކަން ބަލައިގެން ފިޔަވަޅުތައް ކުރިއަށް އެޅިއެވެ.
ދޮރުތައް ހުޅުވުނު ވަގުތު އޭނަ ހުއްޓުން އެރިގޮތަށް ނަޒަރު އެކިކޮޅަށް ދަތުރުކުރީ އާޝޯޚުވެފައި ހުރެއެވެ.
ގޭގެ އެތެރެ ވަރަށް ބޮޑުވާނެ ކަމަށް އޭނާ އުއްމީދުކުރިއެވެ. ނަމަވެސް އެއީ މިހާ ހިތްގައިމު ތަނަކަށް ވާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ހޫނުކަން ވަގުތުން އޭނާ ގެ ގައިގާ ސާލެއްފަދައިން ވަށައިލެވުނެވެ. ވަންނަ ދޮރުމަތި ކޮންމެވެސް ވަރަކަށް އުސްކޮށް އޮތުމުން މައްޗަށް އަރަން ޖެހުނެވެ. އެއްފަރާތުން ސިޑިއެއް މައްޗަށް އަރަން ހުރިއިރު ސީލިންގުން އެލުވާފައިވާ ބޮޑު ހިތްގައިމު ޗާންދަލިއާ އެހާ ނަލައެވެ. ޖަވާހިރު ފަދަ އެތައް ސަތޭކަ ބިއްލޫރި ބައިތަކެއް އަލި އޮމާން މާބުލް ތަޅުންގަނޑަށް އެ އަލިތައް ބަހައިލަމުންދިޔައެވެ. ހޯލްގެ ދިގަށް އޮކްޓޯބަރު މަހުގެ ތާޒާ މާތަކުން ފުރިފައިވާ ބޮޑެތި މުށިތައް ބަހައްޓާފައިވިއެވެ.
ސިފްރާން އޭނާގެ ސޫޓް ޖެކެޓް ބާލައިފައި އިންތިޒާރުގައި ހުރި ޚާދިމަކާއި ހަވާލުކުރިއެވެ.
މިލްހާއަށް ކުއްލިއަކަށް އިހުސާސްވީ އަނގަ ކުޑަކޮށް ހުޅުވިފައި ހުރުމުން އޭނާ ފެންނާނީ ހެއްވާ މަންޒަރެއް ގެ ގޮތުގައި ކަމަށެވެ.
ދޮރުމަތީގެ އަނެއް ފަރާތުގައި ދެމަފިރިއަކު ތިއްބެވެ. މިލްހާއަށް މަޖައްލާތަކުން އެކަނި ފެނިފައިވާ ފަދަ އިން ރީތިކޮށް ހެދުން އަޅައިގެން ތިބި މާތް ފާޑުޖަހާ ދެމީހުންނެވެ. ސިފްރާންގެ މަންމަ ނަސްރީން އޭނައާއި ދިމާލަށް ހިނގައިގަތެވެ. އެއީ އުމުރުން ފަހުގެ އަހަރުތަކުގައިވާ ރީތި އަންހެނެކެވެ. ރީތިކޮށް ފަރުވާތެރިކަމާއެކު ހަދާފައިވާ ގަދަ މުށިކުލައިގެ އިސްތަށިގަނޑުގެ ތެރޭގައި ރިހި ކުލައިގެ އިސްތަށިތަކެއް ވިދަވިދާ ހުއްޓެވެ. އޭނާ ލައިގެން ހުރި ފިޔާތޮށިކުލައިގެ ހެދުމާއި ކަނދުރާގައި އޮޅާލާފައިވާ ޝޯލަށް އިތުރު ފުރިހަކަމަކެއް ގެނެސްދެނީ ކަރުގައި އޮތް މުތުގެ ހާރުންނެވެ. އޭނާ ގާތްވި ވަގުތު އަގުބޮޑު ސެންޓެއްގެ ލުއި މީރު ވަސް ނޭފަތުގައި ޖެހުނެވެ.
މިލްހާއަށް އެންމެ ބޮޑަށް ފާހަގަވީ އޭނާގެ ހިނިތުންވުމެވެ. އެއީ ފުޅާ ހިނިތުންވުމެކެވެ. އުފާވެރިކަން ދައްކުވައިދޭ ހިނިތުންވުމެކެވެ.
"މިލްހާ.......”ނަސްރީން ދެ އަތް ދިއްކޮށްލަމުން ބުނެލިއެވެ."މީހަކު ބުނެނުދިނަސް އެނގިއްޖެ..."
މިލްހާ ކަންބޮޑުވެފައި ހުރެ ހިނިތުންވެލަމުން އެ އަތުގައި ހިފިއެވެ.
“އައްސަލާމް އަލައިކުމް.”
ނަސްރީންގެ ލޮލުން ފެނުނީ މައިވަންތަކަމުގެ ފުން ލޯތްބާއި އޯގާތެރިކަމެވެ.
"މިލްހާ ވަރަށް ރީތި.... އަހަރެން ހީކުރިވަރަށްވުރެވެސް ބޮޑަށް..." ނަސްރީނު ބުނެލިއެވެ.
"ދަތުރު މާ ބޮޑަށް ވަރުބަލިކޮށްނުދާ ކަމަށް އުއްމީދުކުރަން. އެކަމަކުވެސް ދިގު ދަތުރެއްވީމަ ހުންނާނީ އަރާމުކޮށްލަން ބޭނުންވާނެ... ބަނޑުހައިވެސްވާނެ..... ކައިފިންތަ؟ ރަނގަޅަށް ނުކާނެކަން އަހަރެންނަށް ޔަޤީން. މީހުންނަށް ކާންދިނުމުގައި ސިފްރާނަކީ އެއްވެސް ކަމެއްދަންނަ މީހެއް ނޫން.”
ސިފްރާންގެ ބައްޕަ ހަދީދު ހުރީ އެމީހުންގެ ފަހަތުގައިއެވެ.
އޭނާއަކީ ރީތިކޮށް ފުނާއަޅައިގެން ހުރި ރިހި އިސްތަށިގަނޑެއްގެ ވެރިއެކެވެ. އަދި ގަދަރުވެރިކަމެއް މޫނުމަތިން ފެންނަ ހައިބަވަންތަ ޢިއްޒަތްތެރި މީހެކެވެ. އުމުރުން ދުވަސްވީ ނަމަވެސް އޭނާ ހުރީ ސީދަލަށެވެ.
މިލްހާ އޭނާއަށް ބަލައިލުމުން ހިނިތުންވެލިއެވެ. "ސްކޮޓްލެންޑަށް މަރުޙަބާ މިލްހާ. ކައިވެންޏަށް ނުދެވުނީތީ އަހަރެމެން ނިހާޔަތަށް ކަންބޮޑުވަން، އަހަރެމެން ދަތުރުނުކުރާތާ އެތައް އަހަރެއްވެއްޖެ.... އަހަރެމެންގެ ވައިފް ފްލައިކުރަންވީމަ އެންޒައިޓީ މައްސަލަ ދިމާވޭ..."
ނަސްރީން ހިނިގަނޑެއް ޖަހައިލިއެވެ." ކީއްކުރާނީ. އެނަސީބު ނުލިބުނު....."
އިރުކޮޅަކު ދަތުރާއިބެހޭގޮތުން ވާހަކަދެއްކުމަށްފަހު ނަސްރީނު ޚާދިމާއަކަށް ގޮވައިލިއެވެ."ސިޓިންގ ރޫމަށް ހޫނު ޗޮކްލެޓާއި އެޕްލް ސައިޑާ ފޮނުވަދީ...... އަދި ކާލާނެ ހޫނު އެއްޗެއްވެސް."
މިލްހާ ސިފްރާނަށް ބަލައިލިއެވެ. އޭނާ މަންމައަށް ބަލަހައްޓައިގެން ހުރިއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިހެން ހީވިއެވެ.
މިލްހާގެ ހިމޭންކަން ނަސްރީން މާނަކުރީ ލަދުގަތީކަމަށެވެ. އޭނާ ވަރަށް އޯގާތެރިކަމާއެކު މިލްހާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
"އާދޭ. މަންމަ ތަންތަން ދައްކާނަން......” ނަސްރީން ބުންޏެވެ.
މިލްހާ އިޚުތިޔާރަކާނުލައި ނަސްރީންގެ ފަހަތުން ދިޔައީ ބުދެއްހެން ހުރެއެވެ. އޭނާ އެއްފަހަރު ފަސް އެނބުރި ބަލައިލިއެވެ.
ސިފްރާން ހުރީ އޭނާގެ ބައްޕައާއެކު މަޑުކޮށްލައިގެންނެވެ. ދެ މީހުން ވާހަކަދައްކަމުން ދިޔައީ ނިކަން މަޑުމަޑުންނެވެ. އެމީހުންގެ އަޑުތައް ސިޑި ކައިރީގައި ހުރި ބޮޑު ގަޑީގެ އަޑުގަދަކަމުން އެހާ އޮޅުމެއް ނުފިލިއެވެ.
ނަސްރީން މިލްހާ ގޮވައިގެން ސޑިން މައްޗަށް އަރަމުންދިޔެވެ.
ސިޑި ވަނީ ވަރަށް ރީތިކޮށް ވަށައިގެން ލެނބިފައެވެ. އޭގެ ކަޅު ކުލައިގެ އޮމާން އަތްގަނޑު ހުރީ އެތައް ޖީލެއްގެ މީހުންގެ އަތްތައް ބީއްސަމުން ގޮސް އޮމާންވެފައެވެ. ކޮންމެ ކޮރިޑޯއެއްވެސް ގުޅިފައިވަނީ އަނެއް ކޮރިޑޯއަށެވެ. ފާރުތައް ފަޅުފިލުވާފައިވަނީ އަގުބޮޑު ކުރެހުންތަކުންނެވެ. ފާރުތަކުގައިވަނީ ކްރީމާއި ބާގަންޑީ ކުލައިގެ ފަރުމާތަކެވެ.މިލްހާ ހިތްހަމަޖެހުނީ އެއިން އެއްވެސް ކުރެހުމެއްގައި ފުރާނަހުރި އެއްޗެއް ނެތުމުންނެވެ. ފުރާނަހުރި އެއްޗެހީގެ ފޮޓޯ ނުވަތަ ކުރެހުން ގެންގުޅުމަކީ ހުއްދަ ކަމެއް ނޫންކަން އޭނާއަށް އެނގޭތީއެވެ.
ނަސްރީން އެންމެ ފުރަތަމަ ދެއްކީ ގިނައިން ބޭނުންކުރާ ސިޓިންގ ރޫމްތަކުގެ ތެރެއިން ތަނެކެވެ. ފިލްމީ މަންޒަރެއްފަދައެވެ. މެދު ވަށް މޭޒެއްގެ ދެފަރާތުގައި ރީތި ދެ ސޯފާ ހުއްޓެވެ. އެތަކެތީގެ މަޑު ފޭރާމާއެކު އެ ވަނީ ފެއްސާއި ރަން ކުލައިގެ ކުދި ކުޝަންތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. ވިކްޓޯރިއަން ބައްތިތަކެވެ. ފާރުގެ ބޮޑުބައި ހިއްސާކުރަމުންދިޔައިރު ފަޔަޕްލޭސް ގެ ވަށައިގެންވާ ކަނޑާފައިވާ ހިލަތައް ވަނީ މޫސުމުގެ ސަބަބުން ކުޑަކޮށް ކަޅުވެފައެވެ. އަލިފާން މަޑުމަޑުން އަނދަމުންދާ އަޑަކީވެސް ނިދުމަށް އެހީތެރިވެދޭ ރާގެއްފަދައެވެ.
މިލްހާގެ ސަމާލުކަން ހުއްޓުނީ ކުޑަދޮރުތަކަށެވެ. އެއީ ތަޅުންގަނޑުން ފެށިގެން ސީލިންގާ ހަމައަށް ހުރި އުސް އަދި ފުޅާ ކުޑަދޮރުތަކެކެވެ. ބޭރުން ފެންނަނީ ގަސްތަކުގެ ސިލްސިލާއެވެ. ކުޑަވަގުތުކޮޅަކަށް މިލްހާ ހިމޭނުން ހުއްޓުން އަރާފައި ހުއްޓެވެ. މަރުވެގެން އެހެން ދުނިޔެއަކަށް އާދެވުނީހެއްޔެވެ؟ ހުވަފެނެއްގައިވެސް މިވަރު ތަނަކަށް އަދެވިފައެއްނެތެވެ. އާޝޯޚުވުމާއެކު ވަށައިގެން މަޑުމަޑުން ބަލަން ހުރެފފައި ބިއްލޫރިގަނޑާއި ކައިރިވެލިއެވެ. އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ކަނޑަށް ބަލަހައްޓައިގެންނެވެ. މިތަން މުޅިން ތަފާތެވެ. އުދަރެހާއި ހަމައަށް ދެމިގެންދާ ނިމުމެއްނެތް ނޫ ކުލައެއް ނެތެވެ. ވައިގައި ހެލިލާ ރުއްގަހެއް ނެތެވެ. ބިމާއި ފެން ވަކިކޮށްދޭ ރީތި ދޮންވެލިގަނޑެއް ނެތެވެ.
މުޅި ބިންގަޑާއެކު ގަސްތައްވެސް ވަނީ އޮކްޓޯބަރު މަހުގެ ރީތި ކުލަތަތަކުން ފޭރާން އަޅައިގެންނެވެ. ގަސްތައް ސިއްރުން ފުރިފައިވާ ނާނާއެއް އަޅުވަމުން ހިތްތަކަށް ތަސައްލީ ގެނެސްދޭން މަސައްކަތްކުރަނީއެވެ.
"މިއީ ވަރަށް ރީތި ތަނެއް......ރާއްޖެއާއި މުޅިން ތަފާތު.....ޚިޔާލަށްވެސް ކުރިން ނުގެނެވޭ.....” އޭނާ މަޑުމަޑުން ބުނެލިއެވެ. އެތައް ފަހަރު ދެކެ ބާވެފައިވާ އެ މަންޒަރަށްވުރެ ނަސްރީންގެ ސަމާލުކަން ހުއްޓިފައިވީ މިލްހާގެ މޫނަށެވެ. ނަސްރީން ކުޑަދޮރުގެ ފަރުދާތައް އިތުރަށް ކަހައިލިއެވެ.
"ފިނި މޫސުމްގައި ފަރުބަދަތައް ސްނޯގެ ދަށުގައި ފޮރުވިގެން ދޭ.. ރަބީއު މޫސުމުގައި ހުރިހާ ތަނެއް ފެހިވެ ކުލަކުލައިގެ މާތަކުން އުޖާލާވޭ އަދި ހޫނު މޫސުމްގައި..."ނަސްރީން ހިނިތުންވެލިއެވެ." މިލްހާ ޝަކުވާކުރާނެ އެކަށީގެންވާވަރަށް މި ގައުމު ހޫނު ނުވާތީ........."
އޭނަ ހިނިތުންވުމަކާއިއެކު ނަސްރީނުގެ ފަހަތުން ހިނގައިގަތެވެ. އެއާއެކު ފަރުދާގެ ކައިރިން ކޮންމެވެސް އެއްޗެއް ހަރަކާތްކުރިހެން ހީވެފައި ރަގަޅަށް ބަލައިލުމަށްޓަކާ ހިނގުން މަޑުކޮށްލިއެވެ. އެވަގުތު ނަޒަރުގައި އަޅައިގަތީ ނޫކުލައިގެ ހެދުމެއްގައި ހުރި ކުޑަ އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ އެއްވެސް ހަރަކާތެއްނެތި އޭނައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ބުދެއްފަދައެވެ. އެސްފިޔަވެސް ޖަހައިނުލައެވެ.
އެ ކުޑަ އަންހެން ކުއްޖާގެ އިސްތަށިގަނޑު ހުރީ ގަދަ މުށިކުލައެއްގައެވެ. އިސްތަށިގަނޑުއޮތީ ދެ ބަައިކޮށް އައްސާފައެވެ.
އޭނަ އެކުޑަ ކުއްޖާއަށް ހިނިތުންވުމެއް ދިނެވެ.ނަމަވެސް އެކުއްޖާ ހީލަން ނުދަންނަފަދަ ބީރައްޓެހި ނަޒަރަކުން ބަލަން ހުރީއެވެ.
"އެއީ މިގޭގައި އުޅޭ ކުއްޖެއްތަ؟"އޭނަ ސުވާލުކޮށްލިއެވެ.
ނަސްރީން އެނބުރިލިއެވެ. "ތިބުނީ ކޮން ކުއްޖެއްގެ ވާހަކައެއްތަ؟"
އޭނަ ބަލައިލިއިރު އެކުއްޖާ ޖެހުނުތާ ލަކުނުވެސް ނެތެވެ. ފަރުދާވެސް އޮތީ ހިމޭންކޮށެވެ. އޭނަގެ ލޯމައްޗަށް ސިފަވީގޮތެއްހެއްޔެވެ؟ ނޫނެކެވެ. ޔަގީނުންވެސް އެތަނުގައި ކުއްޖަކުހުރެފައި ފިލީކަން ނޭގެއެވެ.
މިލްހާ ހައިރާންކަމާއެކު ބުމަ އަރުވައިލިއެވެ. "އެކުއްޖާ ހުރީ އެތާ."
ނަސްރީން އޭރު ހުރީ އަނެއް ކޮޓަރީގެ ދޮރު ހުޅުވަން ކަމަށްވާތީ އޭނަ ބުނި ޖުމްލަ އިވުނުހެނެއް ހިއެއް ނުވެއެވެ. ދޮރު ހުޅުވުނީ މައި ޑައިނިންގ ރޫމަށެވެ.
ކެއުމަށް ޚާއްސަ އެ ކޮޓރިވަނީ ވިހި މީހުންނަށް ފަސޭހައިން އިށީނދެ ތިބެވޭހާ ބޮޑުކޮށެވެ. މެދުގައި ބޮޑު މަހޮގަނީ މޭޒެއް ހުއްޓެވެ. ފާރުތައް ވަނީ ކަޅުކުލައިގެ ލަކުޑިން ޒީނަތްތެރިކޮށްފައެވެ. އެއް ކަންމަތީގައި ޢާއިލާގެ އިހުގެ ރިހި ސާމާނުން ފުރިފައިވާ ރިހިކުލައިގެ ކަބަޑެއް ހުއްޓެވެ.
"މި މޭޒު ހުންނަތާ އެތައް ޖީލެއް ވެއްޖެ......" ނަސްރީން ބުނެދިނެވެ.
މިލްހާ އޭނާގެ އިނގިލިތައް މޭޒުގެ އަރިމަތީގައި މަޑުމަޑުން ހާކައިލިއެވެ.
"އެހެންވިއްޔާ މި މޭޒަށް ވަރަށް ގިނަ ކަންކަން ފެނިފައި ހުންނާނެ."
"އާނ....މިލްހާ ހީކުރާވަރަށްވުރެވެސް ގިނައިން...."ނަސްރީން ބުނެލީ ލުއިގޮތަކަށެވެ، ނަމަވެސް އެ ޖުމްލައިގާ ވި ސިއްރުން ފުރިފައިވި ލަފުޒުތައް މިލްހާގެ ހިތުގައި ބިންވަޅުނެގުނެވެ.ފަހަރެއްގައި އެއީ ނަސްރީންގެ މޫނުމަތިން ފެނުނު ތަފާތު ކުލަވަރު ކަމަށްވެސް ވެދާނެވެ.
ނަސްރީން އިތުރު ދޮރުފަތްތަކެއް ހުޅުވިއެވެ.
ބަދިގެ ހީކުރިވަރަށްވުރެ މާ އަލިގަދައެވެ. މެދުގައިވާ ބޮޑު ކެބިނެޓް މަތީގައި ކޮޕަރ ތަވާތަކާއި ތެލި އެލުވާފައިވާއިރު ހަރުކޮށްފައިވާއިރު ބައެއް ޚާދިމާއިން ދިޔައީ ރޭގަނޑުގެ ކާނާ ތައްޔާރުކުރަމުންނެވެ. ތާޒާ ޕާނާއި ފަތްޕިލާވެލީގެ މީރުވަހުން ކޮޓރިވަނީ ފުރިފައެވެ.
މި ގޭގައި އެއްކޮށް ކިތައް ޚާދިމުން އުޅޭނެބާއެވެ؟ އޭނަ ހިތަށް އެތައް އެއްޗެއް އަރާފޭބިއެވެ.
ކައުންޓަރު ކައިރީގައި މަސައްކަތް ކުރަން ހުރި އުމުރުން ދުވަސްވީ އަންހެނަކު އިސްއުފުލާފައި ބަލައިލުމާއިއެކު ނަޒަރު ސީދާވީ މިލްހާއަށެވެ.
އެ އަންހެންމީހާގެ ލޮލުން ހައިރާންކަން ފެނިލުމާއެކު ގަނޑުވެ އަތުގެ ހަރަކާތްވެސް ހުއްޓުނެވެ. ނަމަވެސް އެއީ އެންމެ ސިކުންތުކޮޅަކަށެވެ. އެއާއެކު ދެވަނަ ސިކުންތުކޮޅުގައި އޭނާ ނަޒަރު ތިރިކޮށްލުމަށްފަހު އަނެއްކާވެސް ތަރުކާރީ ކޮށަން ފެށިއެވެ.
މިލްހާއާއި ނަސްރީނަށްވެސް ފާހަގަވިއެވެ. ނަމަވެސް ދެ މީހުންކުރެ އެކަކުވެސް އެކަމާއި ބެހޭގޮތުން އެއްޗެއް ބުނަން ބޭނުމެއްނުވިއެވެ.
"މިލްހާއަށް ކާން ކަމުދާ އެއްޗެއް ބުނަންވާނެ އިނގޭ...." ނަސްރީން ބުނެލިއެވެ. "ކުރިއަށްއޮތް މަސްތަކުގައި ރަހަ ހުރިގޮތް ދެނެގަތުމަށް މުވައްޒަފުންނަށް ދަތިވާކަށް ބޭނުމެއް ނޫން......."
މިލްހާ ހިނިތުންވެލިއެވެ. "ތި ބަހައްޓާ އޯގާތެރިކަމަށް ޝުކުރުވެރިވަން..އެކަމަކު އަޅުގަނޑަކީ ކާބޯތަކެއްޗަށް މާ ބޮޑަށް ފާޑުކިޔާ މީހެއް ނޫން. ކޮންމެ އެއްޗެއްވެސް ކެވިދާނެ... އަދި މި މީހުންނާއެކު ކެއްކުމުގައި ބައިވެރިވެލަންވެސް އަޅުގަނޑު ބޭނުން......."
މިލްހާއަކީ ކައްކާކަހަލަ މޫޑެއްގައި ހުރިއްޔާ މީރުކޮށް ކައްކަން އެނގޭ ކުއްޖެކެވެ.
އެ ވަގުތު އަނެއްކާވެސް އެހެން ކަމަކަށް އޭނަގެ ސަމާލުކަން ހުއްޓުނެވެ.
ލޯމަތިން ނޫ ކުލައިގެ ވިދުމެއް ފެނުނެވެ. އެ ކުޑަ އަންހެން ކުއްޖާ ހުރީ ބަދިގޭގެ އަނެއް ކޮޅުގައެވެ. އެކުއްޖާ މުވައްޒަފުންގެ ކައިރީގައި، އެމީހުން މަސް ކޮށާ މަންޒަރު ބަލަންހުރީވެސް ސީރިޔަސް ނަޒަރަކުންނެވެ. ކުއްލިއަކަށް އެކުއްޖާ މިލްހާއާ ދިމާލަށް އަނބުރައިލުމަށްފަހު ބަލަހައްޓައިގެން ހުއްޓެވެ.
މިލްހާއަށް ހުއްޓުން އެރިއެވެ. އޭނާގެ ހިތަށް ލޮޅުމެއް އެރިއެވެ. އެއީ ހަމަ އެ ކުއްޖާއެވެ. ހަމަ އެ ނޫ ކުލައިގެ ހެދުމެވެ. ހަމަ އެ ދެބައި ކޮށްފައިވާ މުށިކުލައިގެ އިސްތަށިގަނޑެވެ. ހަމަ އެ ސީރިއަސް މޫނެވެ. މިލްހާ ބަލަހައްޓައިގެން ހުއްޓެވެ. މިވީ ކިހިނެހެއްޔެވެ؟ އޭނާ ހުރީ ކުޑަވަގުތުކޮޅެއް ކުރިން ސިޓިންގ ރޫމްގައެވެ. އެ ކުއްޖާއަށް އެމީހުންނަށްވުރެ ކުރިން މިތަނަށް އާދެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިލްހާ ބަދިގޭ ސިޑިން ދެން ހުރި ކޮރިޑޯއާ ދިމާލަށް ބަލައިލިއެވެ. އޭނާއަށް ފެންނަން އޮތް އިތުރު ވަންނަ ދޮރެއް ނެތެވެ.
އެ ކުއްޖާ އަދިވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. އޭނަ ހިންދިރުވައިލިއެވެ.
"އާންޓް ނަސްރީން ...އެ ކުޑަ އަންހެން ކުއްޖަކީ ކާކުތަ؟" މިލްހާ ފަސްއެނބުރި ބަލައިލިއިރު ނަސްރީން ބަދިގެއިން ނުކުމެގެންދަނީއެވެ.
އެމީހުން އިތުރު ކޮޓަރިތަކެއް ހުރަސްކޮށްލިއެވެ. ހުޅަގުނގެ ވައްޓަފާޅި ބޮޑު ގިނަ އިންސްޓްރުމެންޓްތަކެއް ލާފައި ހުރި އަލަމާރި ހުރީ ދުވަސްވެފައިވާ މިއުޒިކް ކޮޓަރީގައެވެ. ތަފާތު ގަސްތަކުން ފުރިފައިވާ ކޮންޒަވެޓަރީއަކާއި ބަގީޗާތެރެ ފެންނަ ބޮޑެތި ކުޑަދޮރުތަކާއި ހުދު ކުލައިގެ ފާރުތައް ހުރި ކުޑަ މޯނިންގ ރޫމެކެވެ.
މިލްހާ އެންމެ ބޮޑަށް ހައިރާންކުރުވީ ލައިބްރަރީންނެވެ. އެ ކޮޓަރިވަނީ އެއް ފަރާތުގެ ދިގު މިނާ އެއްވަރަށެވެ.
ފޮތް ހަރުގަނޑުތައް ތަޅުންގަނޑުން ފެށިގެން ސީލިންގާ ހަމައަށް ހުއްޓެވެ. އޭގެ ދެމެދުގައި ހުރީ އުސް ކުޑަދޮރުތަކާއި ކަނޑާފައިވާ ލަކުޑި ސިޑިތަކެެވެ. ކޮންމެ ތަނަކުވެސް ފޮތް ހުއްޓެވެ—ހަމުގެ ބަނޑޭރިލާފައިވާ އިހުގެ ފޮތްތަކާއި، އާ އެޑިޝަންތަކާއި، އިނގިރޭސި، ފަރަންސޭސި އަދި ޢަރަބި ބަހުން ލިޔެފައިވާ ފޮތްތަކާއި، ތާރީޚާއި، ޅެމާއި، ފަލްސަފާއާއި، ހުނަރާއި، ދީނީ ފޮތްތައް ހުއްޓެވެ.
އަލިފާން އަންދާތަނުގައި އަލިފާން މަޑުމަޑުން އަދަމުންދިޔައެވެ.
މިލްހާ ލައިބްރަރީއަށް ވަނުމާއެކު ހިތަށް އުފާވެރިކަމެއް ލިބުނެވެ.
ނަސްރީން ހިނިތުންވެލިއެވެ. "މި ކޮޓަރި ކަމުދާނެ ކަމަށް އަހަރެން ހީކުރިން."
މިލްހާ އެންމެ ކައިރީގައި ހުރި ފޮތް ހަރުގަނޑާ ދިމާލަށް ޖެހިލިއެވެ.
އޭނާ ފޮތެއް ނަގައި، އޭގެ ބަނޑޭރި ގަނޑަށް ބަލައިލުމަށްފަހު އަނެއް ފޮތް ނެގިއެވެ.
"މި އާންޓް ނަސްރީނުގެ ފޮތްތައް؟"
"އާންޓެއްނޫން...މަންމަ ކިޔާ..."ނަސްރީން ހީލަމުން ބުނެލިއެވެ. ބައެއް އެއްޗެހި ހުރީ ސިފްރާންގެ ކާފަގެ. އަދި އަނެއްބައި އެއްޗެހި އަހަރުމެން އެއްކުރީ."
މިލްހާ ނަސްރީނުގެ މޫނަށް ބަލައިލިއެވެ. "އަޅުގަނޑަށް މިއިން ފޮތެއް ކިޔައިލެވިދާނެތަ؟"
ނަސްރީންގެ މޫނުމަތީގެ ކުލަވަރު ފަނޑުވިއެވެ. "މި ގޭގައިވާ ކޮންމެ އެއްޗެއް ކިޔައިލެވިދާނެ."
މިލްހާ އަނެއްކާވެސް ފޮތް ހަރުގަނޑުތަކަށް ބަލައިލިއެވެ. މުޅި މެންދުރު މިތާ ހޭދަކުރާ މަންޒަރު އޭނާއަށް މިހާރުވެސް ޚިޔާލުކޮށްލެވެއެވެ.
އެ ވަގުތު ނޫ ކުލައިގެ ހެދުން އެޅި އެ ކުޑަ އަންހެން ކުއްޖާ ހަނދާންވިއެވެ.
"އާންޓް...." މިލްހާ ވާހަކަކުރިއަށް ގެންދަން އުޅުނެވެ. އޭނާގެ ހިތުން އެ ކުއްޖާގެ ޚިޔާލު ފިލައިގެންނުދެއެވެ. އެއްފަހަރާ ދެ ތަނެއްގައި އެ ކުއްޖާއަށް އުޅެވުނީ ކިހިނެއް؟
"އެތާ ކުޑަ އަންހެން ކުއްޖެއް ހުރި."އަޅުގަނޑަށް އޭނާ ސިޓިންގ ރޫމުންވެސް ފެނުނު....އަދި ބަދިގެއިންވެސް ފެނުނު. ހީކުރީ އޭނާ ފަހަތުން އައީކަމަށް، ނަމަވެސް..."
އޭނާ ވާހަކަ ހުއްޓައިލިއެވެ. ކޮންމެވެސް އެއްޗެއް އޭނާގެ ހެދުމުގެ ފަހަތުގައި މަޑުމަޑުން ޖެހިލިއެވެ.
މިލްހާ އެނބުރިލިއެވެ. އެއްވެސް މީހެއް ނެތެވެ.
ކުއްލިއަކަށް ކުޑަ ކުޑަ އަޑެއް ކަންފަތުގައި ޖެހުނެވެ. " ތިއުޅެނީ އަޅުގަނޑު ނުފެނިގެން؟
ކުރިމަތިން އެ ކުޑަ އަންހެންކުއްޖާ ފެނުމާއެކު އޭނަގެ އަތުން ފޮތް ދޫވިއެވެ. ކަންފަތް ހަލާކުވާހާ ބާރަށް ހަޅޭއްލައިގަނެވުނެވެ.
ނުނިމޭ