މޮބައިލް ފޯނަކާއި 25،000 ރުފިޔާ މާލޭގެ ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީލަންކާ މީހަކު ބަންދުކޮށްފިއެވެ.
ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ ބިދޭސީއަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު އަމުރުން އެނގޭ ގޮތުގައި، އޭނާއަށް ކޮށްފައި ވަނީ ވައްކަމުގެ ތުހުމަތެވެ. އޭނާ އަކީ، މާލޭގެ ފިހާރައެއްގައި ވަޒީފާ އަދާކުރި މުވައްޒަފެކެވެ.
އޭނާ ދެކޮޅަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެތެރޭގައި، އޭނާ ފުރުމަށް ނަގާފައިވާ ފުލައިޓު ޓިކެޓާއި ދައުވާ ކުރާ މީހާގެ ސިޓީއާއި ހާދިސާ ރިޕޯޓާއި ދެ ހެކީންގެ ބަޔާނާއި އޭނާ ދައްކުވައިދޭ ވީޑިއޯ ފުޓޭޖުތަކުގެ ސްނެޕް ޝޮޓުތައް ހިމެނެއެވެ.
ކްރިމިނަލް ކޯޓު -- ފޮޓޯ/ އެޗްޑީސީއަމުރުގައި ވަނީ، ފިހާރައިގެ އެ ދުވަހުގެ ސޭލްސް ކަމަށްވާ 25،000 ރުފިޔާއާއި ފޯނެއް ވަގަށް ނެގި ކަމަށެވެ.
ފުޓޭޖުތައް ބެލިއިރު، އޭގެން ފެންނަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ކަމަށް ފިހާރައިގައި މަސައްކަތްކުރާ އިތުރު މުވައްޒަފުން ބަޔާންދީފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އަމުރުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، މި ކަމެއް ހިނގުމުގެ 10 ދުވަސް ކުރިން ފިހާރައިން ވަކިވެފައިވާ ކަމަށާއި ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ހުރީ "އެހެން ތަނެއްގައި" ކަމަށް މައްސަލައިގައި ތުހުމަތުކުރެވޭ ލަންކާ މީހާ ވަނީ ކޯޓުގައި ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ވައްކަމުގެ 2،326 މައްސަލައެއް ހުށަހަޅައިފައިވެއެވެ.