އޭ އާރު ރަހުމާންގެ އަމިއްލަ ހަޔާތުގެ މައްޗަށް ބިނާކޮށް އޮޓޯބަޔޮގްރަފީއެއް ނެރެނީ

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އޭ އާރް ރަހްމާން--ފޮޓޯ/މިޑްޑޭ

އިންޑިއާގެ މަޝްހޫރު މިއުޒީޝަން އޭ އާރް ރަހްމާންގެ ފަންނީ އަދި އުފެއްދުންތެރި ހަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް އެކުލެވޭ ހަޔާތުނާމާއެއް (އޮޓޯބަޔޮގްރަފީއެއް) ނެރުމަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.

"ރަޙްމާން: އަ ރެނެސަންސް"ގެ ނަމުގައި ނެރެން ހަމަޖެހިފައިވާ މި ފޮތަކީ ލިޔުންތެރިޔާ ރޫޕާ ޗަކްރަވަރުތީއާ ގުޅިގެން އެކުލަވައިލާ ފޮތެކެވެ. މި ފޮތުގައި ރަހްމާންގެ ފަންނުވެރި މަސައްކަތްތަކަށް އަސަރުފޯރުވި އެކިއެކި ތަޖުރިބާތަކާއި އޭނާގެ ފިކުރީ ވިސްނުންތަކަށް އަލިއަޅުވާލާނެއެވެ.

މި ހަޔާތުނާމާގައި ރަހްމާންގެ ޅަފަތުގެ ދިރިއުޅުމުން ފެށިގެން، ފަންނީ މައިދާނުގައި އޭނާ ހޯދި ކުރިއެރުންތަކާއި، މިއުޒިކް އުފެއްދުމުގެ ފަހަތުގައިވާ ފަލްސަފާތައް ވަރަށް ތަފްސީލުކޮށް ބަޔާންކުރާނެއެވެ. މީގެއިތުރުން، އޭނާގެ ފަންނިއްޔާތަށް ނުފޫޒުފޯރުވި އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކާއި ވިސްނުންތައްވެސް މި ފޮތުން ހާމަވެގެންދާނެއެވެ.

މި ފޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ރަހްމާން ބުނެފައިވަނީ، އޭނާގެ މިއުޒިކަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ނަފްސާނީ އިހްސާސްތަކާ ނުހަނު ބޮޑަށް ލާމެހިފައިވާ އެއްޗެއް ކަމަށެވެ.

އޭ އާރް ރަހްމާން އަދި ލިޔުންތެރިޔާ ރޫޕާ ޗަކްރަވަރުތީ--ފޮޓޯ/ބޮލީވުޑްހަންގާމާ

"އަހަރެންގެ މިއުޒިކް އުފަންވަނީ ވިސްނުމާއި ފިކުރަށް އަންނަ މެދުކެނޑުމެއްނެތް ބަދަލުތަކުގެ ތެރެއިން. ދިމާވާ ގޮންޖެހުންތަކާއި، އުންމީދުތަކާއި، ނިންމުންތައް ނިންމުމުގައި ކުރިމަތިވާ ދަތިތަކާއި އިމްތިހާނުތައް، އަދި އެކުވެރިކަމާއި ނަފްސާނީ ހަލަބޮލިކަމުގެ އިތުރުން އީމާންތެރިކަމަކީ މި ހުރިހާ ކަމެއް އެކުލެވިގެންވާ އަސާސްތައް. މިއިން ކޮންމެ ކަމަކީވެސް އަހަރެން އުފައްދާ މިއުޒިކުގެ މުހިންމު ބައެއް،" ރަޙްމާން ބުނެފައިވެއެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، މި ހަޔާތުނާމާގެ ސަބަބުން އޭނާގެ އުފެއްދުންތެރި ދަތުރުގައި ދިމާވި މުހިންމު ހާދިސާތަކާއި، އޭނާއަށް ނުފޫޒުފޯރުވި ކަންކަމާ މެދު ފުންކޮށް ވިސްނާލުމުގެ ފުރުސަތު އާއްމުންނަށް ލިބިގެންދާނެއެވެ.

ލިޔުންތެރިޔާ ރޫޕާ ޗަކްރަވަރުތީ މި ފޮތް އެކުލަވައިލުމުގައި މަސައްކަތްކުރަނީ، ރަހްމާންގެ ދިރިއުޅުމާއި މަސައްކަތްތައް އަދަބީ އަދި ފަންނީ ނަޒަރިއްޔާތަކުން ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

މި ފޮތް ބިނާވެފައިވަނީ ހަމައެކަނި މިއުޒިކް އުފެއްދުންތެރިއެއްގެ ގޮތުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ މިއުޒިކުގެ ފަހަތުގައިވާ ތަޖުރިބާތަކާއި އަގުހުރި ވިސްނުންތަކަށްވެސް ހާއްސަ އިސްކަމެއް ދީފައިވާނެއެވެ.

މީގެ 34 އަހަރު ކުރިން، 1992 ވަނަ އަހަރު މަނީ ރަތުނަމްގެ ތަމަޅަ ފިލްމު "ރޯޖާ"އިން މިއުޒިކުގެ ދާއިރާއަށް ނުކުތް ރަހުމާން ވަނީ، އިންޑިއާގެ ގައުމީ އެވޯޑުތަކުގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި އޮސްކާގެ ދެ އެވޯޑާއި، ގްރޭމީގެ ދެ އެވޯޑުގެ އިތުރުން ބާފްޓާ އަދި ގޯލްޑެން ގްލޯބް އެވޯޑު ހިމެނެއެވެ.

"ރަހްމާން: އަ ރެނެސެންސް" މި ފޮތް ރަސްމީކޮށް ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

comment ކޮމެންޓް