އަލަށް ތަރައްގީކުރި އެފްޑީސީ ފުލެޓުތަކުގައި އާބާދުވާ ފަރާތްތަކުން އެދޭނަމަ އެއް ދުވަހުން ސުޕަނެޓު ގުޅައި ދެނީ

އުރީދޫން ބުނީ އަލަށް ތަރައްގީކުރި އެފްޑީސީގެ ފުލެޓުތަކަށް ދިރިއުޅުން ބަދަލުކޮށް، ސުޕަނެޓުގެ ޚިދުމަތް ގުޅައިދޭން އެދޭތާ ދުވަހެއްތެރޭ އެ ޚިދުމަތް ގުޅައިދޭނެ ކަމަށް --- ފޮޓޯ: އުރީދޫ

އަލަށް ތަރައްގީކުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކަށް ދިރިއުޅުން ބަދަލުކޮށް، ސުޕަނެޓުގެ ޚިދުމަތް ގުޅައިދޭން އެދޭތާ ދުވަހެއް ތެރޭ އެ ޚިދުމަތް ގުޅައިދޭނެކަން އުރީދޫން މިއަދު ހާމަކޮށްފިއެވެ.

އުރީދޫން ބުނީ، ސުޕަނެޓުގެ ޚިދުމަތް އެއް ދުވަހުގެ ތެރޭ ކަސްޓަމަރުންނަށް ގުޅައިދެވުމުގެ ސަބަބުން އައު ފުލެޓުތަކަށް ބަދަލުވާ ހިސާބުން ފެށިގެން އާއިލާތަކަށް އަވަހަށް އިންޓަނެޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ޒަމާނުގައި އިންޓަނެޓަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުމެއްކަން ފާހަގަކޮށް އުރީދޫން ބުނީ، އެ ކުންފުނިން މަސައްކަތްކުރަނީ ފުލެޓުތަކުގައި ދިރިއުޅެން ފަށާ އާންމުންނަށް ފަސޭހަކަމާއެކު އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ސުޕަނެޓަށް އެދި ހުށަހެޅުމާ އެކު އެއް ދުވަހުގެ ތެރޭ ކަނެކްޝަން ގުޅައިދިނުމުން، ޑިޖިޓަލް އެކި ބޭނުންތަކަށް އަވަހަށް އޮންލައިންވެވޭނެ ކަމަށް، އުރީދޫން ބުންޏެވެ.

އޮންލައިން މީޓިންތަކާއި ކުލާސްތަކުގައި ބައިވެރިވުމާއި ގޭމް ކުޅުމާއި އާއިލާއާއި ރައްޓެހިންނާއެކު ގުޅުން ބޭއްވުމަށް ބޭނުންވާ ދުވެލީގައި ސުޕަނެޓުގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން އުރީދޫން ދެއެވެ.

އުރީދޫން ބުނީ، އެއް ދުވަހުގެ ތެރޭ ސުޕަނެޓު ގުޅައިދިނުމުގެ އިތުރުން ކޮންމެ ކަނެކްޝަނަކާއެކު މަހު ފީއެއް ދައްކަން ނުޖެހޭ ހިލޭ ޓެލެފޯނެއް ވެސް ލިބޭނެ ކަމަށާއި، ހިލޭ 1،000 މިނެޓު ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ސުޕަނެޓުގެ ދަށުން އެކި ޕެކޭޖު ކަސްޓަމަރުންނަށް އިޚްތިޔާރުކުރެވޭނެކަން ފާހަގަކޮށް އުރީދޫން ބުނީ، އެ ކުންފުނިން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ފަސޭހަކަމާއެކު ސުޕަނެޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް