"ށ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރަކަށް 269,992 ރުފިޔާ ޚަރަދުކުރީ އުސޫލާ ޚިލާފަށް"

ށ. އަތޮޅު ކައުންސިލުން ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން --

ށ. އަތޮޅު ކައުންސިލް އިދާރާއިން 30 މުވައްޒަފުންނާއެކު ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރަކަށް 269,992 (ދެ ލައްކަ ފަސްދޮޅަސް ނުވަ ހާސް ނުވަ ސަތޭކަ ނުވަދިހަ ދޭއް) ރުފިޔާ ޚަރަދުކޮށްފައި ވަނީ ދައުލަތުގެ ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިކަން ފާހަގަކޮށްފައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ށ. އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ފެބްރުއަރީ 15 އިން 18 އަށް ލ. ފޮނަދޫ، ލ. ގަން، ލ. ހިތަދޫ އަދި ލ. އަތޮޅު ކައުންސިލަށް ކުރި ހަތަރު ދުވަހުގެ މި ދަތުރުގައި ކައުންސިލްގެ ރައީސާއި، ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އިދާރާގެ 28 މުވައްޒަފުން ބައިވެރިވިއެވެ. މި ދަތުރަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު:

  • ވައިގެމަގުން ކުރެވުނު ޓިކެޓް ޚަރަދު: 175,620 ރުފިޔާ
  • ބައިވެރިންގެ ހުރުމާއި ކެއުން: 63,600 ރުފިޔާ
  • ކަނޑު މަގުން ކުރެވުނު ދަތުރުގެ ޚަރަދު: 29,922 ރުފިޔާ
  • އެއްގަމު މަގުން ކުރެވުނު ދަތުރުގެ ޚަރަދު: 850 ރުފިޔާ

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި، އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިކޮށްގެން މިފަދަ ދަތުރެއް ކުރުމަކީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އިރުޝާދު ދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް އަމަލުކޮށްފައި ނުވުމެވެ. އަދި ދަތުރުގެ ރިޕޯޓު އެކުލަވާލާފައިވީ ނަމަވެސް، ދަތުރުން ހާސިލުވި ކަންކަން އޮފީސް މާޙައުލުގައި ނުވަތަ އިދާރާގައި ބޭނުންކުރެވެމުންދާ ގޮތުގެ ތަފްސީލީ ލިޔެކިޔުން ބަލަހައްޓާފައި ނުވާކަންވެސް ރިޕޯޓުގައި ވެއެވެ.

މިކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ، ދަތުރުތައް ކުރުމުގައި އިޤްތިސާދީ ގޮތުން އެންމެ ފައިދާހުރި ގޮތަށް އަމަލުކުރުމަށާއި، ދަތުރުގެ ކުރިންނާއި ފަހުން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ތަފްސީލު ލިޔުމުން ބެލެހެއްޓުމަށް ލަފާދެއްވާފައެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާ ހޯދައިދިނުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިވެގެން އުޞޫލީ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އިރުޝާދު ދެއްވާފައި ވެއެވެ.

comment ކޮމެންޓް