ވިޔަފާރި ދާއިރާގެ ތަޖުރިބާކާރު ފާއިޒް މިފްކޯގެ ޗެެއާޕާސަންކަމަށް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއާޕާސަންކަމަަށް އައްޔަންކުރެއްވި ފާއިޒް --

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗެއާޕާސަން ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ވިޔަފާރި ދާއިރާގެ ތަޖުރިބާކާރު ޢަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ފާއިޒް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މިފްކޯގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ އަގުހުރި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ތަޢުލީމީ ބޭފުޅެއް ވެސް މެއެވެ.

ފާއިޒު ވަނީ މީގެ ކުރިން ދައުލަތުގެ މުހިންމު ކުންފުނިތަކެއްގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން 13 ފެބުރުވަރީ 2019 ގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމަށް އައްޔަންކުރެވި، އެ މަގާމު ފުރުއްވާފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގެ ޗެއާމަންކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒު ވަނީ ދައުލަތުގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޑިރެކްޓަރު ޓު ދަ ޗެއާމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ކޭޓަރިން އަދި އިންވެސްޓްމަންޓް ދާއިރާގެ އެކި އިސް މަގާމުތައް ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ރާއްޖޭގެ ވިޔަފާރި ޖަމިއްޔާތައް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަމާއި، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ އިތުރުން އެ ޖަމިއްޔާގެ ނައިބު ރައީސްކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް