ދިއްދޫއަށް އަނެއްކާވެސް މުސްތަޓޭ: ''މިއީ ޗެލެންޖެއް، އައު ޗެޕްޓަަރެއް، ވަރަށް ބޮޑު ހުވަފެނެއް''

ބީއެމްއެލް ނޯތު ރީޖަންގެ ޗެމްޕިއަން ޝީލްޑާއެކު ކޯޗު މުސްތަޓޭ--

ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވާ ހއ. ދިއްދޫގެ ކޯޗުކަމާ ދެވަނަ ފަހަރަށް މޫސާ އިބްރާހިމް (މުސްތަޓޭ) ހަވާލުވެއްޖެއެވެ.

މަގާމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު މުސްތަޓޭ ވަނީ ދިއްދޫގެ ކޮމިއުނިޓީން އޭނާއަށް ދޭ ލޯތްބާއި، ކުރާ އިތުބާރުގެ އިތުރުން ޓީމަށް ދޭ ސަޕޯޓާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ދިއްދޫއަށް ލީގުގެ ޖާގަ ހޯދައިދިނުމަށްފަހު މުސްތަޓޭ ކުރިން އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ނަމަވެސް، މިއީ އަލުން އެ ޓީމުގެ މަސްއޫލިއްޔަތާ އޭނާ ހަވާލުވި ފަހަރެވެ. ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު މުސްތަޓޭ ބުނީ މިއީ އާ ޗެލެންޖެއް، އާ ޗެޕްޓަރެއް، ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

ދިއްދޫގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު މުސްތަޓޭ--

އޭއެފްސީ ބީ ލައިސަންސް ހޯދާފައިވާ ނ. ހޮޅުދޫއަށް ނިސްބަތްވާ މުސްތަޓޭ ވަނީ އެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތާއި، އެފްއޭއެމް ރީޖަނަލް ލީގު އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތަކުގައި ދިއްދޫ ގޮވައިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ދިއްދޫ ގެންގޮސްދިނުމުގައި ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ފުޓްބޯޅައިގެ އިތުރުން މުސްތަޓޭއަކީ ފުޓްސަލްގައިވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ.

ހަ ޓީމު ވާދަކުރި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނިމުނުއިރު ގަދަ ހަތަރު ޓީމަށް ވަނީ ލީގުން ޖާގަ ލިބިފައެވެ. ކޮލިފިކޭޝަންގެ ކުރީގައި އުޅުނު ޓީސީ، ބިސް ބުރު އަދި ދިއްދޫ—މި ތިން ޓީމަށްވެސް ލިބުނީ 10 ޕޮއިންޓެވެ. ޓީސީއަށް ފައިދާ 10 ގޯލާއެކު އެއްވަނަ ލިބުނުއިރު، ދެވަނައިގައި އޮތް ބިސް ބުރަށް ފައިދާ 8 ގޯލު އަދި ތިންވަނަ ހޯދި ދިއްދޫއަށް ފައިދާ 4 ގޯލު ލިބުނެވެ.

ނުވަ ޕޮއިންޓާއެކު ހަތަރުވަނަ ހޯދީ މުހައްމަދު ނަޒީހުގެ ކޯޗުކަމުގެ ދަށުން ކުޅުނު ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫއެވެ.

މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ހޯމް މެޗުތައް އެ ރަށު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގެ ގަލޮޅު ދަނޑުގައެވެ. މި މެޗުގައި ދިއްދޫ ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު