އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް އަދި ދެ ބާވަތަކުން ވިޔަސް އިންޖީނުލީ ދެ އުޅަނދަށް ވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ "މަލްޓިޕަލް އޯނާޝިޕް ފީ"ގެ ނަމުގައި އަހަރަކު އެއްފަހަރު ދައްކަންޖެހޭ ޚާއްސަ ފީއެއް އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ތަޢާރަފްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރައްވައި އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ 99 ވަނަ މާއްދާގައިވާ ގޮތުން، އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ އަދަދު ދެއަކަށް ވުރެ އިތުރުވާ ނަމަ، ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށް ވުރެ އިތުރުވާ ނަމަ އަހަރަކު އެއްފަހަރު ދައްކަން ޖެހޭ ފީއެއް އޮންނާނެއެވެ.
މި އިސްލާހުގެ ދަށުން ފީ ނަގަން ފަށާނީ ގާނޫނު ތަސްދީގުކުރި ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ. އަދި މި ފީ ކަނޑައަޅާނީ އުޅަނދުގެ އިންޖީނު ކެޕޭސިޓީ (ސީސީ) އަށް ބަލައިގެން ކަމަށް ގާނޫނުގެ ދެވަނަ ޖަދުވަލުގައި ބަޔާންކޮށްފައިވެއެވެ.
މަލްޓިޕަލް އޯނާޝިޕް ފީ ކަނޑައަޅާފައި ވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސައިކަލާއި އިންޖީނުލީ ބައިސްކަލުގެ ކެޓަގަރީގެ އިތުރުން އެ ނޫން އެހެން ވެހިކަލްތަކުގެ ކެޓަގަރީއެވެ.
ސައިކަލުތަކުން މަލްޓިޕަލް އޯނާޝިޕް ފީ ނަގާ ރޭޓްތައް:
- 50 ސީސީ ހަމަނުވާ އުޅަނދުތަކަށް: އަހަރަކު 360 ރުފިޔާ
- 50 ސީސީ އާއި 100 ސީސީއާ ދެމެދު: އަހަރަކު 720 ރުފިޔާ
- 100 ސީސީ އާއި 150 ސީސީއާ ދެމެދު: އަހަރަކު 1،296 ރުފިޔާ
- 150 ސީސީ އިން މަތި، 200 ސީސީ ހަމަނުވާ: އަހަރަކު 2،304 ރުފިޔާ
- 200 ސީސީ އިން މަތި، 400 ސީސީ ހަމަނުވާ: އަހަރަކު 12،960 ރުފިޔާ
- 400 ސީސީ އިން މަތީގެ އުޅަނދުތަކަށް: އަހަރަކު 17،280 ރުފިޔާ
މީގެ އިތުރުން، ކާރާއި ވޭން އަދި ޖީޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް އެކަކަށް އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓަރީ ކުރާ ނަމަ، އިންޖީނުގެ ކެޕޭސިޓީއަށް ބަލައި އަހަރަކު 4،320 ރުފިޔާ އިން ފެށިގެން 22،480 ރުފިޔާއާ ހަމައަށް ފީ ދައްކަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.
މުދާ އުފުލާ އުޅަނދުތަކަށް ބަލާއިރު، އުފުލޭ ބަރުދަނަށް ބަލައި އަހަރަކު 3،600 ރުފިޔާ އިން ފެށިގެން 15،000 ރުފިޔާއާ ދެމެދުގެ އަދަދެއް ފީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
މި ފީ ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ މަގުތަކުގައި ވެހިކަލް ގިނަވުން ކޮންޓްރޯލްކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ އުސޫލަކުން ތަރުތީބުކުރުމެވެ.