ޖަޕާނުގެ އައިޗީ-ނަގޯޔާގައި އަންނަ މަހުގެ 19 އިން އޮކްޓޫބަރު 4 އަށް ބާއްވާ އޭޝިއަން ގޭމްސްގެ ތާރީހީ ފުރަތަމަ ސާފިން އިވެންޓުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި މަރިޔަމް ރާހިލް ނަސީމް (އާޔާ)، ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަދި އައިމިނަތު ތާނީސް ޝިރަން ހިމެނިއްޖެ އެވެ.
ރާއްޖެއަށް އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންގެ ޖާގަ ކަށަވަރުވީ 2024 ގައި ތުލުސްދޫގައި ބޭއްވި އޭޝިއާގެ ސާފިން މުބާރާތާއި، މިދިޔަ އަހަރު އިންޑިއާގެ ޓަމިލް ނާޑޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދެއްކި ރަނގަޅު ނަތީޖާތަކުންނެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ސާފިންގެ އިތުރުން އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީ، ސްވިމިން، ޝޫޓިން އަދި ޓޭބަލް ޓެނިސް ހިމެނޭހެން ޖުމްލަ ހަތް ކުޅިވަރަކުން ރާއްޖެއިން ވާދަކުރާނެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނި ގޮތުގައި، ޗެފް ޑި މިޝަންގެ ގޮތުގައި އަހުމަދު ނާސިފް އިސްކޮށް ހުންނަވާ މި ކޮންޓިންޖެންޓުގައި ޖުމްލަ 81 މެމްބަރުން ބައިވެރިވެއެވެ.
މީގެ ތެރެއިން ސާފިން ޓީމުގެ އެކޮމަޑޭޝަން ނަގޯޔާގައި ހަމަޖައްސާފައިވާއިރު، ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ މުބާރާތް ކުރިއަށްދާ ޓޯކިޔޯގަ އެވެ.