ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އުފައްދާ ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތައް ޤާއިމުކުރާނެ ރަށްތައް ރަސްމީކޮށް ނިންމައިފިއެވެ.
އެފްއޭއެމުން ރޭ ބޭއްވި އެގްޒެގެޓިވް ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގެ ނިންމުންތަކުގައިވާ ގޮތުން، ސަރަޙައްދީ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ހަތަރު ސަރަޙައްދަކަށް ބަހާލައިގެންނެވެ.
- ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން: ހއ. ދިއްދޫ
- ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން: އދ. މަހިބަދޫ
- މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަން: މާލެ
- ސައުތު ރީޖަން ފުޓްބޯޅ އެސޯސިއޭޝަން: ލ. ގަން
ރީޖަނަލް އެސޯސިއޭޝަންތައް ގާއިމުކުރުމަށް ނިންމާފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ފުޓުބޯޅަ ދަނޑުތަކާއެކު މަދު ފެސިލިޓީތައް ހިމެނެއެވެ. އަދި މި ސަރަހައްދުތަކަކީ ފުޓުބޯޅައިގެ ފޯރި ގަދަ ރަށްތަކެކެވެ.
މީގެ އިތުރުން އެފްއޭއެމުގެ އެކްސްކޯއިން ވަނީ މި ބައްދަލުވުމުގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓު އޮފީހެއް ބ. އޭދަފުށީގައި ގާއިމުކުރުމަށް ނިންމާފައެވެ.
މުބާރާތްތައް މާލެއަށް އެކަނި ބުރަވެފައި އޮތް އޮތުން ބަދަލުކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމަށްޓަކައި އެފްއޭއެމުގެ މިހާރުގެ އެކްސްކޯއިން ހާއްސަ އިސްކަމެއް ވަނީ ދީފައެވެ. މި ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދުމުގެ އަމާޒަކީ އަތޮޅުތަކުގެ ކްލަބްތަކަށް ސީދާ އެފްއޭއެމްގެ ނިޒާމުގެ ތެރެއިން ވާދަކުރުމުގެ ފުރުޞަތު ދިނުމާއި، އަތޮޅުތެރޭގައި ޓެކްނިކަލް އަދި އިދާރީ ޤާބިލުކަން އިތުރުކުރުމެވެ.
އެފްއޭއެމުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރަޙައްދީ މަރުކަޒުތަކެއްގެ ގޮތުގައި ވަކި ރަށްތަކެއް ކަނޑައެޅުމަކީ އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު ކަމެކެވެ.