ފީބާ އޭޝިއާ ކަޕް 2029 ގެ ޕްރީ-ކޮލިފައިން ފުރަތަމަ ބުރުގައި ކުޅުނު ތިންވަނަ މެޗުން ރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ފަލަސްތީން އަތުން ބަލިވެއްޖެއެވެ.
ކަޒަކިސްތާނުގެ އަލްމަޓީގައި ހުންނަ ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައި ކުޅުނު މި މެޗު ފަލަސްތީނުން ކާމިޔާބުކުރީ 78-168 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މުބާރާތުގައި ރާއްޖެއަށް ޖެހިޖެހިގެން ކުރިމަތިވި ތިންވަނަ ނާކާމިޔާބީއެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން 65-107 އިން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި ކަޒަކިސްތާން އަތުން ބަލިވީ 43-114 ގެ ނަތީޖާއަކުންނެވެ.
ފީބާ އޭޝިއާ ކަޕް 2029 ގެ ޕްރީ-ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެމްބީއޭޖުމްލަ 18 ޤައުމު 4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސްރީ ލަންކާ، ކަޒަކިސްތާން، ފަލަސްތީން އަދި ކިރްގިޒްސްތާނެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ކިރްގިޒްސްތާނާ ދެކޮޅަށެވެ.
މި ޕްރީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމުތަކަށް މެއިން ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. އަދި އެ ބުރުން އެންމެ މޮޅު 16 ޓީމު، 2029 ވަނަ އަހަރު ބާއްވާ ފީބާ އޭޝިއާ ކަޕަށް ކޮލިފައިވާނެއެވެ.