ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން ކުރިއަށްގެންދިޔަ ތަހުގީގަކުން، އެއްވެސް ރެކޯޑެއް ނުހުންނަ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެތައް ސަތޭކަ މިލިއަން ޔޫރޯއެއް ފޮނުވުމަށް ބޭނުންކުރި ވަޓްސްއެޕް ގްރޫޕެއް ފަޅާއަރުވާލައިފިއެވެ. މި ފައިސާ ބޭނުންކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށްތަކަށާއި ހައްދުފަހަނަޅާފައިވާ އަމަލުތަކަށް ހަރަދުކުރުމަށެވެ.
"ޓްރޭޑާސް އޮފް ގްރޭޓާ ޔޫރަޕް" ގެ ނަން ދީފައިވާ މި ވަޓްސްއެޕް ގްރޫޕުގައި 532 މެންބަރުން ތިއްބެވެ. މި ގްރޫޕު މެދުވެރިކޮށް އިނގިރޭސިވިލާތުގެ ލަންޑަނާއި ބާމިންހަމް ފަދަ ސިޓީތަކަށްވެސް ފައިސާ ފޮނުވާފައިވެއެވެ. ބެލްޖިއަމްގެ އިންވެސްޓިގޭޓިން މެޖިސްޓްރޭޓް ވިންސެންޓް ގުއެރާ ހޯއްދެވި މި ގްރޫޕުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް 82،000 އަށް ވުރެ ގިނަ މެސެޖު ބަދަލުކޮށްފައިވެއެވެ.
ގުއެރާ ވިދާޅުވި ގޮތުގައި މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ ނެޓްވޯކެކެވެ. އަދި މިއީ ސަރުކާރުގެ އެއްވެސް ބެލެހެއްޓުމެއް ނެތި ހިންގާ ޕްރޮފެޝަނަލް ބޭންކަރުންތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. މި މުއާމަލާތްތައް ހިންގާފައިވަނީ ބޭންކުތަކުން ބޭނުންކުރާ ސްވިފްޓް ނިޒާމުގެ ބޭރުން، ގަދީމީ ހަވާލާ ނިޒާމު ބޭނުންކޮށްގެންނެވެ. މި ގްރޫޕު ހާއްސަކޮށްފައިވަނީ 5،000 ޔޫރޯއަށް ވުރެ މަތީގެ މުއާމަލާތްތަކަށެވެ.
ބީބީސީ ހިމެނޭ ގޮތަށް އީބީޔޫއިން ކުރި މި ތަހުގީގަށް ވަޓްސްއެޕް މެސެޖުތައް ލިބުނީ 2024 ވަނަ އަހަރު ބެލްޖިއަމްގައި ހިންގި ޝަރީއަތަކަށް ފަހުގައެވެ. މި މައްސަލައިގައި ފައިސާ ލޯންޑާކުރި ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ބްރަސަލްސްގައި މި ނެޓްވޯކް ހިންގުމާ ހަވާލުވެ ހުރި އަބޫ އާދަމްއާއި އޭނާގެ ނައިބު އަބޫ އަހުމަދު ހިމެނެއެވެ. ބެލްޖިއަމްގެ ފުލުހުންނަށް ހޯދިފައިވާ ގޮތުގައި، ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނަށް ބްރަސަލްސްއިން ފައިސާ ފޮނުވާފައިވެއެވެ.
މި ފައިސާއަކީ ހައްޔަރުކޮށްފައި ތިބި ހަނގުރާމަވެރިންގެ އަނބިން ކޭމްޕުތަކުން ފިލުމަށް އެހީތެރިވުމުގެ ގޮތުން ފޮނުވި ފައިސާއެވެ. އަބޫ އާދަމް ހައްޔަރުކުރިއިރު އޭނާގެ ފޯނުން ފަސް ޔޫރޯގެ ނޫޓުގެ 6،000 ފޮޓޯއާއި، އައިޑެންޓިޓީ ކާޑުގެ 6،000 ފޮޓޯ ފެނިފައިވެއެވެ. މިއީ ހަވާލާ މުއާމަލާތްތަކުގައި ކޯޑެއްގެ ގޮތުގައި ބޭނުންކުރާ ތަކެއްޗެވެ.
ހަވާލާ ނިޒާމު ބޭނުންކޮށްގެން ޔޫރަޕްގައި އިންސާނުން ސްމަގްލްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަންވެސް އީބީޔޫގެ ތަހުގީގަށް ވަނީ ހާމަވެފައެވެ. ކުރިން ފައިސާ ލޯންޑާކުރުމުގައި އުޅުނު ފްރޭންކް ނަމަކަށް ކިޔާ މީހަކު އީބީޔޫއަށް މައުލޫމާތު ދިން ގޮތުގައި، އޭނާ ވަނީ އެތައް ސަތޭކަ މިލިއަން ޔޫރޯއެއްގެ މުއާމަލާތްތަކުގައި ބައިވެރިވެފައެވެ. ރޮޓަޑަމްގެ ބޭރުގައި ހުރި އޮފީހެއްގައި ގަޑިއިރެއްހާއިރު ތެރޭގައި މަދުވެގެން އެއް މިލިއަން ޔޫރޯގެ ފައިސާ ބަދަލުކުރިކަން އޭނާ ފާހަގަކުރިއެވެ.
އޮސްޓްރިއާގެ ފުލުހުން ދާދި ފަހުން ވަނީ ވިއެނާގައި ހިންގި އެންމެ ބޮޑު ހަވާލާ އޮފީސް ބަންދުކޮށްފައެވެ. ކެބަބް ވިއްކާ ރެސްޓޯރެންޓެއްގެ ގޮތުގައި ހިންގި މި ތަނަކީ އިންސާނުން ސްމަގްލްކުރުމަށް ފައިސާ ދެއްކުމަށް ބޭނުންކުރި ތަނެކެވެ. މިކަމުގައި އިސްކޮށް އުޅުނު ސީރިއާގެ ދެބެންގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރާއި އަށް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެ މީހުން ވަނީ 350،000 ޔޫރޯ ގެއްލުނު ކޫރިއަރަކަށް އަނިޔާކޮށް ރޭޕްކޮށްފައެވެ.
މީގެ އިތުރުން، އޮސްޓްރިއާގެ ފުލުހުންނާއި ޔޫރަޕޯލް ގުޅިގެން ދާދި ފަހުން ވަނީ 18 މަސްދުވަހުގެ ތެރޭގައި 100000 މީހުން ޔޫރަޕަށް އެތެރެކުރި ސްމަގްލިން ނެޓްވޯކެއްވެސް ހުއްޓުވާފައެވެ. އޮސްޓްރިއާގެ ކްރިމިނަލް އިންޓެލިޖެންސް ސާވިސްގެ ޖެރަލްޑް ޓަޓްޒްގާން ވިދާޅުވި ގޮތުގައި، ސްމަގްލްކުރާ މީހުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާއިލާތަކަށް ފޮނުވައިގެން، ހަވާލާ މެދުވެރިކޮށް މަދުވެގެން 1،000 ޔޫރޯ ހޯދުމަށް ކުށްވެރިން ޑިމާންޑްކުރެއެވެ. ޔޫރަޕޯލްގެ އޮފިޝަލް ކުއެންޓިން މުގް ފާހަގަކުރެއްވި ގޮތުގައި، ހަވާލާ ނިޒާމަކީ އިންތިޒާމުވެގެން ހިންގާ ކުށްތަކުގައި ފައިސާ ލޯންޑާކުރުމަށް ބޭނުންކުރާ އެންމެ މައިގަނޑު މަގެވެ.