"އެންމެ ހިތްވަރުގަދަ މީހާއަކީ އެހެން މީހުން ވެއްޓުނަ ނުދީ ނަގައިދޭ މީހާއެވެ. އެހެން މީހުންނަށް އެހީތެރިވެ ކުރިއަރުވަން މަސައްކަތްކުރުމުން ތިބާއަށް އޮންނާނީ ފައިދާއެވެ."
***
ޑެނިއަލްގެ ފައިގާ ލާން ބޭސްގެނައީ ރިހިކުލައިގެ ތަށިކޮޅެއްގައެވެ. ފެހިކުލައިގެ ފަތާއި އެހެން ސާމާނުތައް އަޅާފައިވިއެވެ."އެންމެ ކުރިން ކައިގެން ތެޔޮދަމާފައި ބޭސްއަޅާދޭނީ..."
"މަންމާ..އަޅުގަނޑުގެ ފައި ރަގަޅެއްނުވާނެ...އަޅުގަނޑަށް ނުހިނގޭނެ....."ޑެނިއަލް އަޅަ އަޅަައިގެންފާ އުދަގުލުން ވާހަކަދެއްކެއްވިއެވެ.
"ދަރިފުޅު ވާހަކަވެސް ނުދައްކާނެކަމަށް އެންމެން ބުނީ..ހަކީމުންނަކަށްވެސް ތި ބައްޔެއް ދަރިފުޅަށް ވެގެން އުޅޭގޮތެއް ނުހޯދުނު..ތަންކޮޅެއް ދުރު ކަރައަކުން ބޭސްވެރިޔަކު ގެންނަންވީ...އަދި ހިނގޭނެއޭ ދަރިފުޅު..އެއްވެސް ކަމަކުން އުއްމީދުކަނޑައިލާކަށް ނުވާނެ......." ކެތްރީން ދަރިފުޅަށް ފަރިއްކޮޅު ދެއްވަންވެގެން ތަށިތައް ކައިރިކޮށްލެއްވިއެވެ. އެކަމަނާގެ ހުރިހާ ވަގުތާއި ޚިދުމަތަކީ މި ދަރިކަލުންނަށް ވަގުފުކޮށްފައިވާ އެއްޗެކެވެ.
***
އެތައް އަހަރެއްގެ ދިގު އިންތިޒާރަށްފަހު ޝަހަރާއި ގަނޑުވަރުގެ މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. އަދި ސިޔާސީ ކަންތައްތަކަށްވެސް އެތައްގޮތަކަށް ފުރޮޅިގެން ގޮސްފައިވެއެވެ. ޒާއިމް އަކީ މިހާރު ހިތްވަރުގަދަ އަދުލުވެރި އަދި މުޅި ލަޝްކަރުގެ އިޙްތިރާމް ލިބިފައިވާ ޒުވާން ލީޑަރެކެވެ. އެމަނިކުފާނުގެ އަނބިކަނބަލުންގެ މަގާމު ލިބިވަޑައިގަތީ ފިޔާތޮށިކުލައިގެ ދޮންކަމަކާއި ރަންކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާ ގަނޑުވަރުގެ އެންމެ ފަރި އޯގާތެރި ބުތައިނާގެ ދަރިކަނބަލުން ހާލާއަށެވެ. އާއިލީ ގުޅުމުގެ ތެރެއިން އުފަންވި ނަމަވެސް، އެ ދެމެދުގައިވަނީ އިޚްލާޞްތެރި ފުން ލޯތްބެކެވެ.
މުސްލިމުންގެ ޝާހީ ގަނޑުވަރުގެ ބޮޑު ހައްމާމު ވަނީ ތާޒާ މަލުގެ ވަހުންނާއި އަނގުރު އަލިފާންކުލައިގެ އުއްބަތިތަކުގެ މަޑު އަލީުން އުޖާލާވެފައެވެ. ޚާދިމާއިން ދިޔައީ ހާލާގެ ނާނޭފުޅު ފިއްލެވުމުގެ ކަންކަން ތައްޔާރުކުރަމުންނެވެ. ހާލާގެ ދިގު އިސްތަށިގަނޑުގައި ސާބޫން އުނގުޅައި ދުނިޔޭގެ އެންމެ މަޑު އިސްފަންޖުން ހަށިގަނޑު ސާފުކުރުމަށްފަހު ޒައުފަރާނާއި ކުދީނާ އެއްކޮށްފައިވާ ތާޒާ ފެން ތަށިތަކުން އެކަމަނާގެ ހަށިކޮޅަށް ފެންއެޅިއެވެ.
އެއަށްފަހު ރަން ހޮޅިތަކުން ތާޒާ ފެންއަޅާލަދިނުމުން ހާލާ ބިލިގާގައި އިރުކޮޅަކު އޮންނެވިއެވެ. ފެންގަނޑުން މައްޗަށް އަރާ ވަޑައިގަތުމާއެކު ޚާދިމާއިން އައިސް އެކަމަނާގެ ހަށިކޮޅު ހިއްކައި ކަސްތޫރިއާއި ގުލާބީ ތެޔޮ އުނގުޅައިދިނެވެ.
ހާލާ ރީތިގޮނޑިކޮޅެއްގައި ކޮޓަރީގެ ކުޑަދޮރު ކައިރީގައި އިންނެވިއެވެ. އެވަގުތު ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު އެތެރެއަށްވެދެ ވަޑައިގަތީ ޒާއިމްއެވެ. ޒާއިމް ފެނުމާއެކު އެކަމަނާގެ ތުންފަތްޕުޅަށް ލާނެތް އެހާމެ ލޯބި ހިނިތުންވުމެއް ވެރިވިއެވެ.
"ތިޔަހާ ލަހުން ތި ވަޑައިގަތީ ކީއްވެ؟" ހާލާ މަޑުމަޑުން ސުވާލުކުރެއްވިއެވެ.
ޒާއިމް ހާލާގެ ކައިރީގައި އިށީނދެވަޑައިގެންފާ އެކަމަނާގެ ކަސްތޫރި ވަސްދުވާ ފިނި އަތްޕުޅުގައި މަޑުމަޑުން ހިފަހައްޓަވާލެއްވިއެވެ. "ކަމަނާ ހައްމާމުގެ ޚިދުމަތްތައް ނިމެންދެން މަޑުކޮށްލީ..... ތިޔަ ރީތިކަން ފެނުމުން، މަޑުކުރަންޖެހުނު ކޮންމެ ސިކުންތެއްގެ އަގު ލިބިއްޖެ......"
ހާލާ ލަދުން އިސްޖައްސަވާލައްވަމުން ޒާއިމްގެ މޭގައި ބޯއަޅުުއްވާލެއްވިއެވެ. "ޒާއިމް... އަޅުގަނޑު އަބަދުވެސް އެދެނީ ތިޔަ އޯގާތެރިކަމުގައި ދެމިއިނުމަށް......"
"އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ހާލާއަށް އެއްވެސް ދެރައެއް ލިބުނަ ނުދޭނަން..." ޒާއިމް ހާލާގެ ނިތްކުރީގައި ބޯޖައްސާލަމުން ވަޢުދުވެ ވަޑައިގަތެވެ.
އެރޭ ގަނޑުވަރުގެ ބޮޑު ކޭންބޭއްވުމުގެ ތަނުގައި ތައްޔާރުކުރެވިފައިވަނީ އާދަޔާޚިލާފު މީރު ކާނާތަކެކެވެ. އެ ތަށިތަކުގެ ތެރޭގައި ޒައުފަރާން ކުލައިގެ ކުލަރީތި މީރު ރިހަގަނޑަކާއެކު ތައްޔާރުކޮށްފައިވާ ޝާހީ ތެލުލި ބަތް ޓްރަފުލް މަސް ބޯޅަ ހަރުކޮށް ފިހެފައިވާ ކުޅިބާބެކިއު ލޭމްބތާޒާ ސެލަޑާއި ޔޯގަޓްކުދިކޮށް ކޮށާފައިވާ ފިޔާ ޓޮމާޓޯ ކެކުރި އަދި ޔޯގަޓްގައި ފޯކޮށްފައިވާ ސެލެޑްއެވެ.
އާއިލާގެ އެންމެން އުފަލާއެކު ފަރިއްކޮޅަށް އިންސާފުކުރަން ތިއްބެވި ނަމަވެސް، އެ ސުފުރާގެ އެއްކަނުގައި އާލަމް އިނީ ދަތްކުނޑިވިކާލައިގެންނެވެ. ޒާއިމްއާއި ހާލާގެ އެ އުފާވެރިކަމާއި ޒާއިމްއަށް އެންމެން ކުރާ އިޙްތިރާމް ފެނި އާލަމްގެ ހިތުގައިވި ޙަސަދަވެރިކަމުގެ އަލިފާން ދިޔައީ އިތުރަށް ރޯވަމުންނެވެ.
ޝާހީ ކެއުން ނިމި ގަނޑުވަރުގެ ތެރެއަށް ހަމަހިމޭންކަން ވެރިވި ނަމަވެސް، ބުތައިނާގެ ޒީނަތްތެރި ކޮޓަރިީގެ ތެރޭގައި ވަނީ ބޮޑު ތޫފާނެއް އުފެދިފައެވެ.
އާލަމް ކޮޓަރިއަށް ވަދެވަޑައިގަރޫ ބާރު ފިޔަވަޅުތަކެއްގައެވެ. އެމަނިކުފާނުގެ ދެލޯފުޅު ވަނީ ރުޅިއާއި ޙަސަދައިން ރަތްވެފައެވެ. ދޮރު ބާރަށް ލައްޕަވާލެއްވުމަށްފަހު އެނދުގައި އިންނެވި މަންމަ ބުތައިނާއާ ދިމާލަށް ނަޒަރު ހުއްޓަވައިލެއްވިއެވެ.
"މަންމާ މަންމަ ތިޔަ ކުރައްވަނީ ކޮންކަހަލަ ކަމެއްހެއްޔެވެ؟" އާލަމްގެ އަޑުފުޅު ތުރުތުރުއެޅިއެވެ. "ޒާއިމްއާއި ހާލާގެ ކައިވެނި ހަމަޖެއްސެއްވީ ހަމަ އޭނަ ވެރިކަމަށް ގެންނާންވެގެންތޯ؟ ކޮއްކޮ އެ ހަވާލުކުރީ އެ ފޮނި ޒާއިމްގެ އަތްމައްޗަށް.. އޭނާއަކީ ޅިޔަނަކަށް ހަދައި..އަޅުގަނޑުމެންގެ މުޅި އާއިލާގެ ތެރެއަށް އޭނާގެ ބާރު ފޯރުވަން މަންމަ ފުރުސަތު ތިޔަ ދެއްވަނީ ކީއްވެގެންހެއްޔެވެ؟"
ބުތައިނާ މަޑުމައިތިރިކަމާއެކު ނޭވާހަމައަކަށް އަޅުވާލަމުން އާލަމްއަށް ބައްލަވާލެއްވިއެވެ.
"އާލަމް، އަޑުގަދަނުކުރޭ..." ބުތައިނާ ގެ އަޑު މަޑުވިޔަސް ނުރައްކާތެރި އެވެ. "މިއީ ސިޔާސީ ކުޅިވަރެެއް......ކަންކަން ކުރަންޖެހޭނީ ވިސްނުންތެރިކަމާއެކީ..."
"ވިސްނުންތެރިކަމާއެކުގައޭ؟" އާލަމް މަލާމާތުގެ ގޮތަކަށް ހިނިފުޅުވަޑުވައިލެއްވިއެވެ. "މަންމަ އުޅެނީ އޭނާއަށް ތަޚުތާއި ތާޖު ހަދިޔާކުރަން؟ މުޅި ގަނޑުވަރުގެ އެންމެން އަދި ދޮންބައްޕަ ވެސް ޒާއިމްއަށް އެހާ އިހުތިރާމްކުރޭ މަންމަވެސް ތިޔަ އުޅެނީ އަޅުގަނޑު އެކަންކަމުން މަހުރޫމްކޮށް ތަޚުތުގެ ވާރިސަކަށް ޒާއިމް ހަދަންތަ؟އަޅުގަނޑުގެ ޙައްޤު އޭނާއަށް ދޭން؟""
"ތިޔަހެން ހީނުކުރޭ....." ބުތައިނާ ތެދުވެވަޑައިގެން އާލަމްގެ ކައިރިއަށް ޖެހިލިއެވެ. "ޒާއިމްއަކީ ގާޒީގެ ދޮށީ ދަރި. .އޭނާގެ މަގުބޫލުކަން ވަނީ އިންތިހާއަށް އުފުލިފައި.... އޭނާއާ ދެކޮޅަށް ސީދާ ނުކުތުމަކީ މަންމަމެން ހަލާކުވެގެންދާނެ ކަމެެއް. ހާލާއާ އޭނާ ކައިވެނިކުރުވީ އޭނާ އަހަރެމެންގެ ފައިބުޑަށް ތިރިކުރުމަށް... އޭނާގެ ބާރު އަހަރެމެންގެ އާއިލާގެ ތެރޭގައި ކޮންޓްރޯލް ކުރުމަށް...."
"ނޫން މަންމާ... މަންމައަށް ކަންތައް ވާގޮތް ނުފެންނަނީ........" އާލަމް ދަތްކުނޑިވިކާލެއްވިއެވެ. "ހާލާ އޭނާދެކެ އެވަނީ މޮޔަވާފަދަ ލޯތްބެއް... އެ ދެމީހުންގެ ގުޅުމުން ޒާއިމްގެ ބާރު މާ ވަރުގަދަވާނީ އަޅުގަނޑު އެއްގޮތަކަށްވެސް އެ ޒާއިމްގެ ކުރިމަތީގައި ކަކޫޖައްސާކަށް ނެތީިން... އެ ތަޚުތަކީ އަޅުގަނޑުގެ ހައްގެއް...ޒާއިމްއަކީ އަޅުގަނޑުގެ ބޭބެއަކަށް ނުވަތަ ޅިޔަނަށް ވިޔަސް އޭނާއަށް ތަޚުތަށް އެރިޔަ ނުދޭނަން.."
"އާލަމް... ކެތްތެރިވޭ...." ބުތައިނާ އާލަމްގެ ކޮނޑުގައި ހިފަހައްޓަވާލެއްވިއެވެ. "އަދި ވަގުތު އަންނާނެ..އެހެންނޫނަސް މުސްލިމުންގެ ބާރު މިތަނުން ކެނޑެނީ..މަންމައަށް ހީވަނީ ފަހުގެ ތަޅާފޮޅުންގަނޑަށް ވެދާނެހެން...އީސާއީން އަންދަލުސް އަށް އަތްގަދަކުރާނެ. މިރަސްކަން ވީދިގެން ހިނގައިދާނެ.."
"އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލައިފި...،" އާލަމް މަންމަގެ އަތް ފޮޅުވާލަމުން ފަހަތަށް ޖެހިވަޑައިގަތެވެ. އެ ލޯފުޅުން ފެންނަނީ ނުރައްކާތެރި އަޒުމެކެވެ. "މަންމަ އޭނާއަށް ތާޖު ދޭން އުޅުނަސް އަޅުގަނޑު އޭނާ ނައްތާލާނަން... ކޮންމެ ގޮތެއް ހަދާފައިވެސް.."
އާލަމް ކޯފާގަދަވެ ކުރައްވާނެކަމެއް ނޭގި ކޮޓަރިން ނުކުމެވަޑައިގެންނެވުމުން ބުތައިނާ ފުން ވިސްނުންފުޅަކަށް ގެއްލި ވަޑައިގަތެވެ. ގަނޑުވަރުގެ ތެރޭގައި އުފެދެން މި އުޅޭ ލޭއޮހޮރުވުން ހުއްޓުވުމަކީ ދެން ފަސޭހަކަމަކަށް ނުވާނެއެވެ. އެންމެންވެސް ދުވަނީ ވެރިކަމާއިހެދިއެވެ. އެންމެންވެސް ތަޚުތު ބޭނުންވެއެވެ. އެކަމަކު ވެރިކަން ދެއްވަނީވެސް ހެއްދެވި ފަރާތުން ނޫންހެއްޔެވެ؟ ކުއްލިއަކަށް ބުތައިނާގެ ޚިޔާލުފުޅުގައި އަބަދު އެނބުރޭކަމަކާއިމެދު އެހެން މީހަކާއި މަޝްވަރާކޮށް އެކަން ޔަގީންކުރައްވަން ބޭނުންފުޅުވިއެވެ. ޒާއިމްގެ ސިފަފުޅު އެއާއިލާ އެހެން މީހުންނާއި ތަފާތުވާން ޖެހުނީ ކީއްވެހެއްޔެވެ؟ ޒާއިމް ފުރަތަމަ ފެނިވަޑައިގަތުމާއިއެކުވެސް އެ ސުވާލުން ސިކުނޑި ކިލަބުވިއެވެ. ރަސްކަމުގެ ވާރިސަކަށް ވާންޖެހޭނީ އާއިލާއަށް ނިސްބަތްވާ މީހެކެވެ. ވާރިސަކަށްވާން ޖެހޭނީ ހަމަ އާލަމްއެވެ. ޒައިމް އެއް ނޫނެވެ.
***
ޚަރީފު މޫސުމުގެ ފިނި ރޯޅިތަކާއެކު އުޑުމަތި ވަނީ އެކީ ކަޅުވެފައެވެ. ބޯކޮށް ވާރޭވެހެމުންދިޔައިރު ގަސްތަކުން ފައިބަމުންދިޔަ ރަން އަދި ނާރިގު ކުލައިގެ ފަތްތައް ވައިގެ ތެރޭގައި އެނބުރެމުން ދިޔައެވެ. ގަނޑުވަރުގެ ތަނަވަސްކަމާ ދުރުގައި ވަލުތެރޭގައިވާ މެތިއުގެ ކުޑަކުޑަ އެކަމަކު އިންތިހާއަށް އަރާމު ކޮޓޭޖްގެ ތެރޭގައި ވަނީ އަމާންކަމާއި ހިތްހަމަޖެހުމެވެ.
ކޮޓަރީގެ އެއްކަނުގައި ހުރި އަލިފާން އަންދާތަނުގައި ރޯކޮށްފައިވާ އަލިފާންގަނޑުން ފެތުރިފައިވާ ރީނދޫ އަލިން މުޅި ކޮޓޭޖް އޮތީ އުޖާލާވެފައެވެ. އަލިފާންގަނޑުގެ ތެރޭގައި ދަރު އަނދަމުންދާ އަޑާއި ފުރާޅުގައި ވާރޭތިކިތައް ޖެހެމުންދާ އަޑު އެކުވެ މުޅި މާޙައުލަށް ގެނެސްދެނީ ބުނެދޭން ނޭނގޭ ފަދަ އަރާމު އިޙްސާސެކެވެ.
ޒާއިމް އާއި ހާލާ މެތިއުގެ ކޮޓެޖަށް ވަދެވަޑައިގެންނެވިއިރު އެއްކޮށް ތެމި ފޯވެއްޖެއެވެ. ކާފަ ދަރިކަނބަލުންނާއި ޒާއިމް ފެނުމާއެކު މެތިއު އުފަލުން ގޮސް އެ ދެކަނބަލުންނަށް މަރުޙަބާ ކިޔައި އެތެރެއަށް ވެއްދިއެވެ. އަދި ހިކިލަން ހޫނު ތުވާލި ގެނެސްދިނެވެ.
"އަޅުގަނޑުމެން އަހުގައި އަންނަނިކޮށް ވާރޭ ވެހެންފެށީ..ކާފައާއި ބައްދަލުކުރަން މިއައީ ހަމަ ހަދިޔާ ހިފައިގެން...."
"އަވަހަށް އަލިފާންގަނޑު ކައިރީގައި އިށީދެލާ...ހީފިލާނެ..." މެތިއު އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި ރަގްމަތީގައި ކުޝަންތައް ބަހައްޓާލަދިނެވެ."މި ފިނި ރޭގަނޑުގައި ތިޔަފަދަ ދަތުރެއް ކުރުމަކީ ފަސޭހަކަމެއް ނޫން....."
މެތިއު ހަނާކޮށްފައިވާ މަހާއި އަދި ހޫނު ސޫޕް ތައްޔާރުކޮށް އެމީހުންގެ ކުރިމަތީގައިވާ ލަކުޑި މޭޒުމަތީގައި އަތުރާލިއެވެ. އާވި އަރަމުންދިޔަ ސޫޕް ތަށިން މުޅި ކޮޓޭޖްގެ ތެރޭގައި މީރު ވަހެއް ހިފާލިއެވެ.
"މިއީ ކާފަގެ އަމިއްލަ އަތުން ތައްޔާރުކުރި ކާނާއެއް،" މެތިއު ހިނިތުންވެލަމުން ތަށިތައް ކައިރިކޮށްލަދިނެވެ.
ޒާއިމް އާއި ހާލާ އަދި މެތިއު އެކުގައި އިށީނދެ ތިބެ އެ މީރު ކާނާގެ ރަހަ ބަލަމުން ދިޔައެވެ. ބޭރުގައި ވާރޭ ހުއްޓުމެއްނެތި ވެހެމުން ދިޔައިރު ކޮޓޭޖްގެ ތެރޭގައި ވަނީ އެކުވެރިކަމާއި، ލޯބީގެ ހޫނުކަމެވެ.ކެއުން ނިމުނީ އެކި ވާހަކަތަކުގައި ތިބެއެވެ. މެތިއު އެ ދެކަނބަލުންނަށް ކޮޓޭޖްގެ ކުޑަ އެނދެއް ދެއްކިއެވެ. މަޑު ބޯ ރަޖާގެ ތެރޭގައި، އަލިފާންގަނޑުގެ މަޑު އަލީގައި ބޭރުގެ ވާރޭގެ އަޑާއެކު ޒާއިމް އާއި ހާލާ އޮށޯވެލީ ނިދުމަށެވެ.
"ކާފަގެ މި ގެ ވަރަށް ފުރިހަމަ......" ހާލާ ޒާއިމްގެ އަތްޕުޅުގައި އިސްތަށިފުޅު އަޅުއްވާލެއްވިއެވެ. "ގަނޑުވަރުގެ ޝާހީ ކަމަށްވުރެ މި ކުޑަކުޑަ ކޮޓޭޖްގެ އަމާންކަން މާ ހިތްގައިމު."
***
ކްރިސްޓިއަނުންގެ ސަރަޙައްދުގައި ވަނީ ހަނގުރާމައިގެ ބިރުވެރިކަމާއި، އާރާއި ބާރުގެ އިންތިހާއެވެ. އަމީރު ރޮޑްރިގޯއާއި އިޒަބެލާގެ ނުބައި ވަރުގަދަ ލަޝްކަރުން ދިޔައީ މުސްލިމުންގެ އެތައް އަވަށަކަށް ހަމަލާދީ އެ ބިންތައް ސިލްސިލާކޮށް ހިފަމުންނެވެ. މުސްލިމުންގެ ކިއްލާތައް މުގުރާލައި ކްރިސްޓިއަން ބާރު މުޅި ސަރަޙައްދުގައި ގާއިމުކުރަމުން ދިޔަ ސިޔާސީ ވަގުތެއްގައި ރޮޑްރިގޯގެ ގަނޑުވަރުގެ ތެރޭގައި އޮތީ އެހެން ކަހަލަ އަނދިރިކަމެކެވެ.
އެ ގަނޑުވަރުގެ ނިއުމަތްތަކުގެ ތެރޭގައި އުޅުނަސް ރޮޑްރިގޯގެ ދަރިކަނބަލުން އޮލީވިއާ އަކީ އަބަދުވެސް އަމިއްލަ ނަފްސާ މެދު ނޭދެވޭ ގޮތަށް ވިސްނާހިތާމައިން ފުރިގެންވާ ޒުވާން އަންހެންކުއްޖެކެވެ. އެކަމަނާއަކީ ހަނގުރާމައިގެ ހުނަރުތަކަށް ކުޅަދާނަ ކަނބަލަކަށްވިޔަސް އެކަމަނާގެ ސޫރަ ރީތި ނޫން ކަމަށް ޤަބޫލުކުރައްވައެވެ.އަމިއްލަ ނަފްސަކީ "ލަޢުނަތްލެވިގެންވާ" ކަމަށް އެކަމަނާ ދެކެވަޑައިގަންނަވައެވެ.
"އަހަރެންގެ ބޮޑުދައިތަ ކެތުރީން... އެކަމަނާ މި އުމުރުގައިވެސް އަހަންނަށްވުރެ މާ ޒުވާން... އެހާ ފަރި އެހާ ރީތި......." އޮލިވިއާ ލޯގަނޑު ކުރިމަތީގައި ހުންނެވިއެވެ. އެކަމަނާގެ ހިތްޕުޅުގައިވާ ހަސަދަފިނިވާނެ ގޮތެއް އެނގިވަޑައެއް ނުގަންނަވައެވެ. "އަހަރެން މިއީ ކޮންފަދަ ބަދުނަސީބު މީހެއް؟ އަހަރެންގެ ހަށިގަނޑުގައިވަނީ ހަމައެކަނި ހަނގުރާމައިގެ ނިޝާންތަކާއި އަނދިރިކަން.........."
އެ އުދަގޫ ޚިޔާލެއްގައި ހުންނަވާފައި އޮލިވިއާ ވެދެވަޑައިގަތީ ބޮޑުދައިތަ ކެތުރީންގެ ކޮޓަރިކޮޅަށެވެ. ކެތުރީން އެވަގުތު ކޮޓަރީގައި ނެތުމުން އެކަމަނާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮންނެވި ކެތުރީންގެ ދަރިކަލުން ޑެނިއަލްއަށެވެ.
ޑެނިއަލް އޮލިވިއާ ފެނިވަޑައިގަތުމުން މޫނުފުޅުމަތިން ހާސްކަމުގެ ކުލަވަރު ފެނުނެވެ.
"އޮލިވިއާ..." ޑެނިއަލް މަޑުމަޑުން ވިދާޅުވިއެވެ.
"ޑެނިއަލް......." އޮލިވިއާ އެނދުގެ ކައިރީގައި ހުއްޓިވަޑައިގަތެވެ. އެކަމަނާގެ ތޫނު ނަމަވެސް މާޔޫސީ ދެލޯފުޅުން ޑެނިއަލްއަށް ބައްލަވަން ހުންނެވިއެވެ. "ތިޔަ އޮތް ހާލަތާމެދު ދެރައެއް ނުވޭތަ؟ މުޅި ދުނިޔެ ހަނގުރާމަކޮށް ބާރުތައް ހޯދަމުންދާއިރު ތިޔަހެން އެނދުމަތީގައި އޮންނަންޖެހުމުން؟"
"މަންމަ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ..." ޑެނިއަލް އުދަނގުލުން ވާހަކަދެއްކިއެވެ. "މަންމަ ވިދާޅުވި އަހަރެން ކޮންމެވެސް ދުވަހަކުން ހިނގާނޭ."
"މަންމަ މެން ދަރިންނަށް އަބަދުވެސް ދޭނީ ދޮގު އުންމީދުތައް...." އޮލިވިއާ މަލާމާތުގެ ގޮތަކަށް ހިނިފުޅު ވަޑުވައިލެއްވިއެވެ. "ޑެނިއަލަށް އެކަމެއްނޭގޭތަ؟އަހަރެމެންގެ އާއިލާއަށް ވަނީ ލަޢުނަތްލެވިފައި.... ބޮޑުދައިތައަށް ލޯބިވެރިޔާއާއި ދަރިފުޅު ގެއްލުނު... ތީ ވެސް ހަމަ ހިތާމަ. އަދި އަހަރެން... އަހަރެން މިއީ އެއްވެސް މީހަކު ލޯބިވާނެ މީހެއް ނޫން.... މުސްލިމުން އަހަރެމެންގެ މުޅި އާއިލާގެ އުފާވެރިކަން ނަގާލައިފި.... ބައްޕައެދަނީ އެމީހުންގެ ބިންތައް އަންދާ އެމީހުންގެ ލޭ އޮހޮރުވަމުން... އެއީ އަހަރެމެންނަށް ލިބެންޖެހޭ ހަމައެކަނި އުފަލަކީ........"
ޑެނިއަލް އޮލިވިއާގެ ހިތްޕުޅުގައިވާ ފުން ނަފްރަތާއި ވޭން ފެނިވަޑައިގެން އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އޮލިވިއާ ޚަންޖަރު ހިފަހައްޓަވައިލައްވަމުން ދިއްކޮށްލެއްވިއެވެ.
"މިއިން އިންސާފު ހޯދާނީ....."
މީހަކު އަންނަހެން ހީފުޅުވުމާއެކު އެކަމަނާ ކޮޓަރިން ނުކުމެވަޑައިގަތެވެ.
އެކަމަނާގެ ހިތްޕުޅުގައި މުސްލިމުންނާމެދު ނަފްރަތުގެ އަލިފާން ރޯވެފައިވާއިރު ކުރިއަށް އޮތް ތަނުގައި ސީދާ މުސްލިމުންނާއި ކުރިމަތިލާން ޖެހޭނެކަން ސިކުނޑި ދިޔައީ މަގުކޮށައިދެމުންނެެވެ.
***
ރޮޑްރިގޯގެ ނުބައި، ވަރުގަދަ ލަޝްކަރު މުސްލިމުންގެ ރަށްތަކަށް ހަމަލާދެމުން، އެމީހުންގެ އަވަށާ ދިމާލަށް މިސްރާބުޖަހާފައިވާ ކަމުގެ ނުރައްކާތެރި ޚަބަރު ޖާސޫސުންގެ ފަރާތުން ޒާއިމްއަށް ލިބުނެވެ. އެއާއެކު، ގަނޑުވަރުގެ ތެރޭގައި ހަނގުރާމައިގެ ތާޅަފިލިތައް ގޮވާލެވުނެވެ. ޒާއިމް ވަގުތުން ހިތްވަރުގަދަ ލަޝްކަރު ތައްޔާރުކޮށް ހަނގުރާމައަށް ތައްޔާރުވާން ފެށްޓެވިއެވެ.
ޒާއިމް ގެ ކޮޓަރިކޮޅުގައި ހުންނަވާ ބޭނުންކުރާ ލޮންސި ކަނޑި އަދި ދަހަނާތައް ހަށިގަނޑުގައި އަޅުއްވަމުން ދިޔައެވެ. އެ މޫނުފުޅުމަތިން ފެންނަނީ ސާބިތުކަމާއި ނުގުޑާފަދަ އަޒުމެކެވެ.
އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެވަޑައިގަތީ މަންމާފުޅު ޖަޒީރާއެވެ. ދަރިކަލުންގެ ނިތްކުރިފުޅުގައި ބޮސްދެއްވާ ހެޔޮ ދުޢާކުރެއްވިއިރު ލޯފުޅުން ކަރުނަފޮދު އޮހެމުން ދިޔައެވެ. މަންމާފުޅުގެ ވަދާއުގެ ސަލާމަށްފަހު ނުކުމެވަޑައިގެންނެވިއިރު ހާލާގެ ދެލޯފުޅުންވެސް ކަންބޮޑުވުމާއި ބިރުވެރިކަން ފެންނަން ހުއްޓެވެ. އެކަމަނާގެ އަތްޕުޅުގައިވަނީ ހަނގުރާމައިގެ މައިދާނަށް ވަޑައިގަންނަވާއިރު އަޅާނެ އަމިއްލަ ހެދުމެކެވެ.
"ޒާއިމް..." ހާލާ ގެ އަޑުފުޅު މަޑެވެ.
ޒާއިމް އެކަމަނާގެ ކޯތާފުޅުގައި މަޑުމަޑުން އަތްޕުޅުން ބީއްސަވާލެއްވިއެވެ. "ހާލާ... ބިރުނުގަނޭ. އަހަރެން މި ދަނީ އަހަރެމެންގެ ދީން ދިފާއުކުރުމަށް. މާތްﷲގެ އިރާދަފުޅާއެކު އަހަރެމެންނަށް ނަޞްރު ލިބޭނެ.....ދުޢާކުރައްޗޭ...."
"އަޅުގަނޑު ބިރުގަންނަނީ ހަނގުރާމައަކަށް ނޫން......." ހާލާ ޒާއިމްގެ ދަނގަޑު ހެދުމުގައި ހިފަހައްޓައިލައްވަމުން ހަތަރުކަޅި ހަމަކުރެއްވިއެވެ. "އަޅުގަނޑު ބިރުގަންނަނީ ތިޔަ އަޒީޒުު ފުރާނައަށް ދެރަގޮތެއް ވެދާނެތީ.... އަޅުގަނޑުވެސް ތިޔަ ހަނގުރާމައަށް ދާނަން... ޒާއިމް ކައިރީގައި ހުރެގެން ނޫނީ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ......"
ޒާއިމް ހައިރާންފުޅުވެފައި ހާލާއަށް ބައްލަވައިލެއްވިއެވެ. "ނޫން ހާލާ..... ތީ އަންހެން ކުއްޖެއް. ހަނގުރާމައިގެ މައިދާނަކީ ނުރައްކާތެރި ލޭއޮހޮރުވުން ބޮޑު ތަނެއް. އަހަރެންގެ ހިތެއް ނޭދޭ ހާލާއަށް އެއްވެސް އަނިޔާއެއް ލިބޭކަށް.....އެތަނުން ދިމާވެދާނެ ހާދިސާއެއްވެސް ނޭގޭ...މަންމާފުޅުވެސް އެއްބަހެއްނުވާނެ...."
"ޒާއިމް... އަޅުގަނޑަކީ ހަމައެކަނި ގަނޑުވަރުގައި އިންނާނެ ކަހަލަ އަންހެނެއް ނޫން......" ހާލާ ސާބިތުކަމާއެކު ވިދާޅުވިއެވެ.. "އަޅުގަނޑަށްވެސް ކަނޑި ބޭނުންކުރަން އެނގޭ..... އަދި ޒާއިމްގެ ފަހަތުގައި ހުރެ ޒާއިމްގެ ހިޔަނިފަދައިން ރައްކާތެރިކަން ދިނުމަކީ އަޅުގަނޑުގެ ވާޖިބެއް........އަޅުގަނޑު ތިޔަ މައިދާނުގައި ލެއިން ތެމޭނީ ޒާއިމްއާއެކީ.......ނޫނީ ދިރިއުޅުމުގެ އެއްވެސް މާނައެއް ނެތް...އެހެންނޫނަސް މައިދާނުގައި ޒަޚަމްވާމީހުންނަށް ބޭސްވެސް އަޅާދެވޭނެ..ކާފަ ކައިރިން ބޭސްވެރިކަންވެސް ކިޔަވައިގެން މިހިރީ....."
ޒާއިމްއަށް ހާލާގެ ދެލޯފުޅުން ފެންނަން ހުރި ވަފާތެރިކަމާއި ހިތްވަރު ފެނިވަޑައިގަތުމުން އޭނާގެ ހިތްޕުޅު އުފާފުޅުންނާއި އެހެން އަސަރުތަކުން ފުރިގެން ދިޔައެވެ. އެމަނިކުފާނު ހާލާގެ ނިތްޕުޅުގައި ބޮސްދެއްވަމުން މަޑުމަޑުން ހާލާގެ ގެނެސް މޭގައި ޖައްސަވައިލެއްވިއެވެ. "އެންމެ ރަނގަޅު... އަހަރެމެން އެކުގައި ދާނީ. ނަމަވެސް، އަހަރެންގެ ކައިރިން އެންމެ ފިޔަވަޅެއްވެސް ދުރަށް ނުޖެހުމަށް ވަޢުދުވޭ....."
"ވަޢުދުވަން......" ހާލާ އުފާފުޅުވިއެވެ.
ހާލާ ކޮޓަރިކޮޅުން ނުކުމެވަޑައިގެންނެވުނީ މަންމަ ބުތައިނާ އަދި ބޭބެ އާލަމްގެ ކުރިމައްޗަށެވެ. އާލަމް އަށް ހާލާ ފެނިވަޑައިގަތުމާއެކު ހައިރާންފުޅުވިއެވެ. އެކަމަނާ ހުންނެވީ ހަގުރާމައިގެ ހެދުންކޮޅުގައެވެ.
ނުނިމޭ