މައިންބަފައިންނަށް ކަމޭ ހިތާ އެހީތެރިވެދޭށެވެ. އެކަނިވެރިކަން އިހުސާސްވިޔަނުދޭށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމުގެ އެއް ސަބަބަކީ މައިންބަފައިންނަށް އޯގާތެރިވުމެވެ.

***

ހަސަނާއި އިކްރާމާ ދެމެދު ފޯނު ކޯލްތަކެއް ބަދަލުކުރެވުނެވެ. ތާރީޚުތަކާއި އިންތިޒާމުތަކާއި ހެކިންނާއި ދަތުރުފަތުރާއި އަދި އެނޫންވެސް އެންމެހައި ކަންކަމާ ބެހޭގޮތުން ސުވާލުކުރެވެމުންދިޔައެވެ.

މިލްހާ ހީކޮށްގެން ހުރީ ވަގުތު ލިބޭނެ ކަމަށެވެ. ތައްޔާރުވާން ފުދޭވަރަކަށް ވަގުތު އޮންނާނެކަމުގައެވެ. ރަނގަޅު ކައިވެނީގެ ހެދުމެއް ވެސް ފަހަން ޖެހޭނެއެވެ.މީހެއްގެ އަނބިމީހާއަށް ވުމުގެ ޚިޔާލަށް އާދަވާން ވަގުތު ލިބޭނެ ކަމަށެވެ.

އޭގެ ބަދަލުގައި ސިފްރާން އަވަހަށް ސްކޮޓްލެންޑަށް އެނބުރިދާންޖެހޭ ކަމަށް އޭނާއަށް އެންގުނެވެ.

އަދި ޢާއިލާތަކުން ނިންމީ ކައިވެނި ފަސްކުރަންޖެހޭ އިތުރު ސަބަބެއް ނެތް ކަމަށެވެ.

ކައިވެންޏަކަށް ކުއްލިއަކަށް ތައްޔާރުވާންޖެހުމުން އެކަމާއި މެދު ވިސްނާލާނެ ވަގުތުވެސް ނުލިބުނުއިރު މިލްހާ ކަންބޮޑުވީ އެންމެ ކަމަކާއިހެދިއެވެ. އެއީ އޭނާގެ ކައިވެނީގެ ހެދުމެވެ. އެކަމަށް އެކަށީގެންވާ ވަރަށް ދުވަހެއް ނެތެވެ. ހެދުމެއް ޚިޔާރުކޮށް، ފަހާ މީހެއްގެ ގާތަށްގޮސް، މަދުވެގެން ފަސް ފަހަރު ޚިޔާލު ބަދަލުކޮށް، އެންމެ ރަނގަޅު އެއްޗެއް ޚިޔާރުކުރެވި އެކަމާއިމެދު ހާސްވާން ހަފުތާތަކެއް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރިއެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބުނީ އިނގިިލިން ގުނައިލެވޭހާ މަދު ދުވަހެކެވެ.

އޭނާ އެނދުގައި އިށީދެ ކަލަންޑަރަށް ބަލަހައްޓައިގެންއިނދެ ކައިވެންޏަށް ބާކީ އޮތް ދުވަސްތައް ގުނަމުންދިޔައެވެ. "މިއީ ވާވަރުގެ ކަމެއް ނޫން،" އޭނާ ބޯ ހޫރައިލިއެވެ.

އެނދުގެ އަނެއް ފަރާތުގައި އޮތް ރަފާ ނޯޓްސް ލިޔަމުން ކުޑަކޮށް ބަލައިލިއެވެ. ރަފާ ވަނީ އަމިއްލައަށް ކައިވެނީގެ ކަންތައް ރާވާ މީހާގެ މަޤާމާ ޙަވާލުވެފައެވެ.

"ކިހިނެއްވީ؟"

"ރަފާ. އަހަރެންގެ ހެދުމެއްވެސް ނެތް. މިއީ ރަނގަޅު ޚިޔާލެއްކަން ޔަޤީންތަ؟" މިލްހާ ދެއަތުން މޫނު ފޮރުވައިލިއެވެ. ހުރިހާ ކަމެއްވެސް ހިނގަމުން މިދަނީ މާ އަވަހަށެވެ.

"މިހާރު ފަހަތަށް ޖެހެން މާ ލަސްވެއްޖެ....." ރަފާ ލޯ ކުޑަކޮށްލިއެވެ.

އެވަގުތު ދޮރުގައި ޓަކިދޭ އަޑަށް ދެކުދިންގެ ސަމާލުކަން ހުއްޓުނެވެ.

ކުޑައިރުކޮޅެއްފަހުން މިލްހާމެން ސިޓިންގ ރޫމަށް ނުކުމެ ދޮރު ކައިރީގައި ތަރުތީބުން އަތުރާފައި ހުރި ބޮޑެތި ޕާރުސަލްތަކަކަށް ބަލަހައްޓައިގެން ތިބީ ހައިރާންވެފައެވެ. އެތަކެތި ހުރީ ވަރަށް ރީތިކޮށް ބަންދުކޮށްފައެވެ. ކްރީމް ކުލައިގެ ކަރުދާހާއި ފުޅާ ރިބަންތަކެވެ. އަތުލިޔުމުން ލިޔެފައިވާ ކުދި ލޭބަލްތަކެވެ. ހުރިހާ އެއްޗެއްވެސް އެހާ ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައި ހުރުމުން މިލްހާއަށް ވަގުތުން އެނގުނެވެ.

"މީ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން......." ރަފާ ބުނެލިއެވެ.

"އަހަންނަށް ހީވަނީ ހަދީދު ޢާއިލާގެ މީހުން ފޮނުވި އެއްޗެއްހެން." މިލްހާ ހިންދިރުވައިލިއެވެ.

އެއީ ޙަގީގަތުގައިވެސް އެމީހުން ފޮނުވި ސާމާނެވެ. މިލްހާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެމީހުން ފޮނުވާފައިވެއެވެ.

މީރުވަސްދުވާ ސެންޓާއި މޭކަޕާއި ފައިވާނުން ފެށިގެންގޮސް ކައިވެނީގެ ހެދުމާ ހަމައަށެވެ.

ހެދުން ފެނުމުން އެކުދިންނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. އެއީ ހުދު ހެދުމެކެވެ. އެކަމަކު އާދައިގެ ހުދު ކުލައެއްވެސް ނޫނެވެ. މުޅި ކޮޓަރި އަލިކޮށްދޭފަދަ އައިވަރީ ހުދު ކުލައިގެ މަޑު ފޭރާމުން ފަހާފައިވާ ހެދުމެކެވެ. ވަރަށް ހިތްގައިމުކޮށް އަދި ހެޔޮވަރު މިންގަނޑަކަށެވެ. ދިގު އަތެއްލާފައި އަދި ހެދުމުގެ ރީތިކަން ގެއްލުނަ ނުދޭ މޮޅު ފެންވަރުގެ ޑިޒައިނަކާއެކުގައެވެ. ހެދުމުގެ ތިރިބައި އޮތީ ފުޅާކޮށް ފަށަލަތަކަކަށް ފައިބައިފައެވެ. އޭގައި ކޮންމެވެސް ވަރަކަށް ކުރީގެ ވައްޓަފާޅިގަނޑެއްވެސް ހުއްޓެވެ. ކޮންމެހެނަސް އެއީ މިލްހާގެ ހަށިގަނޑަށް އެންމެ ފުރިހަމައަށް ފެތޭ ހެދުމެކެވެ.

ހުދު ކުލައިގެ އުސް ފައިވާން ކިތަންމެ ރީއްޗަސް އެހާ އުސް ފައިވާނަކަށް އަރައިގެން ހިނގާނީ ކިހިނެއްކަން މިލްހާއަކަށް ނުވިސްނުނެވެ.

"ރީތި...ވަރަށް ފުރިހަމަ..މިވަރުގެ ކަމެއް ނުދެކެން....ހާދަ އުފާވެއްޖެއޭ..."ރަފާ މިލްހާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. ރަފާއަށް ލިބުނު ހަދިޔާއެއް ފަދައެވެ.

***

ދުވަސްތައް ފާއިތުވެގެން ދިޔައީ އާދަޔާ ޚިލާފު އަވަހަށެވެ. ހުރިހާ ކަމެއްވެސް ހިނގީ ލޯ މަރައިލާފައި ހުޅުވައިލާހާ އަވަހަށެވެ. މިލްހާގެ ހަނދާނުގައިވެސް އެދުވަސްތައް ހުރީ ފުސްވެފައެވެ.

ކައިވެނި ބޭއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. ސިފްރާން ބޭނުންވި ފަދައިން އެ ކައިވެނި ބޭއްވީ މިލްހާގެ ގޭގައެވެ. މިލްހާ އެކަމާއި ވަރަށް އުފާވިއެވެ. އެއީ އޭނާއަށް އެންމެ ހިތްހަމަޖެހުން ލިބޭ ތަނެވެ. އޭނައަކީ ބޮޑެތި ކައިވެނި ހަފުތާތަކަކަށް ލޯބިކުރާ މީހެއްވެސް ނޫނެވެ. ބޮޑެތި ބޯލްރޫމްތަކެއް ނެތެވެ. ބޭކާރު ދެއްކުންތެރިކަމެއް ނެތެވެ. ގޭގައި މިއުޒިކެއް ނުޖަހައެވެ. ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރީ ހަދީދު ޢާއިލާގެ މަސައްކަތު މީހުންގެ އެހީތެރިކަމާއެކުގައެވެ. އެއީ ލޮލަށް ފަސޭހަ މަޑު ކުލަތަކުގެ މަލާއި ފެހިކަންގަދަ ގަސްތަކާއި ފެއަރީ ލައިޓްތަކުން އާދައިގެ ގޮތަކަށް ޒީނަތްތެރިކޮށްފައިވާ ތަނެކެވެ.

އަންހެނުންނާއި ފިރިހެނުން ތިބީ ވަކިންނެވެ. އަދި ކައިވެންޏަށްޓަކާ ޒީނަތްތެރިވެގެން މިލްހާ އެއްވެސް މަޙުރަމް ނޫން ފިރިހެނެއްގެ ކުރިމައްޗަކަށް ނުނިކުމެއެވެ. ކައިވެނި ބޮޑުކޮށް ދެއްކުމަށްޓަކައި އެއްވެސް މަސްހުނިވުމެއް ނެތެވެ. ހަދީދު ޢާއިލާގެ މުއްސަނދިކަމުން އެ ދުވަސް ރާއްޖެ ނުދެކޭވަރުގެ ދުވަހަކަށް ބަދަލުކޮށްލެވިދާނެއެވެ. އެއާ ޚިލާފަށް، އެމީހުން ދީނުގެ ހުއްދަކުރާ މިންގަނޑުގެ ތެރޭގައި އިހުތިރާމާއި ގަދަރު ލިބޭފަދަ ހަފްލާއަކަށް ހެދިއެވެ. އެއީ އެކަން މުހިންމުކަން ސާބިތުކޮށްދޭން މީހުންގެ ތައުރީފު ބޭނުންނުވާ ކައިވެންޏެކެވެ. މީހުން ރުއްސުމަށްވުރެ ހެއްދެވި ފަރާތް ރުއްސެވުން ހޯދުމަށް މަސައްކަތްކޮށްފައެވެ. އަލް-ވައްހާބް، ދީލަތިވަންތަ ޙިސާބެއްނެތި ރިޒްޤުދެއްވާ ރަސްކަލާނގެ ޙަޟްރަތުން ބަރަކާތްލިބިގެން ނޫނީ ކައިވެންޏެއް ދެމިގެންދާނެހެއްޔެވެ؟

މިލްހާ ހުދު ކައިވެނީގެ ހެދުމުގައި އިން އިރު އޭނާގެ ކޯތާފަތަށް ރަތްކުލަ ފާއްދާފައިވާކަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ބޭރު މީހަކަށް އެއީ ލަދުން އިނީ ކަމަށް ހީވެދާނެއެވެ. ނަމަވެސް އެއީ މޮޅު މޭކަޕް އާޓިސްޓެއް ކަމުގައިވާ ރަފާގެ މަސައްކަތެވެ. އޭނާ އިނީ ކޯތާފަތުގައި ރަތްކުލަ ކުރަހާފައެވެ. ހާރިސް އަށް ފެނުނީ ދެ ޓޮމާޓޯހެންނެވެ. އެހާ ހުދު ހެދުމަކާއި އެކު އެ ރަތްކުލަ ކޮންމެވެސް ވަރަކަށް ލޯބިކަމަށް ފެނުނެވެ. ނަމަވެސް އެކަމުން އޭނާ ވައްތަރުވީ ގެ ދޫކޮށްލާފައި ދާން އުޅޭ އަންހެނަކަށްވުރެ ކުޑައިރު ގޭތެރޭގައި ދުވެއުޅުނު ކުޑަކުއްޖާއާއިއެވެ.

އެވަގުތު ނޭނގުނީ އަހަރުތަކެއްފަހުން އެ ފޮޓޯތައް މިލްހާއަށް އެންމެ ކަމުދިޔަ ފޮޓޯތަކަކަށް ވެގެންދާނެކަމެވެ. އެއީ މޭކަޕް ފުރިހަމަވެގެންނެއް ނޫނެވެ. ނަމަވެސް އެ ފޮޓޯ ނެގިއިރު އޭނާ ހުރީ ކިހާ އުފަލުންކަން އޭނާ ހަނދާންވާނެތީއެވެ.

ކައިވެނީގެ ހަފްލާއަށްފަހު ސިފްރާން ހުރީ ފިރިހެނުންނާއެކު ގޭގެ ބޭރުގައެވެ.

***

މިލްހާ ހިތްހަމަޖައްސާލުމަށްޓަކައި ގޭ އެތެރޭގައި އެކަނިމާއެކަނި ވަގުތުކޮޅެއް ހޭދަކުރިއެވެ. އޭނާއަށް ހުރީ ވަރަށް ހޫނުވެފައެވެ. ހެދުމުގެ ބުރަދަނުގައި ދިހަ ކިލޯ ނެތްކަމެއް ނޭގެއެވެ. އަދި ފައިގައި ވޭންއަޅާ ފައިވާނުގެ ވާހަކަދެއްކުމުގެ މާނައެއްނެތެވެ. އޭނާއާއި ސިފްރާން އަދި ވާހަކަ ދައްކާފައެއްނުވެއެވެ. ކައިވެނީގެ ވަގުތު ހަމައެކަނި ދެމީހުންނަށް އެކަކު އަނެކަކަށް ބަލާފައި އެނގޭފަދަގޮތަކަށް ހީލުން ނޫންކަމެއް ނެތެވެ.

އެންމެންގެ ތެރެއިން އެކަހެރިވެ ކޮޓަރި އެތެރޭގައި އިންދާ އެ ހެނދުނުއްސުރެ ކުރެވުނު އުފާވެރިކަން ގެެއްލި ކުއްލިއަކަށް އެހެން ޖަޒުބާތެއް އުފަންކުރުވިއެވެ. ބިރެވެ. ނަމަވެސް ސިފްރާން ދެކެ އެއްނޫނެވެ. އޭނާ ދަންނަ ހުރިހާ އެއްޗެއް ދޫކޮށްލަންޖެހުމުގެ ބިރެވެ.

އޭނާގެ ކޮޓަރިއެވެ. މަންމަގެ ބަދިގެއެވެ. ގެއިން އިވޭ އާއިލާ މީހުންގެ ކުދި އަޑުތަކެވެ. މަސް ވިއްކަން އަންނަ މުސްކުޅި ބޭބެގެ އަޑެވެ. ދުވަހަކުވެސް ގެއްލިދާނެ ކަމަށް ހީނުކުރާ އާދައިގެ ކަންކަމެވެ.

ޚިޔާލަށް ގެއްލިފައި އިންދާ އޭނަގެ މަންމަ ކޮޓަރިއަށް ވަނެވެ.

"މިލްހާ....މިތާ އެކަނި ކީއްކުރަނީ؟ އާމިންދައްތަ އެބަހުރި ހޯދަން އައިސް....އަދި އޭނާއާ ބައްދަލެއް ނުކުރަމެއްނު....." މަންމަ ބުނެލިއެވެ. " ސިފްރާނާއި އޭނާގެ އާއިލާވެސް މިހާރު ފުރަން ތައްޔާރުވެއްޖެ....."

މިލްހާގެ ހިތަށް ފިނިވެގެން ދިޔައެވެ.

"މިހާރު؟" މިލްހާ ހައިރާންވިއެވެ.

އޭނާ ފާތިމާއަށް ބަލައިލިއެވެ. "މަންމާ..."

ކުޑައިރުކޮޅަކަށް، އެކަކުވެސް އެއްޗެއް ނުބުނެ ހިމޭނުން ތިއްބެވެ.

މިލްހާ ތެދުވިއެވެ. "އަހަރެން މިހާރު ދާންޖެހެނީތަ؟"

ފާތިމާ އޭނާގެ އަންހެން ދަރިފުޅު މުޅިން ހުދު ހެދުމުގައި ހުއްޓައި ފެނުމުން ހިނިތުންވެލިއެވެ. އެ ހެދުމުގައި ދަރިފުޅު ވަރަށް ރީއްޗެވެ.

އެއީ މަންމައިން ހިތާމަތައް ފޮރުވާ ކަރުނަތައް އޮހުނަނުދޭން ހިނިތުންވެލާ ކަހަލަ ހިނިތުންވުމެކެވެ.

މިލްހާގެ ދެލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ.

"އަހަރެންނަކަށް ނުދެވޭނެ......" އޭނަ ބޮޑާހާކާފަދަ ގޮތަކަށް ބުނެލިއެވެ. ފާތިމާ އަމިއްލަ ކަރުނަތަކުގެ ތެރެއިން މަޑުމަޑުން ހީލިއެވެ.

"މިލްހާ. ތިއީ މިހާރު ދިހަ އަހަރުގެ ކުޑަކުއްޖެއްނޫން...."

"މަންމަވެސް ތިރޮނީ." އޭނާ މަންމަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"މަންމައެއް ނުރޮން......"

"ތިރޮނީ." އޭނަގެ ކަރުނަތައް ކޯތާފަތުން ފައިބައިގެންދިޔައެވެ. އަދި މަންމަގެ ގައިގައި ބައްދާލިއެވެ.

މިލްހާއަށް އިހުސާސްވީ އަގުބޮޑު ހެދުމެއް ލައިގެން ހުރި މީހެއްގެ އަންބެއްގެ ގޮތުގައެއްނޫނެވެ. އޭނާ އަނެއްކާވެސް ފަސް އަހަރުގެ ކުއްޖެެއްފަދައެވެ.

މިލްހާ އެކި ދުވަސް މަތިން ހަނދާންވިއެވެ. ހުން އަންނަ ދުވަސްތަކާއި ސްކޫލަށްދާ ހެނދުނުތަކެވެ. ހާރިސް އާއި ދެމީހުންގެ ޒުވާބުތަކެވެ. މަންމަގެ ކެއްކުމެވެ.

މިލްހާގެ ކަރުނައިން މަންމަގެ ކޮނޑުމަތި ތެމެމެން ދިޔައެވެ. "މަންމަނުލައި އަހަރެން ދިރިއުޅޭނީ ކިހިނެއް."

ފާތިމާ ފަހަތަށް ޖެހިލައި އޭނާގެ ދަރިފުޅުގެ މޫނު ދެ އަތުން ހިފަހައްޓައިލިއެވެ.

"ދަރިފުޅު އެތާގައި ދިރިއުޅުމެއް ބިނާކުރާނެ އިން ޝާ ﷲ. އޭރުންވެސް ދަރިފުޅު ހުންނާނީ މަންމަގެ ދަރިއެއްގެ ގޮތުގައި...."

މިލްހާ އަށް އަޑު ވީއްލާ ރޮވޭގޮތްވިއެވެ. މަންމަގެ އޯގާތެރި އިނގިލިތަކުން އޭނާގެ ކޯތާފަތް ފޮހެލަދިނެވެ.

"މަންމަގެ ވާހަކަ އަޑުއަހާބަލަ.."

މިލްހާ ބޯޖަހައިލިއެވެ.

"ދަރިފުޅުގެ ފިރިމީހާވެސް ވާނީ އަމިއްލަ ޢާއިލާއަށް.. އަދި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ހަނދާންކުރާތި، " އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުން އަނބިން ޚަލްޤުކުރެއްވުމަކީ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކެވެ.އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ."

"ކައިވެނީގައި އޮންނަނީ ރަހުމާއި އޯގާތެރިކަން.... މިލްހާވެސް އޯގާތެރިވެ އޯގާތެރިކަމަށް އެދެންވީ....."

މަންމަ އޭނާގެ ނިތްކުރީގައި ބޮސްދިނެވެ.

"އަދި ދަރިފުޅު އެކަނިވެރިކަން އިޙުސާސްވާ ހިނދު މިތަނުން ދޫކޮށްފައިދިޔަ ކޮންމެ މީހަކަށްވުރެ ﷲ ތައާލާ ދަރިފުޅާއި ކައިރީގައިވެވޮޑިގެންވާކަން ހަނދާންކުރާތި....."

އެ ބަސްތައް އޭނާގެ ހިތުގެ ފުންމިނުގައި ރައްކާކުރެވުނެވެ. ކޮންމެ މައިންބަފައިންނަކަށްވެސް އެންމެ ފަހުން ދަސްވާންޖެހޭ ކަމަކީ އެއީ ކަމަށްވެދާތީއެވެ. ދަރިންނަކީ އެމީހުންނަށް އަބަދަށް މިލްކުވެގެންވާ ބައެއް ނޫނެވެ. އެމީހުން ދަރިން ބޮޑުކުރެއެވެ. ޙިމާޔަތްކުރެއެވެ. ލޯބިދެއެވެ. އަދި އެންމެ ފަހުން އެމީހުން އަތް ހުޅުވާލަންޖެހެއެވެ.

މައިމީހެއްގެ ލޯތްބަކީ އޭނާގެ ދަރިފުޅު އޭނާގެ ހިޔާވަހިކަމުގެ ދަށުގައި އުޅުމުގެ މައްޗަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަމުގައިވުމަކީ ﷲ ގެ ރަޙްމަތެކެވެ. އަންހެން ކުއްޖަކަށް ކަނޑު ހުރަސްކޮށްފައި ދުރަށްދިޔަސް މައިންބަފައިންގެ ކުޑަދަރިފުޅުގެ ގޮތުގައި ހުރެވިދާނެއެވެ. ހަމައެފަދައިން ފިރިހެން ކުއްޖަކު ފުރާފުރިހަމަވެ ފިރިހެނަކަށްވިޔަސް އެއީ މަންމަ ކުރިން އުފުލައިގެން ގެންގުޅުނު ދަރިއެވެ. މައިންބަފައިން ދެނީ ޢަދަދު ކޮށްފައެއް ނޫނެވެ. އެމީހުން މަޢާފުކުރަނީ އަނބުރާ ދިނުމަށް އެދުމަކާނުލައެވެ. ދުރުގައި ތިއްބަސް ކަންބޮޑުވެއެވެ. އެހެން އިތުރު އެއްވެސް ކަމެއް ކޮށްނުދެވޭ ހާލަތުގައި ދުއާކޮށްދެއެވެ.

އަދި އެއީ މައިންބަފައިންނާއި ދަރިންގެ މެދުގައި ﷲ ލައްވާފައިވާ ލޯބީގެ ރީތިކަމުގެ ބައެއް ކަމަށްވެދާނެއެވެ.

ހަސަން ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ހިމޭނުންނެވެ.

މިލްހާ ބައްޕައާއި ދިމާލަށް ބަލައިލިއެވެ. އެލޮލުގައިވަނީ ކަރުނައިގެ ތެތްކަމެވެ. އެ މަންޒަރުން އޭނަގެ ހިތަށް ބަޔާން ނުކުރެވޭހާ ބޮޑަށް އަސަރުކުރިއެވެ.

ހަސަން ކަރު ކެހިލިއެވެ. އޭނާއަކީ ގިނައިން ވާހަކަދައްކާއުޅޭ މީހެއްނޫނެވެ. އެ ހިމޭންކަމުގައި އެހާ ބޮޑު ބަރުދަނެއް ހުރީ އެ ސަބަބާހުރެކަމަށް ވެދާނެއެވެ. އޭނާ ކުރިއަށް ޖެހިލާފައި ދަރިފުޅުގެ ބޮލުގައި މަޑުމަޑުން އަތް ބާއްވައިލިއެވެ.

"ﷲ ދަރިފުޅު ރައްކާތެރިކުރައްވާށި."

އެންމެ ޖުމްލައެއް ނަމަވެސް މިލްހާއަށް ހުރިހާ އެއްޗަކަށްވުރެ މުހިއްމުވިއެވެ. އަދި ކުޑަ ވަގުތުކޮޅަކަށް އޭނާ ހަމައެކަނި ބައްޕަގެ ގާތުގައި ހުރީ ދުރަށް ދާން ބޭނުންނުވެފައެވެ.

"ދޮންތާ. ސިފްރާން އެބަހުރި އިންތިޒާރުގައި...." ހާރިސްގެ ލޯވެސް ރަތްވެފައިހުރިގޮތުން ރޮއެފައިހުރިހެން ހީވިއެވެ. މިލްހާ ހިނިތުންވެލިއެވެ. އޭނާ ފުރާތީ ރޮއިފައިވާކަން ދުވަހަކުވެސް އިޢުތިރާފުނުވާނެކަން މިލްހާއަށް އެނގެއެވެ.

"ސްކޮޓްލެންޑަށް ވަގުތުން ފުރަނީދޯ.... ހަފްތާއެއް ނުވަނީސް ރަށަށް ފޮނުވާލަފާނެކަން ނޭގޭ......"

"އުއްމީދަކީ ތިއީ...." މިލްހާ ހިނިއައެވެ.

"ކަންބޮޑުނުވޭ. ސިފްރާނަށް ކިޔައިދޭނަން ރިފަންޑް ޕޮލިސީއެއް އޮންނަކަމަށް...." ހާރިސް އޭނާގެ އަތްތިލައިގެ އިނގިލިތައް މަހައިލިއެވެ.

"މިހާރު ރަސްމީކޮށް އެހެން މީހެއްގެ މައްސަލައަކަށްވީ ދޯ" ހާރިސް އިތުރުކޮށްލިއެވެ.

މިލްހާ ހައިރާންވިއެވެ. "ތިއީ އަލްވަދާއު ކިޔާގޮތް؟"

"ދެން ކޯއްޗެއް ބޭނުންވަނީ؟ ޅެމެއްތަ؟" ހާރިސް ކަޅި އަނބުރައިލިއެވެ. އެހުރިހާ ތަމްސީލެއް ކުޅުނީ ކަރުނަ ފައިބައިގެންދިޔުން ހުއްޓުވުމަށެވެ.

"އާނ....." ހާރިސްގެ އަތުގައި ހިފައިގެން ހުރެ މިލްހާ ނިކުންނާން ހިނގައިގަތެވެ.

ރަފާ އޮތީ މިލްހާގެ އަނެއް އަތުގައި އެލިގަނެގެންނެވެ. ރޮވޭވަރުން އަނގައިން ބުނެވޭވަރެއްވެސް ނޫނެވެ. "އަހަރެމެން މަތިން ހަނދާންނައްތާނުލާތި މިލްހާ..... އަދި ސިފްރާނު ކައިރީ ބުނާތި އަހަރެމެންނަށް އެތަނަށް ޒިޔާރަތްކުރަން ޓިކެޓް ފޮނުވަން....."

ކަރުނައާއެކު އަސަރުގަދަ އަލްވަދާޢެކެވެ. ފުރަންޖެހުނު ވަގުތު ފެއަރީ ލައިޓްތަކުން އަލިވެފައިވާ ކުޑަ ގެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުންނަން މިލްހާއަށް މަޖުބޫރުވިއެވެ.

***

އަނދިރިވަމުންދިޔަ ލޮނުގަނޑު ކަފާލާފައި ލޯންޗު ކުރިއަށް ދިޔެވެ. މިލްހާ އިނީ ދެ އަތްތިލަ އުނގު މަތީ ބާއްވާލައިގެން ހިމޭން ބުދެއްހެންނެވެ. މާލޭގެ އަލިތައް ކައިރިވަމުންދާތަން ބަލަހައްޓައިގެންނެވެ. ގެއިން ނުކުތްފަހުން އޭނާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. ވަރަށް ގިނަ ކަރުނައާއި ބައްދާލުމާއި ފަހުގެ ބެލުންތަކަށްފަހު އަދިވެސް ސިކުނޑިވަނީ ގަނޑުވެފައެވެ.

ލޯންޗުގެ ތަޅުންގަނޑުގައި ހެދުމުގެ ފަސްބައި ޖެހުނު ނުދިނުމަށް ސަމާލުވަމުން އޭނާ ކުރިޔަށް ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ސިފްރާން އިނީ ހިމޭނުންނެވެ. އެމީހުން ނުކުތްފަހުން އޭނާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އޭނާ އިނީ ފެންގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. އޭނާގެ އަތުގައި އޮތީ ސޫޓް ޖެކެޓެވެ.

މިއީ ކައިވެންޏަށްފަހު އެދެމީހުން އެކަނިވި ފުރަތަމަ ފަހަރެވެ. އެ ޚިޔާލާއެކު މިލްހާ ކުޑަކޮށް ސީދާވެލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ކުޑައިރުކޮޅަކަށްފަހު އެންމެ ފުރަތަމަ ވާހަކަދެއްކީ ސިފްރާނެވެ. "ފްލައިޓް އޮތީ މިރޭކަން އެނގޭ ދޯ......."

މިލްހާ ބޯޖަހައިލިއެވެ. "ސްކޮޓްލެންޑަށް؟"

"އާނ. ދޯހާއިން ކަނެކްޝަން ފްލައިޓް...."

"ކިހާ އިރެއް ނަގާނެ؟"

"ދޯހާއަށް ހަތަރުވަރަކަށް ގަޑި...ދެވަނަ ފްލައިޓް އަށް ގަޑި.."

"އަހަރެން ދުވަހަކުވެސް އެހާ ފިނި ތަނަކަށް ނުދަން." މިލްހާ އަނދިރި އުދަރެހާއި ދިމާލަށް ބަލައިލިއެވެ. "ދުވަހަކުވެސް ސްނޯ ވެސް ނުދެކެން.."

"ފެންނާނެ..." ސިފްރާން ބުނެލިއެވެ.

"އިންޝާ ﷲ.....އިންޝާ ﷲ ބުނަން ޖެހޭނެއްނު..." އޭނާ ބުނެލިއެވެ.. "މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲތައާލާ..."

"ޔަގީނެއްނު...." ސިފްރާންގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. މިލްހާގެ އަނގަ ގަދަކަމުންނެވެ. މި ކުއްޖާ ސިކުންތެއްގެ ތެރޭގައި ދިހަވަރަކަށް ބަސް އެބަ ކިޔާލައެވެ.

"ބައިވަރު ސްނޯ ވެހޭތަ؟" މިލްހާ އަހައިލިއެވެ.

"އާނ."

މިލްހާގެ ވިދާ ދެލޯ ދިއްލުނެވެ. "އަހަރެން ހަޤީޤަތުގައިވެސް ވަރަށް ދެކެން ބޭނުންވާ މަންޒަރެއް......"

ސިފްރާން ކުޑައިރުކޮޅަކަށް އޭނާގެ މޫނަށް ބަލަން އިނީ ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ. "އެހެންވިއްޔާ ވަރަށް ފުރުސަތު ލިބޭނެ."

މިލްހާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. އޭނާ ވިސްނީ ހަމައެކަނި ގެއިން ނުކުތުމާއި މެދުގައެވެ. މިހާރު ފުރަތަމަ ފަހަރަށް އަނެއް ފަރާތުގައި އޮތީ ކޮން އެއްޗެއްތޯ ބެލުމުގެ ޝައުގު ހިތުގައި އުފެދުނެވެ.

"އަހަރެމެން ދާއިރު ސްނޯ ވެހެމުންދާނެތަ؟" މިލްހާއަށް ނުހުރެވިގެން އެހިއެވެ.

"އަހަންނަކަށް ނޭނގެ....."

"އެތާ ކުރީގެ ގަނޑުވަރުތައް ހުރޭތަ؟ އަހަރެން ކޮންމެވެސް ތަނަކުން ކީ ހަނދާނެއްވޭ ސްކޮޓްލެންޑް..."އޭނަ ވާހަކަ ދައްކަން ފެށި ނަމަވެސް ސިފްރާން ހުއްޓުވިއެވެ.

"އަބަދުވެސް މިހާ ގިނައިން ވާހަކަދައްކަންތަ؟"

އޭނާ ސިފްރާނަށް ބަލައިލިއެވެ. ސިފްރާން އިނީ ކަނޑާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވުމެއްނެތި ނިކަން ސީރިޔަސްކޮށެވެ.

މިލްހާ ލޯ ހަނިކޮށްލިއެވެ. "ވަރަށް ރޫޑް...."

ސިފްރާންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. "އަހަރެން ރޫޑްވާން ބުނި އެއްޗެއްނޫން.."

"ވަރަށް ގޯސް."މިލްހާގެ ހިތް ހަމައެއްނުޖެހުނެވެ.

"އަހަރެން ސުވާލެއް ކުރީ....." ސިފްރާން ބުނެލިއެވެ. މާގިނައިރުތަކެއް ނުވެ ލޯންޗު މާލެއަށް ވާސިލުވިއެވެ. އޭރު އުޑުމަތި މުޅިން އަނދިރިވެ ލޮނުގަނޑުމަތީގައި ޝަހަރުގެ އަލިތައް ވިދަވިދާ ހުއްޓެވެ. ފާލަން ކައިރީގައި ކާރެއް އޮތެވެ. މިލްހާ ކައިވެނީގެ ހެދުމުގެ ބަރު ބައިތައް ދެއަތުން ހިފަހައްޓައިގެން ސިފްރާންގެ ފަހަތުން ގޮސް ކާރުގެ ތެރެއަށް ދެމިގަތެވެ.

"އަހަރެމެން މިދަނީ ކޮންތާކަށް؟"

"އަހަރެންގެ ގެއަށް."

"ސިފްރާންގެ ގެއެއް މިތާ ހުރޭތަ؟"

"އާނ."

"މާލޭގައި ހުންނައިރު އުޅެނީ އެތާނގައިތަ؟"

"ބައެއް ފަހަރަށް."

ގެހުރީ މާ ދުރަކު ނޫނެވެ. އަދި އެތަނަށް ދިޔުމުން އޭނާ ހީކުރިވަރަށްވުރެ މާ ހަމަހިމޭން ތަނެއްކަން އެނގުމުން މިލްހާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެ ގެއަކީ ވަރަށް ރީތި އަދި ހިރަފުސްކޮޅެއްގެ އަސަރު ވެސް ނެތް ސާފު ތަނެކެވެ.

މިލްހާ އަވަހަށް ކައިވެނީގެ ހެދުން ބަދަލުކޮށް ފަރުވާތެރިކޮށް ފަތުރައިލިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރުކުރުމަށް ހެދުންލައި ކައިވެނީގެ އުސް ފައިވާން ވެސް ބާލައި ފަޔަށް ފަސޭހަ އެއްޗަކަށް ބަދަލުކޮށްލިއެވެ.

އޭނާ ބޭރަށް ނުކުތްއިރު ސިފްރާން ހުރީ އިންތިޒާރުގައެވެ.

އެއަރޕޯޓުވީ މިލްހާ ހީކުރިވަރަށްވުރެ ޝައުގުވެރި ތަނެކަށެވެ. ފުރުމުގެ އިންތިޒާރުގައި ތިބިއިރު އޭނާ ވަރަށް އުފަލުންހުރެ ވަށައިގެން ބަލައިލިއެވެ. "ފްލައިޓުން ސްނޯ ފެންނާނެހެން ހީވޭތަ؟" މިލްހާގެ ސުވާލުތައް ހުރީ ކުޑަކުއްޖެއްގެ ކިބައިން ފެންނަފަދަ ޝައުޤުވެރިކަމަކާއެކުގައެވެ.

"ނުފެންނާނެ...." ސިފްރާންގެ އަޑު ހުރީ ކުޑަކުއްޖެއްގެ ނިމުމެއްނެތް ސުވާލުތަކަށް ޖަވާބުދީ ފޫހިވެފައިވާ ބޮޑުމީހެއްގެ ގޮތަށެވެ.

"އެކަން އެނގެނީ ކިހިނެއް؟" ސިފްރާންގެ ފިޔަވަޅުތައް ދުރުގައި އަޅާތީ އޭނައާއި އެއްވަރަށް ހިނގަން މަސައްކަތްކުރަމުން މިލްހާ އެހިއެވެ.

"އަހަރެމެން މިދަތުރުކުރަނީ ރޭގަނޑުކަމަށްވާތީ." ސިފްރާންގެ ޖަވާބުން މިލްހާގެ މޫނު ރަތްވިއެވެ.

ފްލައިޓަށް އެރުމުގެ ކުރިން ކުޑަ ނޯޓްބުކެއް ފުރޭވަރަށް މިލްހާ ވަނީ ސުވާލުކޮށްފައެވެ.

ސީޓްތަކުގައި ހަމަޖެހިލާފައި މިލްހާ އަނެއްކާވެސް ފެށިއެވެ.

ސިފްރާންގެ ފޫހިކަން އިތުރުވަމުންދިޔަ ނަމަވެސް މިލްހާ ހުރީ ދަތުރު ހަނދާނުން ނުފިލާވަރު ކުރުމަށް ޢަޒުމްކަނޑައަޅައިގެންނެވެ.

ކެބިންގެ ބޮކިތައް ނިއްވާލަންދެން އޭނާ ވާހަކަދެއްކިއެވެ. ސްކޮޓްލެންޑާ ބެހޭގޮތުން ސުވާލުކުރިއެވެ. މޫސުމެވެ. ކާނާއެވެ. މީހުންނެވެ.ގެއެވެ.އެންމެ ފަހުން މިލްހާގެ އަޑު މަޑުވުމުން ސިފްރާން އޭނާއަށް ބަލައިލިއެވެ. މިލްހާ އޮތީ ބޯ އަރިކޮށްލައިގެން ކުޑަދޮރާ ދިމާލަށް ލެނބިގެން އަތް ޖައްސާލައިގެންނެވެ. ބޭރުން ފެންނަ މަންޒަރަށް ގެއްލިފައެވެ.

އެއީ އޭނާގެ ފުރަތަމަ ފްލައިޓްކަމަށާއި އަދި އޭނާގެ އަވަށްޓެރިން ހޫނު ފްލައިޓްތަކާއި ކައިރީގައި ޖަހާފައިވާ ގޮނޑިބަރިތަކުގެ ވާހަކަ ދައްކާފައިވާތީ ހައިރާންވިކަމަށް މިލްހާ ކުރިން ބުނެފައިވެއެވެ. މިލްހާއަށް އޭނާ މި ދަތުރުކުރަނީ ބިޒްނަސް ކްލާސްގައިކަން އެނގޭހެއްޔެވެ؟ ސިފްރާން ވިސްނައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު