މިފްކޯއަށް ސަބްސިޑީ ދޭތީ، އެންސިސް އިން ހުށަހެޅި މައްސަލަ އަލުން ބަލަން އަންގައިފި

އެންސިސްގެ އިވެންޓެއްގައި ކުރީގެ ފިޝަރީޒް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ

ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ސަބްސިޑީ ދޭތީ، އަމިއްލަ މަސް ކުންފުނި، އެންސިސްއިން އެކަމާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ސިވިލް ކޯޓުން އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.

މިއީ، 16 ސެޕްޓެމްބަރު 2023 އިން ފެށިގެން ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ މިފްކޯ މެދުވެރިކޮށް، ސަރުކާރުން ސަބްސިޑީ ދީގެން ކިލޯއަކަށް -/25 ރުފިޔާގެ މަގުން މަސް ގަތުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރި މައްސަލައެވެ. އެންސިސްއިން ދައުވާ ކުރީ، ތިން މިނިސްޓްރީއަކާ ދެކޮޅަށެވެ. އެއީ، މިނިސްޓްރީ އޮފް ފިޝަރީޒް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ފިނޭންސްއެވެ.

އެންސިސްއިން ދައުވާ ކުރީ، އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ، ހަމައެކަނި މިފްކޯއަށް ސަބްސިޑީ ދީގެން މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މަސްގަތުމަކީ "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު" އާ ޚިލާފަށް އަމިއްލަ ވިޔަފާރިތައް ނައްތާލުމަށް ކުރާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެންސިސްއަށްވެސް އެ ސަބްސިޑީގެ ފައިސާ ލިބެންޖެހޭނެ ކަމަށް ކަނޑައަޅައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

އެންސިސްއިން މި ދައުވާ އެންމެ ފުރަތަމަ އުފުލީ ސިވިލް ކޯޓުގައެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމީ މިއީ ސަރުކާރުން ނިންމި ނިންމުމަކަށްވެފައި، ވާދަވެރިކަމުގެ ޤާނޫނަކީ ސަރުކާރު ޒިންމާދާރުކުރުވަން އޮތް ޤާނޫނެއް ނޫން ކަމަށާއި، ދަޢުވާގައި ތިން މިނިސްޓްރީއާ ގުޅޭގޮތް ސާފުކޮށްދެވިފައިނުވާތީ، ދަޢުވާ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެ ނިންމުން ހިފައިގެން އެންސިސްއިން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުގައި އެންސިސްއިން ޗެލެންޖުކުރީ، ވާދަވެރިކަމުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި ޢަމަލުތައް އިސްތިސްނާނުވާ ކަމަށް ބުނެއެވެ. އަދި ދަޢުވާގައި ހޯދަން އެދޭ ފަރުވާއަކީ އެންސިސްއަށް އެކަނި ޚާއްޞަ ފަރުވާއެއް ކަމަށާއި، އެހެން ޚަޞްމުން ނުހިމަނައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން ގޯސް ކަމަށް އެންސިސްއިން ވަކާލާތު ކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރީ، ސިވިލް ކޯޓުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން ބާޠިލުކޮށް، މައްސަލައިގެ މައުޟޫޢަށް ބަލައި ގޮތެއް ނިންމުމަށްޓަކައި މައްސަލަ އަލުން ސިވިލް ކޯޓަށް ތަޙުވީލުކުރުމަށެވެ.

ހައިކޯޓުގެ ނިންމުގައި، ވާދަވެރިކަމުގެ ޤާނޫނު ސަރުކާރުގެ ނިންމުމަށް ތަޠުބީޤުވާނެތޯ ނުވަތަ ސިޔާދަތީ ބާރުގެ ދަށުން އިސްތިސްނާވާނެތޯ ނިންމޭނީ އިޖުރާއީ ގޮތުން މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި، މައްސަލައިގެ މައުޟޫޢީ އަޑުއެހުންތަކުގައި ދެފަރާތުން ބަހުސްކުރުވައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު