ކަތިވަޅިއަކުން މީހަކަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދު މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
ކަތިވަޅިއަކުން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ މީހެކެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ މެދެއްހާތަނުގައެވެ. ބަންދަށް ފުރަތަމަ ޖެހި 12 ދުވަސް ހަމަވެގެން، މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
ށ. މިލަންދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ މި މީހާގެ މައްޗަށް ކުރަނީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ. މި މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ، އޭނާވަނީ އޭނާގެ ރަށްކަމުގައިވާ، ށ. މިލަންދޫގައި ތޫނު ހަތިޔާރު (ކަތިވަޅިއެއް) ހިފައިގެން ގޮސް މީހަކަށް ހަމަލާދޭން އުޅެފައެވެ. އަދި އެ ސަރަހައްދުގައި ހުރި އާންމު ފަރުދަކަށް ކަތިވަޅިން ޖަހަން މަސައްކަތްކުރުމަށް ފަހު، ފުލުހުން އެ ސަރަހައްދަށް އައުމުން، ގެންގުޅުނު ކަތިވަޅި ސައިކަލު މަޑިދަށަށް ލައި ފޮރުވީ ކަމަށް، ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ބަލައިފާސްކުރިއިރު ސައިކަލު މަޑިދަށުން ކަތިވަޅިއަކާއި 2 ވަޅި ފެނިފައިވާ ކަންވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުށުގެ ވެއްޓަށް ދިޔަކަމަށާއި، އަޑުގަދަކުރި ކަމަށް އަދި އެވަގުތު ހުރީ މަސްތުގެ ޙާލަތުގައި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
މި މީހާގެ މުއްދަތު އެންމެ ފުރަތަމަ ޖެހީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވެގެން މިއަދު އަލުން ކޯޓަށް ގެނައުމުން، ބަންދު މުއްދަތު އިތުރުކުރީއެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުން ނުވަތަ، މީހަކަށް މަރުގެ އިންޒާރު ދިނުން ނުވަތަ ހަށިގަނޑަށް ނުރައްކާތެރި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން ލިބޭ އަނިޔާއަށް ބަލައި އަދަބު ތަފާތުވެއެވެ. މީހަކަށް ނުރައްކާތެރި ހާނީއްކައެއް ލިބޭގޮތަށް މާރާމާރީ ހިންގައިފިނަމަ، އެ މީހެއްގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންވެސް މާރާމާރީއާއި ބިރުދެއްކުމުގެ ކުށްތަކަށް ދަރަޖަކުރެވިގެން އަދަބު ކަނޑައެޅެއެވެ. ނަމަވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ އަމަލުތަކުގައި އާންމުކޮށް އަމަލުކުރަނީ ހާއްސަ ގާނޫނަށެވެ. އެއީ އެ ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް މާ ބޮޑުވުމުންނެވެ.