އިޤުރާރުވީމޭ ލޯބިން - 60 (ފަހުބައި)

އިޤުރާރުވީމޭ ލޯބިން -

"މިހާރުން ފެށިގެން ޓްރެއިން ވަނީތަ؟" ޒާލްއަށް ބަކުން ލެވުމަށްފަހު، ލަޔާލީ ދުރަށް ޖެހިލި ވަގުތު، އަޔާޝް ލާނެތް ސަމާސާއެއްކޮށްލަމުން، ލަޔާލީގެ ކަންފަތްދޮށުގައި ބުނެލިއެވެ. އޭނާ ހިތުން އެކަކަށް ވެސް އަޑެއް ނީވޭނެއެވެ. އެކަމަކު ވީ އެހެންނެއް ނޫނެވެ. އެ އަޑު އައިރާއަށް އިވުނެވެ.

އަޔާޝްމެންނާ ދިމާކޮށްނުލާ އިނުން އައިރާއަށް ދަތިކަމަކަށް ވިއެވެ. އޭނަ ލާނެތް ގޮތަކަށް ހީނލިއެވެ.

"ދޮންބޭ. އަޑު އިވިއްޖެ އިނގޭ...." އައިރާ ބޯ އަރިކޮށްލައިފައި ބުނެލިއެވެ. އެއާއެކު އަޔާޝް ބޯ ކަހައިލިއެވެ. ފާޑަކަށް ރަކިވެއްޖެއެވެ.

"ކީކޭތަ ބުނީ؟" ޒަހްރާން އައިރާއަށް ބަލައިލިއެވެ. އެއާއެކު އައިރާ މަޑުމަޑުން އެބުނި އެއްޗެއް ޒަހްރާނާ ހިއްސާކޮށްލިއެވެ.

"އެންމެން ކޮން ސިއްރުވާހަކައެއްތަ މި ދައްކަނީ؟" އީލާފް އިނީ ފަހަރަކު މީހެއްގެ މޫނަށް ބަލަހައްޓައިގެންނެވެ.

އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މާހައުލުގައި ކޮންމެ މީހެއްގެ ތުންފަތް މަތީގައި ވެސް ކުޅެވެމުން ދިޔައީ، ހިނިތުންވުމެކެވެ. ތަފާތު ވާހަކަތަކާ ސަމާސާ ތަކުގައި ތިބެ، ސައިބޮއި ނިމިއްޖެއެވެ. އުފާވެރި ޢާއިލާއެއްގެ ކިބައިން ފެންނަން އެދޭނެ ހުރިހާ މަންޒަރެއް އެ ޢާއިލާގެ ތެރެއިން ފެންނަމުންދިޔައެވެ.

އީލާފް ފޮޓޯ ނަގަން ފެށުމުން، އެންމެން ވެސް އެކަމުގައި ބައިވެރިވިއެވެ. ޢާއިލީ އުފާވެރި ވަގުތުތަކުގެ ހަނދާންތައް ރައްކާކުރުމަކީ މުހިންމުކަމެކެވެ. ފާއިތުވެއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ފޮޓޯއެއްގެ ޒަރިއްޔާއިން ރައްކާކުރާ ހަނދާންތަކަކީ އެ ފެންނަ ކޮންމެ ފަހަރަކު އުފާވެރި ހަނދާންތައް އައިސް ތިމާ ވަށައިލާނެ ފަދަ ކަމެކެވެ. ހަނދާންތައް އައު ކޮށްދޭނެ ކަމެކެވެ.

ޝައުޤުވެރިކަމާ އެކު އެންމެންގެ ފޮޓޯ އީލާފް ނަގަމުންދިޔައެވެ.

"ދެން އީލު ވެސް އާދެބަލަ..." ޒަހްރާން ބުނެލިއެވެ. އެއާއެކު އީލާފް މޭޒުމަތީގައި ހުރި ވާޒްގައި ފޯނު ޖައްސައިލިއެވެ. އެއަށް ފަހު، ޓައިމަރ ޖައްސައިލިއެވެ. އޭނާ އައިސް، އެންމެންގެ ކައިރީގައި މަޑުކޮށްލިއެވެ. ޓައިމަރ ހަމަވުމާ އެކު ފޯނުން ފޮޓޯގަނޑު ނެގިއްޖެއެވެ. އެކަމަކު އެއް ގަނޑަކުން އީލާފްއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބުނަންދެން އެކި ގޮތްގޮތަށް އެމީހުން ފޮޓޯނަގަން ޖެހުނެވެ.

އޭރުވެސް، ޒަހްރާން ހުރީ އައިނީ އުރައިލައިގެންނެވެ. އައިރާގެ އަތުގައި ޒާލް އިން އިރު، އިރުއިރުކޮޅަކާ ލޯބިކޮށް ހީނލައެވެ. އެއިން ކޮންމެ ފަހަރަކު ކޮންމެ މީހެއްގެ ހިތް ވެސް އުފަލުން ފުރިގެން ދެއެވެ. ޒާލްއާއި އައިނީގެ ސަބަބުން އާ ތަފާތު ދިރުމެއް ވަނީ އެ ގޭތެރެއަށް ލިބިގެން ގޮސްފައެވެ. އައިރާ ޒަހްރާނަށް ބަލައިލުމަށް ފަހު ހިނިތުންވެލިއެވެ.

މިއަދު އައިރާއަށް އެ ވަނީ އޭނާ އުންމީދުކުރި ފަދަ އުފާވެރި ޢާއިލާއެއް ލިބިފައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައެވެ. ފުރަތަމަ ކައިވެނި ރޫޅުމަށް ފަހު، އޭނާ ހީކުރީ އޭނާގެ މާޒީގެ ސަބަބުން ދުވަހަކު އުފާވެރިކަމެއް ނުލިބޭނެކަމަށެވެ. އެހެންނަމަވެސް، އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ވަރިއަކީ ވަރިވާ ހިސާބުން ދިރިއުޅުން ހުއްޓޭނެ ކަމެއް ނޫންކަމުގައި މިއަދު އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. އާނއެކެވެ. އެކަން އޭނާއަށް އިޙްސާސްކޮށް، ބަދަލުކޮށްލަދިން މީހަކީ ޒަހްރާނެވެ. އެންމެ ބޭނުންވި ދުވަހު އަޅައިލާ އޯގާތެރިވީ މީހަކީ ވެސް އެއީއެވެ. ހިތް ފުރޭވަރަށް އިންތިހާ ދަރައިޖެ ލޯބި ދިން މީހަކީ ވެސް ހަމަ ޒަހްރާނެވެ.

މާޒީއާ އަދި އޭނާގެ ދިރިއުޅުމާ މެދު އައިރާއަށް ވިސްނައިލެވުނެވެ. ލޯބިވާ ޢާއިލާއަކާއި ބައްޕައެއްގެ ލޯބި ލިބުމަކީ އޭނަ އަބަދު ވެސް ދެކެމުންދިޔަ ހުފަވެނެކެވެ. މިއަދު އެ ހުވަފެން ވެސް ހަޤީޤަތަކަށްވެ ވެއްޖެއެވެ. އަމިއްލަ ލޭ ނޫނަސް، މުރާދުގެ ފަރާތުން ބައްޕައެއްގެ ލޯބި އޭނައަށް ލިބެއެވެ. މިހާރު އެ ވަރު އޭނާއަށް ފުދެއެވެ. ކުޑައިރު ބައްޕައަކީ ކާކުކަން އެނގެން ބޭނުންވިއެވެ. އެހެންނަމަވެސް، ބައެއް ސިއްރުތަކަކީ އަބަދަށްމެ ފޮރުވިފައިވާނެ ކަންތައްތަކެވެ. މަންމަގެ އުޅުން ހުރި ގޮތުން، އޭނާގެ ބައްޕައަކީ ކޮބައިކަން އެނގުމަކީ ނާދިރުކަމެކެވެ. މިއަދު އެކަން އައިރާ ޤަބޫލުކޮށްފިއެވެ. އެ ސިއްރު ވާނީ އަބަދުވެސް ސިއްރެއްގެ ގޮތުގައި ކަމެވެ. އެހެންނަމަވެސް، އެ މާޒީއަކީ އޭނާގެ ކުށެއް ނޫންކަމުގައި ވެސް މިއަދު ޤަބޫލުކުރެވިއްޖެއެވެ. ކުށްކުރީ އޭނާއެއް ނޫނެވެ. ކުށްކުރީ އެހެން މީހެކެވެ. އޭނާގެ މަންމައެވެ. ވިއިރު މި ހުރިހާ ދުވަހު އޭނާއަށް ލިބުނު ސަޒާއަކީ ލިބުން ހައްޤު ސަޒާއެއް ނޫނެވެ. އެއީ އިންސާފެއް ނޫނެވެ. އެހެންނަމަވެސް، މިއަދު އެ ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް އެވަނީ ފިލައިގެން ގޮހެވެ. އެކަން ޤަބޫލުކުރުމަށް ގިނަ ދުވަސްތަކެއް ނެގިއެވެ. އަމިއްލަ ނަފްސުދެކެ ލޯބިވެ އެ ނަފްސަށް އޯގާތެރިވާން ވަގުތު ނެގިއެވެ. އެހެންނަމަވެސް، ޒަހްރާންއާ، މިއަދު އޭނާއަށް ލިބިފައިވާ ޢާއިލާގެ އެހީތެރިކަމާއެކު، ނަފްސު ދެކެ ލޯބިވާން ދަސްވެއްޖެއެވެ. އައު ފެށުމަކުން ޙަޔާތުގެ މުޅިން އައު ބާބެއް ފެށިއްޖެއެވެ. ވަކިން ޚާއްޞަކޮށް ލޯބިވާ ފިރިމީހާގެ ފަރާތުން ލިބޭ ލޯބީގެ ސަބަބުން ހުރިހައިކަމެއް މަތިން ހަނދާން ނެތިއްޖެއެވެ. މިއަދު އޭނާ ފަސްއެނބުރި ބަލާކަށް ބޭނުމެއް ނޫނެވެ. އެ މާޒީއާ މެދު ހިތާމަކުރާކަށް ވެސް ބޭނުމެއް ނޫނެވެ. އޭނާގެ ފިރިމީހާއަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ނަޞީބާއި ރަޙްމަތެވެ. ޒަހްރާނަށް ބަލަހައްޓައިގެން އިން އައިރާ ހިނިތުންވުން ފުޅާކޮށްލިއެވެ. ޒަހްރާން ވެސް މެއެވެ. އޭނާ އައިރާ އޭނާއާ ގާތަށް ޖައްސައިލިއެވެ. އެ ދެމީހުންގެ އަތުތެރޭގައި އައިނީ އާ ޒާލްވެސް އޮތީ ހިނިތުންވެލައިގެންނެވެ. ހީވަނީ މަންމައާއި ބައްޕަގެ އުފާވެރިކަމަށް މަރްޙަބާ ކިޔަމުންދިޔަ ހެންނެވެ.

"އައި ލަވް ޔޫ..." ޒަހްރާންގެ ކަންފަތް ދޮށާ ގާތްވެލައިފައި އިސްވެ އައިރާ އޭނާ ޒަހްރާން ދެކެ ވާ ލޯތްބަށް އިޤުރާރުވިއެވެ. މިއަދު އޭނާގެ ހިތާ ފުރާނައަކީ ވެސް ޒަހްރާނާ ދެ ކުދިންނެވެ.

"އައި ލަވް ޔޫ ޓޫ...." ޒަހްރާން ވެސް އައިރާ ދެކެ ވާ އިންތިހާ ދަރަޖައިގެ ލޯތްބަށް އިޤުރާރުވިއެވެ. އޭނާގެ ޖާނާ ފުރާނަ ވެސް އައިރާއަށްޓަކައި ޤުރުބާންކުރާ މިންވަރަށް އޭނާ އައިރާ ދެކެ ލޯބިވެއެވެ. އައިރާގެ ހިނިތުންވުން ދެކެން ފިދާވާން ވެސް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. އެ ލޯބި ދުވަހަކު ފަނޑުނުމެވާނެއެވެ. ލޯބިވާ ދެ ދަރިންނާ އައިރާއާ އެކު، އުމުރު ދުވަހު އެ ޙަޔާތް އުފާވެރިކަމާއި ފާގަތިކަމުގައި، އަދި އެ ލޯބި އެގޮތުގައި ލެއްވުމަކީ އޭނާގެ ދުޢާއެވެ.

(ނިމުނީ)

ނޯޓް: الحمد لله , ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ކިޔުއްވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބުރަތްތެރި، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު