މިހާރު މި ފެންނަނީ ހައްގާއި ބާތިލާ ދެމެދު ހިނގާ ހަނގުރާމައިގެ ސިލްސިލާގެ ބޮޅުތަކެއް: ކުރީގެ ރައީސް މައުމޫން

14:12


މިހާރު މި ފެންނަ ބައެއް ކަންތައްތަކަކީ، ހައްގާއި ބާތިލާ ދެމެދު ހިނގާ ހަނގުރާމައިގެ ސިލްސިލާގެ ބޮޅުތަކެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


މި ރަމަޟާން މަހު ޑީއާރުޕީން ރާވައިގެން ކުރިއަށްގެންދާ، އިހްޔާ ޕްރޮގްރާމްގެ ފަހު ޖަލްސާގައި ތަގުރީރު ކުރައްވަމުން އެ ޕާޓީގެ ޒައީމް ރައީސް މައުމޫނު ރޭ ވިދާޅުވީ، އާދަމް އަލައިހިއްސަލާމަށް، ސަޖިދަ ކުރުމަށް އިބިލީސް އިންކާރުކުރި ހިސާބުން، ހައްގާއި ބާތިލާ ދެމެދު ކުރާ ހަނގުރާމަ ފެށިފައިވާ ކަމަށާއި، އަބޫޖަހުލާހ ިސާބުން، އިސްލާމް ދީނާއި ދީނުގެ އަދުއްވުންނާ ދޭތެރޭ ހަނގުރާމަ ފެށިފައިވާ ކަމަށެވެ.


އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމާދިންތާ މިމަހު އެގާރަ ވަނަ ދުވަހަށް ނުވަ އަހަރު ފުރޭ ދުވަސް ފާހަގަ ކުރުމަށް ކަމަށް ބުނެ ކީރިތި ގުރުއާން އަންދަން އެމެރިކާގެ ފައްޅިއަކުން ރާވަމުންދާ ރޭވުމަށް، އިޝާރާތް ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެކަމުގެ ސަބަބެއްގެ ގޮތުން އެމީހުން ސެޕްޓެމްބަރު އެގާރައިގެ ހަމަލާއާ މުސްލިމުންނާ ގުޅުވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އަދި އެކަމަކީ، އެމެރިކާ އާއި، ޔޫރަޕްގައި އިސްލާމް ދީން ފެތުރެމުންދާލެއް ހަލުވިކަމުން އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށާއި، މުސްލިމުންނަށް ދެރަގޮތް ހެދުމަށް އެބައިމީހުން ހިންގާ އަމަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިސްލާމުންނަކީ، އުފާވެރި ބައެއްނޫން ކަމަށާއި، އަނިޔާވެރި، ލޭ އޮހޮރުވާ ބައެއް ކަމަށް، އެބައިމީހުން ބުނި ނަމަވެސް މުސްލިމުންނަށް އަނިޔާކޮށް އެބައިމީހުން އަމިއްލަ ވަޒަނުންނާއި، ގައުމުން ނެރެ ހަދާއިރު މަޑުން ތިބޭނެތޯ ވެސް ރައީސް މައުމޫނު ސުވާލު ކުރެއްވި އެވެ. އަދި އިސްލާމް ދީނަކީ އުފާވެރިކަމުގެ ދީން ކަމަށާއި، މުސްލިމުންނަކީ އުފަލުގައި އުޅެންޖެހޭ ބައެއް ކަމަށް ވިދާޅުވެ ކީރިތި ގުރުއާނުން ދަލީލު ދެއްކެވި އެވެ.


ކީރިތި ގުރުއާނުން ތިން ކަމެއް ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ އެންމެ ބޮޑު ރަހުމަތަކީ، އަދި ނިއުމަތަކީ އިސްލާމްދީން ކަމަށް އެކަލާނގެ ކަލާމްފުޅުގައި ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. އަދި ކީރިތި ރަސޫލާ ފޮނުއްވާފައި ވަނީ އާލަމްތަކަށް ރަހްމަތެއްކަމުގައި ކަމަށް، މާތް ﷲ އަންގަވާފައިވާ ކަމަށާއި، މާތް ﷲ ވަނީ ރަހްމަތްވެ ވޮޑިގަތުން އެކަލާނގެ އަމިއްލަ ޒާތުފުޅަށް ލާޒިމުކުރައްވާފައި ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ތައުބާވުމާއި، ފާފަ ފުއްސެވުމާއި، ދުނިޔޭގައި އުޅޭއިރު، ފަރުޟު ތަކަށާއި ވާޖިބުތަކަށް ރައްކާތެރިވެ، އުފާފާޅުކޮށް ކުޅިވަރު ކުޅުމަކީ، ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމަކަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި އެފަދަ ހުރިހާ ރަހުމަތަކާއި، ނިއުމަތެއް މުސްލިމުންނަށް ލިބިފައިވާއިރު، މުސްލިމުންނަކީ ދެ ދުނިޔޭގައި ވެސް އުފާވެރި ބައެއް ކަމަށާއި، އުފާކުރަންޖެހޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިސްލާމް ދީނަކީ އުފާވެރިކަމުގެ ދީނެއް ނޫން ކަމަށް އެ ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެކަކު އަނެކަކާ ބައްދަލުކުރާއިރު ހިނިތުންވެގެން ތިބެ ބައްދަލުކުރުމަކީ ވެސް ސަދަގާތެއް ކަމަށް ބަޔާންކޮށްފައިވާއިރު އެންމެ އުފާވެރި ދީނަކީ އިސްލާމް ދީންކަން، ކަށަވަރު ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު