ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ބައްސާމް ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ވެސް ލަފަޔާ އެކު ކަމަށެވެ.
ގޭ ބަންދަށް ބަދަލުކުރީ ވަގުތީގޮތުން ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް، ސީދާ ބަދަލުކުރީ ކިހާ ދުވަހަކަށް ކަން ވިދާޅެއްނުވެއެވެ.
މިދިޔަ މާރިޗު މަހުގެ 16ވަނަ ދުވަހު ވެސް ބައްސާމް ގޭ ބަންދަށް ބަދަލުކުރިއެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް ގޭ ބަންދަށް ބަދަލުކުރުމާ އެކު އާންމުންގެ ފާޑުކިއުން އަމާޒުވިއެވެ.
އާންމުންގެ ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް 24 ގަޑިއިރު ވެސް ނުވަނީސް ބައްސާމް ވަނީ ޖަލަށް އަލުން ބަދަލުކޮށްފައެވެ.
އެކަމަކު ކަރެކްޝަންސްއިން އޭރު ބުނީ، ބައްސާމް ވަގުތީގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭރު ބުންޏެވެ. އަދި ޖަލުގައި ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމުން އަލުން ޖަލަށް ބަދަލުކުރީ ކަމަށް ވެސް ކަރެކްޝަންސްއިން އޭރު ބުންޏެވެ.
އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތު ބައްސާމަށް ވަނީ އަމާޒުވެފައެވެ. އެ ފައިސާއިން އޭނާ ހުޅުމާލޭން އެޕާޓްމަންޓެއް ވެސް ގަނެފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާތަކުގައި ވެއެވެ.
ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.