ރާއްޖެއަށް ހަފަރާތުން ވެސް ނުރައްކަލުގެ ކަންބޮޑުވުން!

އިންޑިއާ ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި ރާއްޖެ ފެންނަނީ ވަރަށް ކުޑަ، އެކަހެރި ގައުމެއްގެ ގޮތަށެވެ. އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. އިންޑިއާ އާއި ޕާކިސްތާން އަދި އަފްޣާނިސްތާނު ފަދަ ގައުމުތަކަށް ފެތުރިފައިވާ ހަނގުރާމައިގެ ބިރުވެރިކަމެއް ރާއްޖެއަކު ނެތެވެ. ބަޑިއާއި ބޮމުގެ ބިރުވެރިކަން ރާއްޖެ އަށް ނެތަސް ކުރިމަތިލާން ޖެހިފައިވާ ނުރައްކާތައް ރާއްޖެއަށް ވަރަށް ގިނަ އެވެ. ލާމެހިފައިވާ ދުނިޔެއެއް އުފެދި ތަރައްގީވަމުން އަންނަ އިރު ކުރިމަތިވާން ހުރި ނުރައްކާތަކާއި ކުރިމަތިވެދާނެ ނުރައްކާތައް ގިނަ އެވެ.
ކަނޑުފޭރޭ މީހުންގެ ނުރައްކަލާއި ޓެރަރިސްޓުންނާއި އިންސާނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ވިޔަފާރީގެ މައި ދޮރާއްޓަށް ރާއްޖެ ވެސް ވެދާނެ ކަމުގެ ބިރު ބޮޑެވެ. އެއީ މި ސަރަހައްދުގެ ގައުމުތަކާއި އަދި ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ރާއްޖެއަށް އިންޒާރު ވެސް ކުރާގޮތެވެ.

"ޓެރަރިސްޓުންނަށް ވަކިގައުމެއް ވަކިތަނެއް އަދި ވަކިއިރެއް ނޯންނާނެ ހަމަލާއެއް ދިނުމަށް، ކޮންމެ ވަގުތަކު ކޮންމެ އިރަކުވެސް ހަމަލާއެއް ދީފާނެ. އެއީ މި ރާއްޖެ އަށް ކަމުގައިވިޔަސް، އޭގެ ކުރިން އިދާރާތަކުން އެބަޖެހޭ އެކަންތައްތައް ދެނެގަންނަން. އެކަން ހުއްޓުވަން، އެއް ގައުމު އަނެއްގައުމަށް މައުލޫމާތު ހިއްސާކުރެވެން،" އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު މިޝޭލް ސިޝޮން ވިދާޅުވި އެވެ.

ހަގީގަތަކީ ރާއްޖެ ކުޑަވުމަކީ ނުރައްކަލެއް ނެތުމުގެ ސިގްނަލެއް ނޫންކަމެވެ. އެންމެ އިހުޒާމާނުގައި ޕޯޗްގީޒުންނާއި ހޮޅިން ރާއްޖެ އަށް ހަމަލަދީ އަޅުވެރި ކުރުމުގެ ބޭނުމެއްވެސް ކޮބައިހެއްޔެވެ؟ މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖެ ލައްވަމުން ދިޔަ ސޯމާލިޔާގެ ޑިންގީތަކާ ހުރެ ކަންބޮޑުވި އެވެ. ބައެއް ޑިންގީތަކުން ހަތިޔާރު ވެސް ފެނުނެވެ. ނުރައްކަލަކަށް ހުށަހެޅިދާނެ އެތައް ކަމެއްގެ ސިގްނަލް އަންނަނީ މެދުނުކެނޑި ރާއްޖެ އަށް ލިބެމުންނެވެ.

"އަޅުގަނޑުމެންނަކީ ކުޑަ ގައުމެއް ކަމަށް ވިޔަސް، ރާއްޖެއަކީ ސަލާމަތީ ގޮތުން ވަރަށް ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން ޖެހިފައިވާ ގައުމެއް. ރާއްޖެ އަށް ހުރި ނުރައްކާތައް ވެސް މަދެއް ނޫން. އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ޓެރިޓޯރިއަލް ވޯޓާ (ކަނޑުގެ ބޯޑަރު) ސަރަހައްދަކީ ދުދިޔޭގެ ނިސްބަތުން ވެސް ހަމަ ބޮޑު ސަރަހައްދެއް. އެހެންވީމާ އެގޮތަށް ބަލާއިރުގައި އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން އަޅުގަނޑުމެންނަށް އެކަނިމާ އެކަނި މިކަންތައްތަކެއް ކުރެވޭހާ ގާބިލުކަމެއް ނެތް،" ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. "ސަރަހައްދުގައިވާ އެންމެ ކުޑަ ގައުމުކަމަށް ވިޔަސް، އޭގެ މާނައަކީ ރާއްޖެއަށް ޓެރަރިސްޓުންގެ ފަރާތުން ގެއްލުން ނުލިބެއެކޭ ނޫން، 1988 ވަނަ އަހަރު ބޮޑު ޓެރަރިސްޓް ހަމަލާއެއް އައި، އޭގެ ފަހުން ވެސް އެފަދަ ބައެއް ސިގްނަލްތައް ދަނީ ލިބެމުން."

ސަރަހައްދީ ގައުމުތަކުގެ ކަންބޮޑުވުން ހުރީ އެހެންނެވެ. ދާދިފަހުން ރާއްޖެ އަށް ޒިޔާރަތްކުރެއްވި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވެސް ވިދާޅުވެފައި ވަނީ ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ރާއްޖެއާ ވެސް ގުޅިފައިވާ ކަމަށެވެ. ސަރަހައްދީ ބާރުތަކުން ވެސް ރާއްޖެ އަށް އިންޒާރުކުރާ ނުރައްކާތަކުގެ ލިސްޓް ވަރަށް ދިގެވެ.

"ސަރުކާރުގެ މުއައްސަސާތަކަށް ލިބޭ ، ޓެކްނޮލޮޖީ ޓެރަރިސްޓުންނަށް ވެސް، ކުށްވެރިންނަށް ވެސް ލިބިދާނެ ކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ، (ރާއްޖޭގެ ހޯމް މިނިސްޓަރާ އެކު އަޅުގަނޑު ކުރި މަޝްވަރާތަކުގައި އަޅުގަނޑު ފާހަގަކުރިން. ޕާކިސްތާނަށް ޓެރަރިސްޓުންގެ އަތްތަކުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން، އިންޑިއާ ވެސް، އަފްޣާނިސްތާން ހިމެނޭ ގޮތުން ސަރަހައްދުގެ އެހެން ގައުމުތައް ވެސް،" ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު އަބުދުއްރަހުމާން މާލިކު ވިދާޅުވި އެވެ.

އާންމުންނަށް ރާއްޖެ އަށް ވެސް ކުރިމަތިވާ ނުރައްކާތަކަށް ހޭލުންތެރިވެފައި ނެތަސް ޕޮލިސީ ލެވަލް އާއި ސިއްރު ފުލުހުންގެ ޕްލެޓްފޯމްތަކުގައި ހައިރާންކަން ލިބޭ އެތައް ކަމެއް ހުރީ ގައުމީ ސިއްރުތަކުގެ ގޮތުގަ އެވެ. ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މާލިކު ވިދާޅުވާ ގޮތުން ޕާކިސްތާނުގައި ތިބި ރާއްޖޭގެ ކުށްވެރިން (ޓެރަރިސްޓުން)ތަކެއް ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ދެކޮޅު ހެދި އެވެ. ރާއްޖޭގެ ޖަލުތަކުގައި އެފަދަ ކުށްވެރިން ގެންގުޅެވޭނެ ކެޕޭސިޓީއެއް ނެތް ކަން މާލިކު ފާހަގަކުރެއްވި އެވެ. އެކަމަށް ޕާކިސްތާނުން އެހީވުމަށް ވެސް އޮތީތައްޔާރަށެވެ.
ރާއްޖެ އަށް ހުރި ނުރައްކާތަކުގެ ލެވަލް އެހެން ދަރަޖައަކަށް ވެސް ހުރީ ފޯރާފަ އެވެ. މިސާލަކަށް؛ މަނީލޯންޑްރިން އާއި ޑްރަގް ޓްރެފިކިން އަދި އެއްގައުމުން އަނެއް ގައުމަށް ވަގަށް މީހުން އެތެރެ ވުމުގެ މައި ދޮރާއްޓަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރުބޮޑެވެ. އެމެރިކާ އިން ތައްޔާރުކުރާ އިންސާނުންގެ ވަގުވިޔަފާރީގެ ވޮޗް ލިސްޓުގައި ރާއްޖެ މިހާރު ވެސް އޮތީ ހިމެނިފަ އެވެ. ރާއްޖޭގެ ބޯޑާލައިނަކީ ދޯދިޔާކޮށް އަޮތް ބޯޑަލައިނެކެވެ.

"އެކަން އިނގިގެން އޭގެ ފައިދާ ނަގާ މީހުން ގިނަ. މިސާލަކަށް ބައްލަވައި ރާއްޖެ އަށް އެތައް ބިދޭސީންނެއް ގެނެސް ވިސާފީއެއް އެއްޗެއް ނުދައްކާ އެމީހުން ގެންގުޅެގެން އެ ވިޔަފާރިން ކިތައް މީހުންތޯ މުއްސަދިވެފައި ހުރީ، މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭކަންކަން. ބޯޑަރުގެ ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ނެތުމުން ދިމާވެފައިވާ ގޮންޖެހުންތައް ވަރަށް ގިނަ،" ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހަންމަދު އަލީ ވިދާޅުވި އެވެ.

އޭނާ އިތުރު އެހެން މައްސަލަތަކެއް ވެސް ފާހަގަކުރައްވަ އެވެ. ރާއްޖެ މެދުވެރިކޮށް މީހުން ވަގަށް ޔޫރަޕަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ މައްސަލަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކަށް ސީރިއަސް އިޝޫތަކެވެ. އަޅާނުލައި ދޫކޮށްނުލެވޭނެ މައްސަލަތަކެކެވެ.

"މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ދެން އެއާ އެކީގައި މިސާލަކަށް ނައިޖީރިއާ ފަދަ ގައުމުތަކުން ރާއްޖެ އަށް އެތެރެވާން ފެށީމައި ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ދިމާވާނެ މައްސަލަތައް. އެއީ ނައިޖީރިއާ މީހުންގެ މާބޮޑު ރެޕިއުޓޭޝަނެއް ނުހުންނާނެ ބައެއް ކަހަލަ ކަންތައްތަކުގައި،" ކޮންޓްރޯލާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް މިފާހަގަ ކުރެވެނީ ޔޫރަޕަށް ވަގަށް މީހުން އުފުލުމުގެ މައްސަލަ، މިކަހަލަ ކަންތައްތައް މިހާރު ހަމަ ވަރަށް ފަސޭހައިން ދިމާވަމުން ދަނީ."

ރާއްޖެ އަށް ހަފަރާތުން ވެސް ނުރައްކާ ކުރިމަތިވާއިރު ރާއްޖެ އަށް އެކަންކަމާ ދެކޮޅަށް ކުރަން ހުރި މަސައްކަތްތައް ގިނަ އެވެ. ސަލާމަތަށް ޓަކައި ރާއްޖެ އިން އަޅަން ހުރި ފިޔަވަޅުތައް ވެސް ގިނަ އެވެ. ރާއްޖެއަކީ ނުރައްކަލެއް ނެތް ދުނިޔޭގެ ސުވަރުގެ ކަމަށް ބެލެވޭނެ ޖާގައެއްނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް