ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސިޔާސަތުތައް އެކުލަވާލައި، މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މޯލްޑިވްސް 2.0 ދަށުން ރާއްޖޭގެ ޖިއޮގްރަފީއާއި އާބާދީ ކުޑަކަމުން ކުރިމަތިވާ ދަތިތައް ނައްތާލުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކަމުގެ މަގުސަދަކީ، މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި ވިޔަފާރިތައް ހަރުދަނާ ކުރުމާއި ދިވެހި ހުނަރުވެރިން ދުނިޔޭގެ ބާޒާރުތަކާ ގުޅުވައިދިނުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ އިގުތިސާދުގެ އިންޖީނު ކަމަށާއި އެފަދަ ވިޔަފާރިތަކުގެ ޚިޔާލުތައް ތަރައްގީކުރެވޭނެފަދަ މާހައުލެއް ގާއިމުކޮށް، ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ސިޑްސް ފޯރަމްގައި ---- ފޮޓޯ/ ރައީސް އޮފީސް
"ވިޔަފާރިވެރިންނަށް ވެސް އައު އީޖާދުތަކާއި ޚިދުމަތްތަކާއި ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތާއި ނެޓްވޯކްތައް ފޯރުކޮށްދޭންޖެހޭ. އެހެންވެ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދައިދީ، ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކޮށް، އިންވެސްޓްމަންޓަށް މަގުފަހިކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ މި ފަދަ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ޒުވާން ވިޔަފާރިވެރިންނާއި އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް ސަމާލުކަންދީގެން، މާލީ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާފައެވެ.
ފޮރިން އިންވެސްޓްމަންޓް ގާނޫނާއި 2027ގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ރައީސް ވަނީ ލޮޖިސްޓިކްސް އަދި ފްލޯޓިން ސޯލާގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޖަޒީރާ ގައުމުތަކުގެ އުންމީދީ ޚިޔާލުތަކާއި ވިޔަފާރިތަކާއި މާލީ އެހީތެރިކަމާއި ފަންނިއްޔާތާއި ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ތަރައްގީކުރުމަށް ގޮވާލައްވަމުންނެވެ.