"ވެރިކަމާއިހެދި އެކަކު އަނެކަކަށް ހަސަދަވެރިވެ ޖައްސާލައިގެން އުޅުމުގެ އެއްވެސް މާނައެއްނެތެވެ. އަދި ވެރިކަން ލިބުމަށްފަހު ބޮޑާވުމަކީވެސް އޮތްކަމެއްނޫނެވެ. ވެރިކަމަކީވެސްﷲ ދެއްވާ އަމާނާތެކެވެ.ވެރިކަން ދެއްވާ އަނބުރާ ގެންދަވަނީ އެ ފަރާތުންނެވެ. އަދުލު އިންސާފާއެކު ވެރިކަންކޮށް ސުލްހަ މަސަލަސްކަން ގާއިމުކޮށް ﷲތައާލާ އަންގަވާފައިވާގޮތަށް އުޅެންވާނެއެވެ. އެންމެންވެސް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާނެ ދުވަހެއް އަންނާނެއެވެ."
***
"އާހް... ތިޔައީ އަޅުގަނޑު އަޑުއަހަން ބޭނުންވި ބަސްފުޅު........" މާކޯ އޭނާގެ ބަނޑުގައި އަތް ކާއްތައިލިއެވެ."ޖަލުގެ ހިކި ރޮށިކޮޅު ކައިކައި އަޅުގަނޑުގެ ގޮހޮރުވެސް ހިނދިފައި އޮތްވާ މަނިކުފާނުގެ ބައްޕާފުޅުގެ އޯގާތެރިކަމުން ކުޑަ ހަކަތައެއް ލިބުނީ....ތިޔަ ބަސްފުޅުތަކުން ހިތާއި ފުރާނައަށް ހަމަޖެހުން ލިބިއްޖެ..."
އެންމެންގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިޔަސް ޖޯންގެ ހިތުގައި އުފެދެމުުން ދިޔަ ސުވާލުކޮށްލެވުނެވެ.
"ތާރިގު......." ޖޯން ޖެހިލުންވެފައި ހުރެ އަހައިލިއެވެ. "މެތިއު ބުނި މޭރީ އިސްލާމް ދީން ޚިޔާރުކުރި ވާހަކަ.......މޭރީގެ ހިތް ބަދަލުވީމަ ވަރަށް ހައިރާންވި...އިސްލާމްދީނަށް މޭރީގެ ހިތް ލެނބުނީ ކިހިނެއްތަ؟"
"އެއްގޮތަކަށްވެސް ނޭގޭ...އަހަރެމެން މިއައީ ދުރުހިސާބެއްގެ ހަގުރާމައެއްގައި ބައިވެރިވެފައި.....އަދި މޭރީއާއި ތިފަދަ ގޮތަކަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުލިބޭ.ނަމަވެސް މޭރީއަށްވެސް ހިދާޔަތްލިބުނުކަމަށްޓަކާ ﷲއަށް ޝުކުރުވެރިވަން..."
މާކޯ ތުނބުޅީގައި އަތް ކާއްތައިލިއެވެ. އޭނާގެ ލާނެތް، މަޖާ މިޒާޖުން މުޅި މާޙައުލުގެ ނުތަނަވަސްކަން ކުޑަކޮށްލަން މަސައްކަތްކުރިއެވެ.
"އަހަންނަކަށް މުސްލިމުންނާއި ކްރިސްޓިއަނުންގެ ދީނީ ތަފާތެއް އެހާ ނޭނގެ.އެނގެނީ ރޮޑްރިގޯގެ ޖަލުގެ އަނިޔާއަށްވުރެ މިތަނުގެ މީހުންގެ ހެޔޮކަން....މިތަން އަމާންކަން.... ނަމަވެސް، އިއްޒަތްތެރި ސާހިބާ.. އަޅުގަނޑު ސުވާލެއް ކޮށްލަންތޯ؟"
ތާރިޤް ކުޑަކޮށް ހިނިތުންވެލިއެވެ. "އާނ.. މާކޯ. ބޭނުން ސުވާލެއްކުރޭ..."
"މުސްލިމުން ދުވާލަކު ފަސްފަހަރު ބޮލާއި ފައި ދޮވެގެން ބިންމަތީގައި ބޯޖައްސައިގެން އަޅުކަންކުރަނީ ކީއްވެ؟ ތިޔަބޭފުޅުންގެ ކުޑަކުދިންވެސް އެ ފޮތް ހިތުދަސްކުރަން އެހާ ބޮޑަށް އުޅެނީ ކީއްވެ؟ އަޅުގަނޑުމެންގެ ގަނޑުވަރުގައި މީހުން އަޅުކަންކުރަނީ ކުށްވެރިވާ ދުވަހު.... ނަމަވެސް މުސްލިމުން އުފަލާއި ހިތާމައިގާވެސް އެކަން ކުރަނީ ކީއްވެ؟"
ތާރިގުގެ ނަޒަރު މާކޯއާއި ޖޯންއަށް ހުއްޓުނެވެ. އެމަނިކުފާނުގެ އަޑުފުޅުގައިވަނީ އިންތިހާ ރޫޙާނީ މަޑުމައިތިރިކަމެކެވެ.
"މާކޯ އަހަރެމެން ނަމާދުކުރަނީ ހަމައެކަނި ބިރުންނެއް ނޫން........" ތާރިގު ވިދާޅުވިއެވެ."ދުވާލަކު ފަސްފަހަރު ﷲ އަށް ސަޖިދަކުރުމަކީ މުޅި ދުނިޔޭގެ ހުރިހާ ތަކްލީފުތަކަކާއި ހިތާމަތަކުން ހިތަށް ލިބޭ އެންމެ ބޮޑު ތަސައްލީ..... އެއީ ދުނިޔޭގެ އެންމެ މުއްސަނދި ރަސްގެފާނާއި އެންމެ ނިކަމެތި ސިފައިންގެ މީހާ އެއް ސަފެއްގައި ކޮނޑާއި ކޮނޑުޖައްސައިގެން ތިބޭ ވަގުތު.....އެތަނުގައި ވަކި މަތިވެރި މީހަކު ނުހުރޭ...ﷲގެ ހަޟުރަތުގައި އެންމެ މަތިވެރި މީހަކީ އެންމެ ތަގުވާވެރިމީހާ........ ޤުރުއާނަކީ އަހަރެމެންގެ ހިތްތަކުގެ އަލިކަން.... އެއީ ހަމައެކަނި ކިޔަވާ ފޮތެއް ނޫން. އެއީ ދިރިއުޅޭނެ ގޮތުގެ މަގުޗާޓް އަދި ގުރުއާން ހިތުދަސްކުރަން ފަސޭހަކަމަށް ގުރުއާނުގައިވެސް ވޭ...އެހެންވެ އެހާ ގިނަ މުސްލިމުންގެ ހިތުގައި ގުރުއާން ބިންވަޅުނެގިފައިވަނީ..."
ޖޯން މަޑުމަޑުން ތާރިޤްގެ ވާހަކަފުޅު އަޑުއަހަން އިސްޖަހާލައިގެން ހުއްޓެވެ. އޭނާ އިސްލާމްދީން ޤަބޫލުނުކުރި ކަމުގައިވިޔަސް، ތާރިގުގެ ބަސްފުޅުތަކުގައިވާ ތެދުވެރިކަމާއި މުސްލިމުންގެ ދިރިއުޅުމުގައިވާ އަމާންކަން ފެނި އޭނާގެ ހިތުގައިވި ނަފްރަތުގެ ގިނި މަޑުމަޑުން ނިވިގެން ދިޔައެވެ.
"ތިޔަ ދީނުގައި އެހާ ފުރިހަމަ އިންސާފެއްވާނަމަ..." ޖޯން މަޑުމަޑުން އަހާލިއެވެ. "އަަހަރެންގެ ގެއްލުނު ދަރިފުޅާއި އަހަރެންގެ ކެތްރީން އަހަރެންނަށް އަލުން ލިބޭނެ ހެއްޔެވެ؟"
ތާރިގު އޯގާތެރިކަމާއެކު ޖޯންގެ ކޮނޑުގައި އަތްޕުޅުޖައްސަވާލެއްވިއެވެ. "ޖޯން...އެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ އަދި އިންސާފުވެރި އިލާހު.... ހައްޤު ދުވަހަކުވެސް ގެއްލިގެން ނުދާނެ....މިތަނުގައި ހުރީ އަމާންކަމާއެކުގައި ފުރިހަމަ ހިމާޔަތުގައި....އަދި ކެތްތެރިވޭ.."
މާކޯ އޭނާގެ ބަނޑުގައި އަތްކާއްތައިލަމުން ލޯ އަޅައިލިއެވެ. "އާހް... ދީނީ ދަރުސް ކުރުވިޔަސް ވަރަށް ފުރިހަމަ...ނަމަވެސް މި އިއްޒަތްތެރި ހަނގުރާމަވެރިޔާ އަޅުގަނޑުމެންނަށް މިރެއަށް މީރު ކާނާއެއް ގެނެސްދެއްވާނެނަމަ. އަޅުގަނޑު އަދި މުސްލިމަކަށް ނުވަން.... ނަމަވެސް މުސްލިމުންގެ ކާނާއަށް ދެވިހިފައިފި.."
އެންމެންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނުތަނަވަސްކަމުގެ ވަގުތުކޮޅު ފިލައި އެމީހުންގެ ދެމެދުގައި އާ އިތުބާރެއްގެ ފެށުން ގާއިމުވެގެން ދިޔައެވެ.
***
މުސްލިމުންގެ ގަނޑުވަރުގެ އަމާން ރީތި ކޮޓަރީގައި ބުތައިނާ އިނީ އުއްބަތިތަކުގެ މަޑު އަލީގައެވެ. އޭނާގެ އަތް އޮތީ ބޮޑުވަމުންދާ ބަނޑުމަތީގައި ލުއިކޮށް ބާއްވާލެވިފައެވެ. އެ ބަނޑުގައި އެއޮތީ ރަސްގެފާނު ޣާޒީގެ ދަރިފުޅެވެ.
އޭނާ މުސްލިމުންގެ ތެރެއަށް އައީ ބަދަލުހިފުމުގެ ނިޔަތުގައެވެ. މުސްލިމުންގެ ރާނީއަކަށްވެ އެމީހުންގެ ސިއްރުތައް ހޯދައި އީސާއިންނަށް ފުރުސަތު ހޯދައިދީގެން މުސްލިމުން ނައްތާލުމުގެ އަނދިރި ރޭވުމުގައެވެ.
"އަހަރެން... އަހަރެން މި ކުރަނީ ކީއް؟"އޭނަ މަޑުމަޑުން އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. "އަހަރެންގެ ހިތުގައިވާ ނަފްރަތު ކޮބައިހެއްޔެވެ؟ ރަސްގެފާނު ޣާޒީ އަހަރެންނަށް ދޭ އޯގާތެރިކަމާއި މި ގަނޑުވަރުގެ މީހުން އަހަރެންނަށް ކުރާ ޤަދަރު ފެނި މި ހިތް މިވަނީ މަޑުވާން ފަށާފައި... އަހަރެންގެ މި ތުއްތު ދަރިފުޅު.... މި ދަރިފުޅު ދުނިޔެއަށް އަންނާނީ މުސްލިމެއްގެ ގޮތުގައި..... އަހަރެން މި ދަރިފުޅަށް ގެއްލުމެއް ދޭނީ ކިހިނެއް؟މިކުއްޖާ ވާންޖެހޭނީ މުސްތަގުބަލުގެ ރަސްގެފާނަށް...."
އެވަގުތު ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު ރަސްގެފާނު ޣާޒީ އެތެރެއަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ މޫނުފުޅުމަތިން ފެންނަނީ ވަރުބަލިކަމާއެކުވެސް އޯގާތެރި ހިނިފުޅެކެވެ.
"ބުތައިނާ..." ޣާޒީ އޭނަގެ އަރިހުގައި އިށީދެ ވަޑައިގަންނާވަފައި އަތުގައި މަޑުމަޑުން ހިއްޕަވައިލެއްވިއެވެ. " މޫނުމަތިން ހިތާމައިގެ އަސަރު ފެންނަނީ ކީއްވެ؟ ސިއްޙަތު ރަނގަޅުތައް؟ އަހަރެމެންގެ ދަރިފުޅު ރަގަޅުތަ؟"
އޭނަ އިސްޖަހާލިއެވެ. އޭނާގެ ހިތުގައިވާ ކުށްވެރިކަމުގެ އިޙްސާސް މާ ބޮޑުވިއެވެ. "ޣާޒީ... ތިޔަހާ ބޮޑަށް ލޯބިފުޅުވަނީ ކިއްވެތޯ؟ އަޅުގަނޑަކީ... މާޒީގައި މަނިކުފާނަށް ކެހިދޭން އުޅުނު މީހަކަށް ވެއްޖެނަމަވެސް، އަޅުގަނޑަށް މާފުކުރާނަންތޯ؟"
ޣާޒީ އޭނަގެ ނިތްކުރީގައި ބޯޖައްސާލެއްވިއެވެ. "ބުޘައިނާ،....މާޒީއަކީ މާޒީ..... ﷲ ތައާލާ އަހަރެމެންގެ ހިތްތައް ގުޅުއްވައިފި......މި ބަނޑުގައި ވަނީ އަހަރެމެންގެ އުންމީދު.... އަހަރެން ކަމަނާއާއި އަހަރެމެންގެ ދަރިފުޅު ރައްކާތެރިކުރާނަން. ކަމަނާގެ ހިތުގައިވާ އެއްވެސް ބިރުވެރިކަމެއް ދޫކޮށްލާ........."
ޣާޒީގެ އެ އިޚްލާޞްތެރި ބަސްތަކުން އޭނަގެ ހިތުގައިވި ބަދަލުހިފުމުގެ ފަހު އަލިފާންކަނިވެސް ނިވުނު ނަމަވެސް ދީން ދޫކޮށްލުމުގެ ނިޔަތެއްނެތެވެ. މިހާރު މަގުސަދަކީ ދަރިފުޅަށް ތަޚުތު ހޯދަދިނުމެވެ. އީސާއީދީނަށް ވަފާތެރި ޚިދުމަތްކޮށްދޭނެ ދަރިއަކު ލިބުމަކީ އޭނަގެ ފަޚުރެކެވެ.
***
ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅާއި ޖެހިގެން ހުރި ކޮޓަރިއެއްގެ ތެރޭގައި އަމީރު ރޮޑްރިގޯ ހުންނެވީ ކަނޑިކޮޅު ހިއްޕަވައިގެން، ފާރުގައި ހުރި މުސްލިމުންގެ ނިޝާންތަކަށް ހަމަލާދެއްވުމުގައެވެ. ދެލޯ ފުޅު ރަތްކަމުން އަނގުރު އަލިފާންފަދައެވެ. ނޭވާފުޅު އަވަސްވެ މުޅި ނަފުސު ވަނީ ކުށްވެރިކަމުގެ އިޙްސާސުގައި ބަދެވިފައެވެ. އެތަނުން ނިމިގެންގޮސް ކޮޓަރިކޮޅަށް ވަދެވަޑައިގަތުމާއެކު ނަޒަރުގައި އަޅައިގަތީ އެނދުކޮޅުގައި އޮތް ތުއްތު ދަރިކަނބަލުން އޮލީވިއާއެވެ.
އެމަނިކުފާނު އޮލިވިއާއަށް ބަލައިލައްވާަ ކޮންމެ ފަހަރަކު ސިފަފުޅުވަނީ އަނިޔާކުރެވުނު ޖޯންްއާއި އަންދަލައިގެން ހަލާކުކޮށްލި އާއިލާތަކެވެ.
"ނޫން.... އަހަންނަކީ ކުށްވެރިއެއް ނޫން..." ރޮޑްރިގޯ ހަޅޭއްފުޅުލަވައިގަތެވެ. އެމަނިކުފާނު އަމިއްލަ އިސްތަށިފުޅުގައި ދެއަތްޕުޅުން ހިފަހައްޓަަވައިގެން އިންނަވާ ކުކުރައިލެއްވިއެވެ. "އަހަރެން ކުރި ކޮންމެ ކަމެއް ކުރީ އަހަރެންގެ ދީނަށްޓަކައި އަހަރެންގެ ރަސްކަމަށްޓަކައި..."
އެވަގުތު ދޮރު ހުޅުވާލުމަށްފަހު ރާނީ އިޒަބެލާ ވެދެވަޑައިގެންނެވިއެވެ. އެކަމަނާގެ މޫނުފުޅުމަތިން ފެންނަނީ ހަރުކަށި އަނިޔާވެރި ގޮތެކެވެ.
"ރޮޑްރިގޯ....." އިޒަބެލާގެ ތޫނު އަޑުފުޅު ކޮޓަރިކޮޅުގައި ގުގުމައިގެން ދިޔައެވެ. "ތިޔަގޮތަށް އަންހެނަކަށްވެ އަމިއްލަ ނަފްސަށް އަނިޔާކުރުން ހުއްޓާލާ.... ތިއީ މި ރަސްކަމުގެ ވަލީއަހުދު..... އަހަރެމެންގެ މަޤްޞަދު ހަނދާން އެބަހުރިހެއްޔެވެ؟"
ރޮޑްރިގޯ އިސްއުފުލާލައި މަންމާފުޅަށް ބައްލަވައިލެއްވިއެވެ އެކަމަނާގެ ލޯފުޅުގައި ވަނީ މުސްލިމުންނަށް ކުރާ ނަފްރަތުގެ އަލިފާނުގެ ވިދުވަރެވެ.
"މަންމާފުލު..." ރޮޑްރިގޯގެ އަޑު ތުރުތުރުއެޅިއެވެ. "އަޅުގަނޑުގެ ހިތަށް ހަމަޖެހުމެއް ލިބޭނީ މި މުޅި ސްޕެއިންއިން އެންމެ މުސްލިމަކުވެސް ނެތި އެމީހުންގެ ލޭ އޮހޮރުވާލެވުމުން... މަންމާފުޅު އަމުރުކުރެއްވި ގޮތަށް މުޅި ފަސްގަނޑުން މުސްލިމުން ބޭރުކޮށް ކްރިސްޓިއަން ބާރު ފުރިހަމައަށް ގާއިމުކުރާނަން........"
"އާނ....." އިޒަބެލާ ވިދާޅުވިއެވެ. "އެއީ އަހަރެމެން އަހައްމިއްޔަތުކަން ދޭންޖެހޭ އެންމެ ބޮޑު ކަންތައް..... މުސްލިމުންގެ އަވަށަކަށްފަހު އަވަށެއް އަންދާލާ.... އެމީހުންގެ ކިއްލާތައް ހަލާކުކޮށް އެމީހުންގެ ދީން މި ފަސްގަނޑުން ފޮހެލާ.. އެއްވެސް އޯގާތެރިކަމެއް އެއްވެސް ރަޙުމެއް ނުބަހައްޓާތި..އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންވެސް ނައްތައިލާ..........."
ރޮޑްރިގޯ ކަނޑިކޮޅު އުފުލާލައިލެއްވިއެވެ. އަމިއްލަ ކުށްވެރިކަމުގެ އިޙްސާސްތަކުން ސަލާމަތްވުމަށްޓަކައި އިޚްތިޔާރުކުރެއްވީ މުސްލިމުންނާމެދު އިންތިހާއަށް އަނިޔާވެރިވުމުގެ މަގެވެ.
"އަހަރެންގެ ލަޝްކަރު ތައްޔާރުކުރަންވީ...." ރޮޑްރިގޯ ވިދާޅުވިއެވެ."މުސްލިމުންގެ އެންމެ ފަހު ގެ މީހާއާއި ހަމައަށްވެސް އަހަރެންގެ ކަނޑި ފޯރާނެ....."
***
ރަސްގެފާނުގެ ޣާޒީގެ ހައިބަވަންތަ ގަނޑުވަރުގެ ރީތި ބަގީޗާގެ ތެރޭގައި އޮތީ ހަމަހިމޭންކޮށެވެ. އަމާންކަމާއި ހިތްފަސޭހަކަން އިހުސާސްވެއެވެ. ޖަޒީރާ އިންނެވީ ގަސްތަކުގެ ހިޔަލުގައި ކުޝަންއެއްގެ މަތީގައި އިށީނދެވަޑައިގެންނެވެ. އެކަމަނާގެ ކުރިފުޅުމަތީގައިަ ކުޑަކުޑަ ލަކުޑި ރެކެއްގެ މަތީގައި މުސްހަފެއް ހުޅުވާލެވިފައި އޮތެވެ. އެ ރެކު ކައިރީގައި އިށީނދެ ވަޑައިގެން އިންނެވީ ޖަޒީރާގެ ދަރިކަލުން ޒާއިމްއެވެ.
ޒާއިމް އަޑުފުޅުގައިވަނީ އިންތިހާ ރީތިކަމާއި މަޑުމައިތިރިކަމެވެ. ވަރަށް ފުރިހަމައަށް ތަޖުވީދުގެ ހަމަތަކާއެކު ޤުރުއާން ކިޔަވާ ވިދާޅުވާ އާޔަތްތައް ހިތުދަސްކުރައްވަމުން ދިޔައެވެ. ޖަޒީރާ އިންތިހާއަށް އުފާފުޅުވެ އެދަރިކަލުންގެ އިސްތަށިފުޅުގައި ބޮސްދެއްވިއެވ.
"މާޝާﷲ މަންމަގެ ލޯބިވާ ދަރިފުޅު....." ޖަޒީރާ ވިދަޅުވިއެވެ. "މިއީ ވަރަށް ބަސްއަހާ އަދި ހިތްއަލި ކުއްޖެއް. ﷲ ދަރިފުޅުގެ ހިތުގައި މި މާތް ޤުރުއާނުގެ އަލިކަން އަބަދަށްމެ ދަމަހައްޓަވާށި......."
ޒާއިމް އިސްއުފުލާލައި ތޫނު ދެލޯފުޅުން ޖަޒީރާއާއި ދިމާލަށް ބަައްލަވައިލެއްވުމަށްފަހު ހިނިފުޅުވަޑުވައިލެއްވިއެވެ. "މަންމާފުޅު... އަޅުގަނޑު ބޭނުންވަނީ ބައްޕާފުޅު ފަދަ އިންސާފުވެރި، އަދި ﷲ އަށް ވަރުގަދައަށް އީމާންވާ އަދުލުވެރި ނަމޫނާއަކަށް ވާން ..ވަރުގަދަ ހަގުރާމަވެރިޔަކަށްވާން........"
"މަންމަ އަބަދުވެސް ދުއާއަކީ ތިއީ...ބައްޕާފުޅަށްފަހު މި ތަޚުތުގެ ވާރިސަކަށް ދަރިފުޅު ވުން....ޒާއިމްގެ މާނައަކީވެސް ލީޑަރު..ތިއީ ވެރިއަކަށްވާނެ އިންޝާﷲ...މަންމަގެ ހުރިހާ ހެޔޮ ދުޢާއެއްވަނީ މި ދަރިފުޅާއެކީ............"
***
ޣާޒީ ކުއްލިއަކަށް އަވަހާރަވުމާއެކު ގަނޑުވަރުގެ ތެރޭގައި ވާހަކަހުރިގޮތުން ބުތައިނާއަށް ޔަގީންވީ އެކަމުގައި ޣާޒީގެ ކޮއްކޯފުޅު ހައިތަމްގެ އަތްޕުޅެއްވާކަމުގައެވެ. ވެރިކަމާއި އާރާއި ބާރަށްޓަކާ މައިންބަފައިންނާއި އާއިލާގެ މީހުން ނައްތައިލަންވެސް ބައެއްމީހުން ފަސްނުޖެހޭނެކަމީ ތާރީޚު ހެކިދޭކަމެކެވެ. ތަޚުތަށްޓަކާ ހައިތަމްވެސް ބޭބޭފުޅު އަވަހާރަކޮށްލީކަމަށް ހީކުރެވުނުނަމަވެސް އެކަން ސާބިތުވާނެފަދަ ހެއްކެއް ނުލިބުނެވެ. ފުރުސަތަކަށް ބަލަބަލާހުރި ބުތައިނާ ހައިތަމްގެ ހިތުން ޖާގައެއް އަތުލަން މަސައްކަތްކުރުމާއެކު އެކަން ކާމިޔާބުވިއެވެ. "ރާނީ"ގެ ދަރަޖަ ލިބެން އޮތީ ހައިތަމްގެ އަނބިކަމަނާއަށް ވުމުންކަން އެނގުމާއެކު އޭނަ އެހިސާބުން ކުރި މަސައްކަތުން ހައިތަމްގެ ހިތާއި ސިކުނޑިއަށް ވެރިވެގަން ކައިވެނީގެ ގޮތުން ގުޅެން މާގިނަ ދުވަސްތަކެއް ނުނެގިއެވެ. އެކައިވެންޏަށް އަހަރެއްވީތަނާ ބުތައިނާއަށް އަންހެންދަރިއަކު ލިބުނެވެ. އަންހެންދަރިފުޅު ހާލާ ވެގެން ދިޔައީ ބުތައިނާގެ ފިޔާތޮށިކުލައަރާ ދޮންކަމާއި ރަންއިސްތަށިގަނޑު ލިބިފައިވާ އަންހެންވަންތަ ކުއްޖަކަށެވެ. ހާލާގެ ބޭބެ އާލަމްއަށް ބައްޕަގެ އިސްތަށިގަނޑާއި ލޮލުގެ ކުލަ ވާރުތަވެފައިވިއެވެ. ދެކުދިންގެ އަމާޒަކަށްވެސް ތަޚުތުވުމަށް ކުޑައިރުއްސުރެ ބުތައިނާވަނީ އެކުދިންގެ ޅަ ސިކުނޑިތަކަށް އެކަން ވަރުގަދައަށް ވައްދާދީފައެވެ. ތަޚުތަކީ އެކުދިންގެ ހައްގެއްކަމެވެ. ކޮންމެގޮތެއް ހަދާފައިވެސް ވެރިކަމަށް އަރަން ތިބީ އެކުދިން ކަމެވެ.
***
ރޭގަނޑުގެ ފިނިކަން މުޅި ޝާހީ ގަނޑުވަރަށް ސަވާރުވެފައިވިއެވެ. ބޭރުގައި އުތުރި އަރަމުންދާ ތޫފާނެކެވެ. ބޯކޮށް ވާރޭވެހި ވައިރޯޅިތައް ގަނޑުވަރުގެ އުސް ފާރުތަކުގައި ޖެހި ގުގުމަމުންދާއިރު ނިކަން ފިނި އަދި އެހާމެ އަރާމުަ ރޭގަނޑެކެވެ. ކުޑަދޮރުގެ ބިއްލޫިތަކުގައި ވާރޭގެ ތިކިތައް ޖެހެމުންދާ އަޑުވެސް އިވެނީ މުޅި ކޮޓަރިއަށް ހަމަހިމޭން މިއުޒިކެއް ފަތުރާލާފައިވާ ފަދައަކުންނެވެ.
ކެތުރީން އިންނެވީ ކޮޓަރީގެ ކުޑަދޮރު ކައިރީގައިވާ މަޚުމާ ގޮނޑިކޮޅެއްގައެވެ. އޭނާގެ ކޮނޑުމަތީގައިވަނީ ކަޝްމީރު ސޫފީގެ ހޫނު ޝޯލްއެއް އޮތީ އޮޅާލެވިފައެވެ. އޭނާގެ އެއްއަތްޕުޅުގައި އާވި އަރަމުންދިޔަ ސައިތައްޓެއް ހުރިއިރު، އަނެއް އަތްޕުޅުގެ އިނގިލިތަކުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖަމާވެފައިވާ ފިނި އާވިތަކުގެ މަތީގައި އިނގިލިން ކުރަހަމުން ދިޔައެވެ.
ބޭރުގެ އަނދިރިކަމުގެ ތެރެއަށް ބަލަހައްޓައިގެން އިންނެވިއިރު ގަނޑުވަރުގެ ބަގީޗާގައިވާ ގަސްތައް ވައިގެ ތެރޭގައި ހެލެމުންދާ މަންޒަރާއި މަދުން ނަމަވެސް ވިދުވަރުގެ އަލިން މުޅި ޝަހަރު އުޖާލާވެގެންދާ މަންޒަރު ފެނިވަޑައިގަތެވެ. ކޮޓަރީގެ އެތެރޭގައިވާ ރަން ބައްތިތަކުގެ މަޑު ރީނދޫ އަލިން ކެތުރީންގެ މޫނުފުޅުމައްޗަށް އެޅިފައިވަނީ ހިޔަނިތަކެވެ. އެކަމަނާ އިންނެވީ ފުން ޚިޔާލަކަށް ގެއްލިވަޑައިގެންފައެވެ.
އެ ފިނި ވާރޭގެ އަޑާއި ކޮޓަރީގެ ތެރޭގައިވާ ހޫނުކަމުގެ ތެރެއިން ހިތްޕުޅަށް ލިބިވަޑައިގެންނެވީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމަކާއި އެހާމެ ފުން ހަނދާންތަކެކެވެ. މުޅި މާޙައުލު ވަނީ އިންތިހާއަށް އަމާން އަދި ހިތްގައިމު ސުކޫތަކުން ފުރިފައެވެ.އެފަދަ ވަގުތުތައް އެކަމަނާގެ ހަޔާތްޕުޅުގައި ނިކަން މަދެވެ.
***
ކޮޓަރިކޮޅުގެ ފާރުތަކުގައި ހުރި ރަން އަދި ރިހީގެ ކެންޑަލް ހޯލްޑަރުތަކުންނާއި ފަންކުރުން ޑިޒައިންކޮށްފައިވާ ރީތި ބައްތިތަކުން އަންނަ މަޑު ރީނދޫ އަލިން މުޅި ކޮޓަރިކޮޅު އޮތީ އުޖާލާވެފައެވެ. ކޮޓަރީގެ މެދުގައި ވަނީ މަޚުމާ ފޮތިން ޒީނަތްތެރިކުރެވިފައިވާ ބޮޑު ޝާހީ އެނދުކޮޅެކެވެ. ވަށައިގެން ސަދުވާ ދަމާފައެވެ.
އެވަގުތު ކޮޓަރީގެ ބަރު ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު ގަނޑުވަރުގެ ޚާދިމާއަކު އެތެރެއަށް ވަދެގެން އައެވެ. އޭނާގެ އަތުގައިވާ ރިހި ތަބަކުގައި ކެތުރީންއަށްޓަކައި ތައްޔާރުކޮށްފައިވާ މީރު ކާނާއާއި ތާޒާ މޭވާގެ ބަގީޗާ ސޫޕް ހުއްޓެވެ.
"ރާނީ ކެތުރީން... ތިޔަބޭފުޅާގެ ރޭގަނޑުގެ ކާނާ........" ޚާދިމާ އަދަބުވެރިކަމާއެކު އިސްޖަހާލަމުން، އެނދުގެ އަރިހުގައިވާ ކުޑަ މޭޒުމަތީގައި ތަބައް ބެހެއްޓިއެވެ.
"ޝުކުރިއްޔާ...." ކެތުރީން މަޑުމަޑުން ވިދާޅުވިއެވެ.އަޑުފުޅުގައިވީ ވަރުބަލިކަމެވެ.
ޚާދިމާ ކޮޓަރިން ނުކުމެގެން ދިޔުމާއެކު، އެނދުމަތިން ކުޑަކުއްޖަކު ރޯލި އަޑު އިވުނެވެ. އެއީ ކެތުރީންގެ ނުކުޅެދޭ ތުއްޕުޅު ދަރިކަލުން ޑެނިއަލް އެވެ. ޑެނިއަލް ހޭފުޅުލެވިގެން ވާގިނެތް ފައިގާ ހިފައްޓަމުން ކީރިތިކުރައްވަނީއެވެ.
"އޯހް... މަންމަގެ ލޯބިވާ ޑެނިއަލް....." ކެތުރީން އަވަސްއަވަހަށް ވަޑައިގެން އެނދުމަތީގައި އިށީނދެވަޑައިގެން ޑެނިއަލް އެކަމަނާގެ މޭފުޅުގައި ޖައްސާ ބާރުކޮށްލެއްވިއެވެ. އެކަމަނާ ޑެނިއަލްގެ ބޮލުގައި ފިރުމައިލައްވަމުން، މަޑުމަޑުން ލޯބިފުޅުން ވާހަކަދައްކަވަން ފެށްޓެވިއެވެ. "މަންމަގެ ދަރިފުޅާއެވެ..ނުރޮއި... މަންމަ މިހުރީ ދަރިފުޅާއެކީގައި....."
ޑެނިއަލް މަންމަގެ ހަށިކޮޅުގައި ބައްދާލައިގެން އިންނަވާފައި މަޑުމަޑުން ހުއްޓަވާލެއްވިއެވެ. ނަމަވެސް، ޑެނިއަލްގެ މޫނުފުޅަށް ބަލަހައްޓައިގެން އިން ކެތުރީންގެ ދެލޯފުޅުން ކަރުނަފޮދު އަންނަންފެށިއެވެ.
އެކަމަނާގެ ހަނދާނަށް އައީ މާޒީއެވެ. ހަގީގީ ލޯބިވެރިޔާ ޖޯން އެވެ. ޖޯންއާއެކު ހޭދަކުރެއްވި އުފާވެރި ދުވަސްތަކާއި، އެ ދެމެދުގައިވި ފުރިހަމަ ލޯތްބެވެ. މުސްލިމުންގެ ހަމަލާތަކާއި އެ ހަނގުރާމައިގެ ތެރެއިން އެކަމަނާއާއި ޖޯން ވަކިވެގެން ދިޔަ ހިތްދަތި ދުވަހެވެ.
"މުސްލިމުންނަކީ ކޮންފަދަ ނުބައި ނުލަފާ ބަޔެއް..ކޮންފަދަ އަނިޔާވެރި.......ޖޯން އެކަނިއެއްނޫން..މޭރީއާއި މެތިއުވެސް....." ކެތުރީންގެ ދަތްކުނޑިވިކައިލެއްވިއެވެ. އެކަމަނާގެ ދެލޯފުޅުން އޯގާތެރިކަމުގެ ބަދަލުގައި ފެންނަން ފެށީ އިންތިހާގެ ފުން ނަފްރަތެވެ. "އެމީހުން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލައިފި.....އަހަރެންގެ ލޯބިވާ ޖޯން އަހަރެންނާ ވަކިކޮށްލީ... އަހަރެންގެ މުޅި އާއިލާ އާއި ދިރިއުޅުން ފުނޑުފުނޑުކޮށްލީ.... ކޮންމެވެސް ދުވަހަކުން އަހަރެން މުސްލިމުންގެ ކިބައިން ބަދަލުހިފާނން....އެމީހުންގެ ލޭ އޮހޮރުވާލާނަން...އެކަމަކު ދެރައީ ޑެނިލްވެސް ބަލިކުއްޖަކަށްވިކަން..."
އެއާއެކު އެކަމަނާގެ ހިތްޕުޅަށް މާޔޫސްކަން ސަވާރުވިއެވެ. އެކަމަނާގެ އަމިއްލަ ނަފްސު ލަޢުނަތްލެވިގެންވާ މީހެއްގެ ގޮތުގައި އިޙްސާސް ކުރެވުނެވެ.
"އަހަރެން މިއީ ކޮންފަދަ ބަދުނަސީބު މީހެއް ހެއްޔެވެ؟" ކެތުރީން އަމިއްލަ ނަފްސާއި ސުވާލުކުރެއްވިއެވެ. "އަހަރެންގެ އަންހެން ދަރިފުޅު ގެއްލުނީ... އެ ދަރިފުޅުގެ ބައްޕަ ވެސް އަހަންނާއި ވަކިވީ... އަދި މި ތުއްތު ދަރިފުޅު ޑެނިއަލް މިވަނީ ނުކުޅެދޭ ކުއްޖަކަށް ވެފައި......ކުށްވެރިޔަކީ އަހަރެން ހެއްޔެވެ؟ ނޫނީ އަހަރެންގެ ނަސީބު ހެއްޔެވެ؟"
ކެތުރީން ޑެނިއަލް ބާރަށް މޭގައި ޖައްސަވާ ބައްދާލައިގެން އިންއިރު ކޮޓަރީގެ ރަން ބައްތިތަކުގެ އަލިން އެކަމަނާގެ ކަރުނަތައް ޖަވާހިރުފަދައިން ވިދަމުން ދިޔައެވެ.
އެވަގުތު އެހެން ޚާދިމާއެއް ހުއްދަ ހޯދައިގެން ކޮޓަރިކޮޅަށް ވަނެވެ."ކުޑަ ސާހަބްްގެ ބޭސް......"
ޑެނިއަލްގެ ފައިގާ ލާން ބޭސްގެނައީ ރިހިކުލައިގެ ތަށިކޮޅެއްގައެވެ. ފެހިކުލައިގެ ފަތާއި އެހެން ސާމާނުތައް އަޅާފައިވިއެވެ."އެންމެ ކުރިން ކައިގެން ތެޔޮދަމާފައި ބޭސްއަޅާދޭނީ..."
"މަންމާ..އަޅުގަނޑުގެ ފައި ރަގަޅެއްނުވާނެ...އަޅުގަނޑަށް ނުހިނގޭނެ....."ޑެނިއަލް އަޅަ އަޅަައިގެންފާ އުދަގުލުން ވާހަކަދެއްކެއްވިއެވެ.
"ދަރިފުޅު ވާހަކަވެސް ނުދައްކާނެކަމަށް އެންމެން ބުނީ..ހަކީމުންނަކަށްވެސް ތި ބައްޔެއް ދަރިފުޅަށް ވެގެން އުޅޭގޮތެއް ނުހޯދުނު..ތަންކޮޅެއް ދުރު ކަރައަކުން ބޭސްވެރިޔަކު ގެންނަންވީ...އަދި ހިނގޭނެއޭ ދަރިފުޅު..އެއްވެސް ކަމަކުން އުއްމީދުކަނޑައިލާކަށް ނުވާނެ......." ކެތްރީން ދަރިފުޅަށް ފަރިއްކޮޅު ދެއްވަންވެގެން ތަށިތައް ކައިރިކޮށްލެއްވިއެވެ. އެކަމަނާގެ ހުރިހާ ވަގުތާއި ޚިދުމަތަކީ މި ދަރިކަލުންނަށް ވަގުފުކޮށްފައިވާ އެއްޗެކެވެ.
ނުނިމޭ