ސައިފް އާއި ކިއާރާ ސުޕަނެޗުރަލް ތީމްގެ ފިލްމަކަށް ތައްޔާރުވަނީ

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އަދި ކިއާރާ އަދުވާނީ--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ކިއާރާ އަދުވާނީ އެކީގައި ބިރުވެރި ފިލްމެއްގައި މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ނަން ހާމަނުކުރާ މި ފިލްމަކީ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ކަނިކާ ދިލޯން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ތައްޔާރުކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ވާހަކަ މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން ވާހަކަ ލިޔަމުން ދަނީ ކިއާރާ އާއި ސައިފްއަށް ހާއްސަ ރޯލުތަކެއް ކަނޑައަޅައިގެން ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ލިޔުންތެރިންގެ ޓީމާއި ކަނިކާ، އަދި އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން ވަރަށް ދިގު މުއްދަތެއް ވަންދެން ވާހަކަ ތަރައްގީ ކުރަމުން ދިޔަ ނަމަވެސް، މި ފިލްމުގެ މަސައްކަތް ފަށަން މާގިނަ ދުވަހެއް ދެން ނުނަގާނެއެވެ. ސްކްރިޕްޓް ފައިނަލްވުމާ ގުޅިގެން، ފިލްމުގެ ޝޫޓިން މި އަހަރުތެރޭ ފަށާނެކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު ޕްރޮޑިއުސަރު، ސްކްރީން ރައިޓަރު ކަނީކާ ދިލޮން އަދި ސައިފް އާއި ކިއާރާ--ފޮޓޯ/އެންޑީޓީވީ

މިހާތަނަށް ވަރަށް ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ކަނިކާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެތެރޭ، 'މަންމަރުޒިޔާ' އާއި 'ހަސީން ދިލްރުބާ' އާއި 'އޭކް ވިލަން ރިޓާންސް'ގެ އިތުރުން 'ދޯ ޕައްތީ' ހިމެނެއެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ކިއާރާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ ބުދަ ދުވަހު ރިލީޒްކުރާ ފިލްމު "ޓޮކްސިކް"އިންނެވެ. އަދި ސައިފް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް މި އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމު "ހައިވާން"އިންނެވެ.

comment ކޮމެންޓް