ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އައްޔަންކުރައްވައިފިއެވެ.
އެފްޑީސީން މިރޭ ބުނީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ފައިހަތު ގުދުރަތުﷲ ހަމަޖެހިގެން ދިޔުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެއިތުރުން، ފައިހަތުގެ ލީޑަޝިޕްގެ ދަށުން އެފްޑީސީއަށް އިތުރު ކާމިޔާބީތަކާއި ދެމެހެއްޓެނިވި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.
ޑީއެމްޑީގެ މަގާމަށް މިރޭ އައްޔަންކުރެވުނު ފައިހަތަކީ މީގެކުރިން ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ، ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
ފައިހަތު ހިމެނޭހެން މިހާރު އެ ކުންފުނީގައި ދެ ޑީއެމްޑީން ތިއްބަވާނެއެވެ.
އެފްޑީސީއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ މުހިންމު ކުންފުންޏެކެވެ.