މާލޭގައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ހުއްދަތައް ކައުންސިލުން ބަލަން ފަށައިފި

މާލޭގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި "އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ" އޮތްތޯ ބެލުމަށް މާލެ ސިޓީ ކައުންސިލުން ޚާއްޞަ އިންސްޕެކްޝަނެއް ފަށައިފިއެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުންނެވެ.

ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތުގެ ދަށުން މާލޭގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް ދަނީ ބަލައި ފާސްކުރަމުންނެވެ. އެގޮތުން މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓެއް ބަލައި ޗެކްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މި އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ވަނީ ޗެކްކޮށްފައެވެ. މީގެ އިތުރުން، އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށްފައިވެއެވެ. އަދި ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ޤަވާޢިދާ ޚިލާފު މަނާ ކަމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް