ދުބާއީގެ މަޝްހޫރު 'ޓޮޔޯޓާ ބިލްޑިން' އަންނަ އަހަރު ތަޅާލަން ނިންމައިފި

ދުބާއީގެ ޝެއިޚް ޒައިދު ރޯޑުގައި ހުންނަ މަޝްހޫރު 'ޓޮޔޯޓާ ބިލްޑިން' އަންނަ އަހަރު ތަޅާލަން ނިންމާފައިވާ ކަމަށް، އެ އިމާރާތް ބަލަހައްޓާ ކުންފުނިން ބުނެފިއެވެ.

ނާސިރު ރާޝިދު ލޫތާ ރިއަލް އެސްޓޭޓް (އެންއާރްއެލް) އިން މިކަން ހާމަކޮށްފައިވާއިރު، އިމާރާތް ތަޅާލާނެ ވަކި ތާރީޚެއް އަދި ބުނެފައެއް ނުވެއެވެ.

އެ ކުންފުނީގެ އޭޖެންޓަކު ބުނި ގޮތުގައި، މިހާރު ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެ އިމާރާތުގައި ތިބެވޭނެއެވެ. ނަމަވެސް، ބައެއް މީހުން މިހާރުވެސް އިމާރާތް ދޫކޮށް ދާން ފަށާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މީގެ ތެރެއިން ބައެއް މީހުން އިމާރާތް ދޫކޮށް ދަނީ ކަމާބެހޭ ފަރާތްތަކުން ކަރަންޓު ކަނޑާލުމާ ގުޅިގެން ކަމަށް އޭޖެންޓު ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ކަރަންޓު ކަނޑާލާފައިވަނީ އިމާރާތުގެ ބައެއް އެޕާޓްމަންޓުތައް ބައިކޮށްގެން ކުއްޔަށް ދީފައިވާތީއެވެ.

ނާސިރު ރާޝިދު ލޫތާ ބިލްޑިންގެ ނަމުން ނަންދީފައިވާ މި އިމާރާތް ބިނާކޮށް ނިންމާފައިވަނީ 1974 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 65 މީޓަރުގެ އުސްމިން ހުންނަ 15 ބުރީގެ މި އިމާރާތަކީ، ޝެއިޚް ޒައިދު ރޯޑުގެ ފުރަތަމަ ރައުންޑަބައުޓް ސަރަހައްދުގައި އެންމެ ފުރަތަމަ އިމާރާތްކުރި ތިން އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. އެ އިމާރާތް އޭރު ހެދިއިރު ދުބާއީ މިއަދު އެދެކޭ ތަރައްގީއާ ގާތަށް ވެސް އެ ސަރަހައްދު ތަރައްގީ ވެފައެއް ނުވެއެވެ.

އެއް ކޮޓަރިއާއި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި އިމާރާތް، ފާއިތުވި ފަސް ދިހަ އަހަރަށްވުރެ ގިނަ ދުވަހު ވަނީ އެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ބިނާއެއްގެ ގޮތުގައި ދެމިހުރެފައެވެ.

މި އިމާރާތަށް 'ޓޮޔޯޓާ ބިލްޑިން'ގެ ނަން ދެވިފައިވަނީ، އިމާރާތުގެ ފުރާޅުމަތީގައި ގާތްގަނޑަކަށް 40 އަހަރު ވަންދެން ޓޮޔޯޓާގެ ނަން ބޯޑެއް ހަރުކޮށްފައި ހުރުމުންނެވެ. ރަތް ކުލައިގެ ދިއްލޭ އަކުރުން ލިޔެފައިވާ މި ބޯޑު އެންމެ ފުރަތަމަ ހަރުކޮށްފައިވަނީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން އިޝްތިހާރުކުރުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 2018 ވަނަ އަހަރު އެ ބޯޑު ނެގުމަށްފަހު، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު 2022 ވަނަ އަހަރުގެ ޖޫން މަހު ޓޮޔޯޓާ ޔޫއޭއީއިން ވަނީ އަލުން އެ ބޯޑު ހަރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް