ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު 2-2 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-4 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
މިއީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބޭއްވި ކަޕް ވިނާސް ކަޕުގެ ތަށި މާޒިޔާއިން އުފުލާލި ފުރަތަމަ ފަހަރެވެ. އެއީ މި މުބާރާތުގެ ތާރީޚުގައި ތަށި ހޯދި 4 ވަނަ ޓީމެވެ.
މީގެކުރިން މި މުބާރާތް އެންމެ ފަހުން 2008 ގައި ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ނިއުއެވެ. މީގެއިތުރުން ކްލަބް ވެލެންސިއާއިން 6 ފަހަރު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ 3 ފަހަރު މި ތަށި ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު، ނިއު އާއި މާޒިޔާއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ފުރިހަމަ ވަގުތުވެސް ނިމުނީ އެއްވަރުވެގެންނެވެ. އަދި މިއީ ޕެނަލްޓީ ޝޫޓްއައުޓްގައި ނިއު އަތުން މާޒިޔާ ވިދިވިދިގެން މޮޅުވި 3 ވަނަ ފަހަރެވެ. މީގެ ކުރިން ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލާއި މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުންވެސް މާޒިޔާ ކުރިހޯދީ ޕެނަލްޓީގައެވެ.
ގަލޮޅު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ފަށައިގެން ދެވަނަ މިނިޓުގައި މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. ނިއުގެ ކޯނަރަކުން އުފެއްދި ހިތްގައިމު ކައުންޓަ އެޓޭކެއްގައި އަހުމަދު އައިހަމް (ފަތޯ) އާއި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު ޖެހީ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ.
ނަމަވެސް، މެޗުގެ 16 ވަނަ މިނިޓްގައި ނިއުގެ ލައިބީރިއާ މިޑްފީލްޑަރު އަބްދުﷲ ބިލިޓީ ތަނަވަސްކޮށްދިން ފުރުސަތަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މާޒިޔާއިން ދެވަނަ ފަހަރަށް ލީޑުނެގީ 28 ވަނަ މިނިޓްގައި، ލޫތު ދިން ބޯޅައަކުން އައިހަމް ޖެހި ލަނޑުންނެވެ. އެކަމަކު، 35 ވަނަ މިނިޓްގައި ޑަ ސިލްވާ ދިން ބޯޅައަކުން ސެންޓޭ ވަނީ އޭނާގެ ދެވަނަ ގޯލާއެކު އަލުން ނަތީޖާ 2-2 އަށް އެއްވަރުވިއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ އިލާން، އިބްރާހީމް އައިސަމް، ހައިޝަމް ހަސަން (ބިޑި) އަދި ބެންޖަމިން ކުކޫ ވަނީ އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ނިއުގެ ޑަ ސިލްވާ އާއި އަހުމަދު އަބްދުﷲ (ލިލީ) ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ޑޯރީ އާއި މޫސާ ޔާމީން (ޔާމްބެ) ޖެހި ޕެނަލްޓީތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) އެވެ.