އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި: ރައީސް

ރައީސް މުއިއްޒު: ވިދާޅުވީ، އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިންސާނިއްޔަތަށްޓަކައި ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ރާއްޖޭން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ.

ހަނގުރާމަތަކާއި ގެދޮރު ގެއްލުމާއި ބަނޑުހައިހޫނުކަމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާ ކަމަށެވެ.

މިގޮތުން، ޣައްޒާއަށް ގެންދާ އިންސާނީ އެހީއަށް ހުރަސްއެޅުމާއި އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ޖަރީމާތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޣައްޒާގައި މަރާލާފައިވާ ތުއްތު ކުއްޖެއް: ރައީސް މުއިއްޒު ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައި -- ފޮޓޯ/ ރޮއިޓާސް

އެމަނިކުފާނު ވަނީ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވާފައެވެ. އަދި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ ދާއިމީގޮތެއްގައި ހުއްޓާލުމަށް ގޮވާލެއްވިއެވެ.

އެ މަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކުދި ގައުމުތަކުގެ ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް ތަންފީޒުކުރެވޭ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަގުވާމީ ނިޒާމެއްގެ މައްޗަށް ކަމަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށާއި ޢާންމު ރައްޔިތުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި، އިންސާނީ އެހީފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ޙުރުމަތް ހިފެހެއްޓުމަށާއި އިންސާނިއްޔަތުކަމާއި ޢަދުލުވެރިކަމާއި މިނިވަންކަމުގެ އަސާސްތައް ނެގެހެއްޓުމަށް ހުރިހާ ގައުމުތަކަށް ރައީސްގެ މެސެޖުގައި ގޮވާލެއްވިއެވެ.

މި އުޞޫލުތަކުގެ އަގުވަޒަންކުރައްވަމުން ރައީސް ވަނީ، އިންސާނިއްޔަތުގެ ޚިދުމަތުގައި ނުރައްކަލަށް ހުށަހެޅި، ގުރުބާންވަމުންދާ ފަރާތްތަކުގެ ޒިކުރާ އާކުރައްވާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަސް، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކާރިސާތަކާއި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ޚިދުމަތްކުރުމުގެ ތެރޭގައި ޝަހީދުވާ މީހުންނާއި ޒަޚަމްވާ އެހީތެރިންގެ ޒިކުރާ އާކުރުމަށާއި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް