ކަސްޓަމަރެއްގެ އެކައުންޓަށް އޮޅުމަކުން 38،000 ޕައުންޑު ޖަމާކޮށްފި

ސޯލާ ޕަވާއަށް ލިބެންޖެހޭ 300 ޕައުންޑަށް އެދުމުން، އޮޅުމަކުން 38,611.59 ކަސްޓަމަރަކަށް ދީފި--ފޮޓޯ/އެމްއެސްއެން

ބްރިޓިޝް ގޭސްގެ ކަސްޓަމަރަކު ސޯލާ ޕަވާއަށް ލިބެންޖެހޭ 300 ޕައުންޑަށް އެދުމުން، އޮޅުމަކުން 38,611.59 (ތިރީސްއަށްހާސް ހަސަތޭކަ އެގާރަ) ޕައުންޑް އޭނާގެ އެކައުންޓަށް ޖަމާކޮށްފިއެވެ.

ބްރިޓިޝް ގޭސްގެ މި ކަސްޓަމަރު، އޭނާގެ އެކައުންޓަށް އޮޅުމަކުން ޖަމާވި 38,000 އަށްވުރެ ގިނަ ޕައުންޑް އަނބުރާ ހަވާލުކުރުމަށް އެދި ހަތް ހަފުތާ ވަންދެން އެ ކުންފުނީގައި އާދޭސްކުރިއެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ފައިސާ އަނބުރާ ހޯދާނެ ސީދާ އުސޫލެއް ކަސްޓަމަ ސަވިސަސް މުވައްޒަފުންނަށް އެނގިފައެއް ނުވެއެވެ. އިނގިރޭސިވިލާތުގެ ސޭލްއަށް ނިސްބަތްވާ "ޑީޓީ" ނަމަކަށް ކިޔާ މި މީހާ، މޭ މަހު އޭނާގެ ގޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފެއްދި ހަކަތައިގެ ރީޑިންގް ފޮނުވުމަށްފަހު ފީޑް-އިން ޓެރިފް (ފިޓް)ގެ ގޮތުގައި 300 ޕައުންޑަށް އެދުނެވެ.

އެހެންނަމަވެސް، ބްރިޓިޝް ގޭސްއިން އޭނާއަށް ފޮނުވި އީމެއިލްގައި 38,611.59 ޕައުންޑް ދެއްކުމަށްފަހު، ޖެހިގެން އައި ދުވަހު އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވިއެވެ. ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޮޑު އޮޅުން އެރީ މުވައްޒަފަކަށް މީޓަރުގެ ރީޑިންގް ނުބައިކޮށް އެންޓްރީ ކުރެވުމުގެ ސަބަބުންނެވެ.

ބްރިޓިޝް ގޭސްގެ މުވައްޒަފަކު ކަސްޓަމަރަކަށް މައުލޫމާތުދެނީ--ފޮޓޯ/އެމްއެސްއެން

ކަސްޓަމަ ސާވިސްއަށް ތަކުރާރުކޮށް ގުޅުމުންވެސް، މި ފައިސާ އަނބުރާ ހަވާލުކުރާނެ ގޮތުގެ އިރުޝާދެއް މުވައްޒަފުންނަކަށް ނުދެވުނެވެ. މިކަމުގެ ސަބަބުން ގާނޫނީ ބިރުވެރިކަމެއްގެ ތެރެއަށް އޭނާ ވެއްޓުނެވެ. ސަބަބަކީ ތިމާއަށް ހައްގުނޫން ފައިސާއެއް ލިބިފައިވާކަން އެނގިހުރެ އެ ބޭނުންކުރުމަކީ ޖިނާއީ އަދި މަދަނީ ކުށަކަށް ވާތީއެވެ.

"އަހަންނަށް ހައްގުނޫން ފައިސާ ބޭނުންކުރުމަކީ ގާނޫނާ ހިލާފު ކަމެއްކަން އެނގޭ، އެކަމަކު އެ ފައިސާ އެކައުންޓުގައި ހުރުމުން އަހަރެން ލަދުގަތް އަދި އެއީ މަކަރާއި ހީލަތުގެ ކަމަކަށް ވެދާނެތީ ބިރުގަތް،" ޑީޓީ ބުންޏެވެ.

އޭގެ ދެ މަސް ދުވަސް ފަހުން، މިދިޔަ މަހުގެ 14ގައި އެ ފައިސާ އެކައުންޓުން ކެނޑި ނަމަވެސް، ބްރިޓިޝް ގޭސްއިން ފުރަތަމަ އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އޭނާއަށް ލިބެންޖެހޭ އަސްލު 300 ޕައުންޑް ދިނުމުގައިވެސް އިހުމާލުވިއެވެ.

މި ހާދިސާއިން ހާމަވަނީ ބޮޑެތި ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމަށް އޮޓޮމޭޓެޑް ނިޒާމުތައް ބޭނުންކުރި ނަމަވެސް، މިފަދަ ބޮޑެތި އޮޅުންތައް ދެނެގަތުމުގެ ރައްކާތެރި ނިޒާމެއް ނެތްކަމެވެ. މީގެ އިތުރުން ޔޯކްޝަޔާ ވޯޓާ އިންވެސް މިފަދަ މައްސަލައެއް ދިމާވެ، އޮޅުމަކުން ކަސްޓަމަރެއްގެ އެކައުންޓަށް 6,800 ޕައުންޑް ފޮނުވުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މީޑިއާގެ ސަމާލުކަން މި ހާދިސާއަށް ލިބުމާ އެކު، ބްރިޓިޝް ގޭސްއިން ޑީޓީއަށް ލިބުނު ތަކުލީފުތަކުގެ ބަދަލެއްގެ ގޮތުން 500 ޕައުންޑް ދިނެވެ. އަދި އޭނާއަށް ލިބެންޖެހޭ 300 ޕައުންޑްވެސް ފަހުން ވަނީ ދީފައެވެ.

މީގެއިތުރުން ބްރިޓިޝް ގޭސްގެ އެހެން ބޮޑު މައްސަލައެއް ބާކްޝަޔާގެ ރައްޔިތެއް ކަމަށްވާ "ޖޭޖީ"އަށް ވަނީ ދިމާވެފައެވެ. އޭނާގެ ގޭގައި ހީޓް ޕަމްޕެއް ހަރުކުރުމަށްފަހު ގޭސް މީޓަރު ނަގައި، ގޭސް އެކައުންޓް ބަންދުކުރިއެވެ. ނަމަވެސް، ކުންފުނީގެ ރެކޯޑްތައް އަޕްޑޭޓް ނުވުމުގެ ސަބަބުން، ނެތް ގޭސް މީޓަރަކަށް ދެ މަސް ފަހުން ބިލް ފޮނުވަން ފެށިއެވެ.

މި މައްސަލައިގައި ޖޭޖީ ބިލްތަކަށް އިއުތިރާޒު ކުރަމުން ދަނިކޮށް، އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ ކްރެޑިޓް ރެފަރެންސް އެޖެންސީތަކަށް ރިޕޯޓްކޮށް، އޭނާގެ ކްރެޑިޓް ރޭޓިންގް ދަށްކޮށްލިއެވެ.

މީގެ ސަބަބުން ބޭންކުން އޭނާގެ އޯވަޑްރާފްޓް ފެސިލިޓީވެސް ކަނޑާލިއެވެ. އެންމެ ފަހުން ނޫސްވެރިންގެ އެހީތެރިކަމާ އެކު ބްރިޓިޝް ގޭސްއިން ވަނީ އެ ރެކޯޑްތައް ސާފުކޮށް، ބަދަލުގެ ގޮތުގައި 150 ޕައުންޑް ދީފައެވެ. ނަމަވެސް ޖޭޖީ ބުނި ގޮތުގައި މިއީ އޭނާއަށް ކުރިމަތިވި މާލީ ބޮޑު ގެއްލުމާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

comment ކޮމެންޓް