ރާއްޖޭގެ ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގައި މާރާމާރީ ހިންގައި، ހަމަނުޖެހުން ހިންގި ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ފީފާއިން އަދަބު ދީފިއެވެ.
ޖޫން 7 ވަނަ ދުވަހު މާލޭގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ސަސްޕެންޑުކުރި ދެ ކުޅުންތެރިންނަކީ ބަންގްލަދޭޝްގެ ފޯވާޑް އަލް އަމީން އާއި އެޓީމުގެ މީރާޖުލް އިސްލާމެވެ. މީގެ ތެރެއިން އަލް އަމީން ސަސްޕެންޑުކޮށްފައިވަނީ ޖުމްލަ 15 މެޗަށެވެ. އަދި މިރާޖުލް އިސްލާމް ސަސްޕެންޑުކުރީ ދެ މެޗަށެވެ.
މި ސަސްޕެންޝަންތައް ތަންފީޒުކުރެވޭނީ ބަންގްލަދޭޝްގެ ސީނިއާ ގައުމީ ޓީމު ކުޅޭ ރަސްމީ މުބާރާތްތަކުގެ މެޗުތަކާއި ފީފާގެ އެކުވެރިކަމުގެ މެޗުތަކާއެކު އެވެ.
މެޗުގެ ތެރޭގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ދެ ފަހަރެއްގެ މަތިން ރެފްރީއަށް ކޮއްޕާލުމާ ގުޅިގެން އަލް އަމީނަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. މިރާޖުލް އިސްލާމް ވަނީ ބެންޗުގައި އިނދެގެން ރެފްރީއާ ދެކޮޅަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ކަމަށް ރެފްރީ ރިޕޯޓުގައިވެއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- މެޗު 1-1 އިން އެއްވަރުވެ ނިމުނުއިރު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގިއެވެ. އަދި މެޗު ނިމުމަށްފަހު ރެފްރީ ދަނޑުން ބޭރަށް ނެރެންޖެހުނީ ސެކިއުރިޓީގެ ހިމާޔަތުގައެވެ.
މެޗުގެ ތެރޭގައި މަސްލަހަތު ގޯސްވާން ފެށީ ރާއްޖޭގެ ހަސަން އީނާޒަށް ކުރި ފައުލަކާ ގުޅިގެން ބަންގްލަދޭޝްގެ ބެންޗުންނާއި ކުޅުންތެރިން ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
މި ހިތްހަމަނުޖެހުންތަކުގެ ތެރެއިން މެޗުގެ 42 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ހެޑް ކޯޗު މާރޫފުލް ހައްގަށް ރީނދޫ ކާޑެއް ދެއްކިއިރު، 43 ވަނަ މިނެޓުގައި އެ ޓީމުގެ މެނޭޖަރު މުހައްމަދު ޝާހީން ހަސަންއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. އަދި އޭގެ ފަހުން ބަންގްލަދޭޝްގެ އަލް އަމީނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އޭނާ ވަނީ މެޗުގެ ރެފްރީ ސެންތިލްނާތަންއަށް ޖިސްމާނީ ގޮތުން ހަމަލާދީފައެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- މެޗު އަލުން ފެށިގެން ކުރިއަށްގޮސް ނިމެން އުޅެނިކޮށް، ރާއްޖޭގެ ޒުވާން ފޯވާޑް ނައްސާހު އިބްރާހީމް ނާސިރާއި ބަންގްލަދޭޝް ކުޅުންތެރިންގެ މެދުގައި އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއް ހިންގިއެވެ. މި ހާދިސާއާއެކު ދެ ޓީމުގެ ސެކިއުރިޓީއާއި ކޯޗިން އޮފިޝަލުން ދަނޑަށް އަރައި މަސްލަހަތު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އަދި ދަނޑުގައި ތިބި ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑަށް ވަންނަން އުޅުމުން، ފުލުހުން ވަނީ ވަގުތުން ހަރަކާތްތެރިވެ އެކަން ހުއްޓުވައި މަސްލަހަތު ކޮންޓްރޯލްކޮށްފައެވެ.