"އަހަރެން އަބަދު ވެސް އައިރާއަށް އިތުބާރުކުރާކަން އެނގޭދޯ." ޒަހްރާން ބުނެލިއެވެ. މިފަހަރު ވެސް އައިރާ ހޫމް އެކޭ ބުނެލިއެވެ. އެއާއެކު ޒަހްރާން ފުންނޭވާއެއް ދޫކޮށްލިއެވެ. އައިރާ ޒަހްރާންގެ އަތުގައި ހިފަހައްޓައިލުމަށް ފަހު އެ އަތަށް ފިތައިލިއެވެ.
"އަހަރެން ގާތު ކޮންމެ ވާހަކައެއް ވެސް ދެއްކޭނެކަން ރެން އަށް އެނގެއެއްނު." އައިރާ ބުނެލިއެވެ. "ތިހެން ރެން އުޅޭތީ ބައެއްފަހަރު...."
އައިރާގެ ޖުމްލަ ފުރިހަމަކުރާކަށް ޒަހްރާން ފުރުޞަތެއް ނުދިނެވެ. އޭނާ އައިރާގެ ވާހަކަ މެދުކަނޑައިލިއެވެ.
"ސޮރީ...ރިހާމް ކީކޭތަ ކީ؟" ޒަހްރާން މާފަށް އެދުމަށް ފަހު، އަހައިލިއެވެ.
"އަހަރެން އެ ވާހަކަ ރެން ކައިރީ ނުބުނާކަށް ނޫނޭ މި ހުރީ. އޭނަ އަހަރެންގެ ގާތުން މާފަށް އެދުނީ. ހީވީ ބޮޑުކަންތައްގަނޑެއްގެ ތެރޭގަ އުޅޭހެން. އަނެއްކޮޅުން ރިހާމްގެ ކޮއްކޮ ޝުބާ ވެސް...." އައިރާ ބުނެލިއެވެ. "ޝުބާއަށް ވެގެން އުޅޭ ގޮތް ކޮންމެ ވެސް ވަރަކަށް އަހަންނަށް ޔަޤީންވެސް ކުރެވޭ ކަންނޭނގެ."
އެހެން ބުނެލުމަށް ފަހު އައިރާ އެ ވާހަކަތައް ޒަހްރާނާ ހިއްސާކުރިއެވެ. އެއަށްފަހު އޭނަ ޒަހްރާންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ.
"ރެންއަށް އަހަރެންގެ ގާތު ކޮންމެ އެއްޗެއް ވެސް އެހޭނެ. ބޭނުން ސުވާލެއް ވެސް ކުރެވޭނެ. އަހަންނަށް އެނގޭ ރެން އަހަންނަށް ޝައްކު ނުކުރާނެކަން. " އައިރާ އެހެން ބުނެލުމާ އެކު ޒަހްރާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އައިރާގެ ނިތުގައި ބޮސް ދިނެވެ. އައިރާ ވެސް ދެލޯ މަރައިލިއެވެ. އިތުރަށް ޒަހްރާނާ ގާތްވެލިއެވެ.
*****
ރިހާމް ގެއަށް އައިސް ވަތްއިރު، ޝާފިޔާ އުޅެނީ ގޭތެރޭގައި އަޑުގަދަ ކޮށްލައިގެންނެވެ. މިރޭ ވެސް އޭނާ އެ އުޅެނީ ޝުބާއާ ކޮންމެވެސް ޒުވާބެއް ކޮށްގެން އެކަމުގެ ރުޅިގަނޑުގައެވެ. ރިހާމް ހުރީ ބޮލުގައި ރިއްސައިގެންފައެވެ. މި ދިޔަ ހަފްތާގައި ދާނިޔާއާ ދެކެ ވެސް ހުރީ ރުޅި އައިސްފައެވެ. ނުބުނަންޖެހޭ ކިތަންމެ އެއްޗެއް ދާނިޔާއާ ދިމާލަށް ވެސް ބުންޏެވެ. އެންމެފަހުން، އެ މީހުން ދަރިއަކު ނުހޯދާ ތިއްބައި ޝުބާއަށް ދަރިއަކު ލިބި ބޭޒާރުވީ ވާހަކަ ވެސް ގޮވަންފެށީއެވެ. އެންމެ ފަހުން ދާނިޔާ ރުޅި އައިސްގެން ދަރިން ނުލިބެނީ ރިހާމްއަށްކަމުގައި ބުނީއެވެ. ޝާފިޔާ މައިތިރިވީ އެހިސާބުންނެވެ. އެމީހުން އުޅުނީ އެ ވާހަކަ ޢާއިލާއަށް ސިއްރުކޮށްގެން ނަމަވެސް، ޝާފިޔާގެ ސަބަބުން އެންމެ ފަހުން އެ ވާހަކަ ވެސް، އެންމެންގެ ކުރިމަތީގައި ހާމަކޮށްލަން ޖެހުނީއެވެ. ދާނިޔާ ވެސް ޝާފިޔާގެ ރޭވުންތައް ރިހާމްއަށް ކިޔައިދިނެވެ. ރިހާމްއާ އައިރާއާ ދުރުކުރުވުމަށްޓަކައި، ޝާފިޔާ އޭނާއަށް ދިން މަޝްވަރާތައް ވެސް އެ ދުވަހު ހާމަކުރިއެވެ. އޭނާއަށް ދިން ނުބައި ވަސްވާސްތަކާއި، އެ ދިރިއުޅުން ހަލާކުކުރުމަށްޓަކައި އޭނާ ފައި ވިއްދައިލާފައި ހުރި ވަރު ވެސް މެއެވެ.
އަނެއްކޮޅުން މިރޭ ވެސް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ހަޤީޤަތުގައި އިވުނު ވާހަކަތަކެއްގެ ސަބަބުން މިހާރު ރިހާމް ހުންނަނީ ޝާފިޔާއާ މެދު ހިތްހަމަ ވެސް ނުޖެހިފައެވެ. ދަރިއެއްގެ އުފަލަށް މަންމައެއް ހުރަސް އަޅައިފާނެކަމަށް މީގެ ކުރިން އޭނާއަށް ޤަބޫލުކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، މިއަދު އެ މަންޒަރު ލޮލުން ފެނި ޤަބޫލުކުރަން ވެސް މަޖުބޫރުވެއްޖެއެވެ.
"ގެއަށް އައިސް ވަނުމާ ކޮންމެ ވެސް ކަހަލަ ޝަކުވާއެއް އަޑު އަހަން ޖެހުމާ. އަޅެ މަންމަ ތަންކޮޅެއް މައިތިރިވެގެން ހުރެބަލަ." ރިހާމްއަށް ބޮލުގައި ހިފަހައްޓައިލެވުނެވެ. އަމިއްލަ ޙާލަތާ މެދު ބޯ ގޮވާފައި ހުންނައިރު މަންމަ މިއުޅޭ ގޮތަކުން މޮޔަވާވަރުވެއެވެ. އޭރު ދާނިޔާ ވެސް އެތަނުގައި ހުއްޓެވެ. ޝުބާ ފެންނާކަށް ނެތެވެ. އެ ދުވަހަށް ފަހު އަދި ވެސް ދާނިޔާއާ ޝާފިޔާއާ ދެމެދު އޮތް ރުޅިވެރިކަން ފިލައިނުދެއެވެ.
"މަންމަ އަދިވެސް ކުރެވުނު ކަންތައްތަކާ މެދު ދެރައެއް ނުވޭ ދޯ. ތީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ؟ އޭން... އައިރާއާ އަހަރެން ދުރުކޮށްފަ، ދާނިޔާ މަންމަގެ ރޭވުންގަނޑުގެ ތެރެއަށް ވައްދާފަ، އަދި ވެސް ހަމަ އެއްޗެއް ވެސް ހިތަކަށް ނާރާދޯ. އަހަރެމެންގެ ޢާއިލާއަށް މި ވަމުންދާގޮތާ ދޭތެރޭ ވެސް ހަމަ ނުވިސްނެނީތަ؟ އަހަރެމެންގެ ޢާއިލާގެ އުފާވެރިކަން ގެއްލިއްޖެ. ހަމަޖެހުން ގެއްލިއްޖެ. ހަމަ މަންމަގެ ސަބަބުން. މަންމަގެ ގޮތް ދޫނުކުރުމުގެ ސަބަބުން. މަންމަގެ ޒީލަގަދަކަމުގެ ސަބަބުން. ކިތަންމެ ވަރަކަށް އަޑު ގަދަ ކުރިއެއްކަމަކު، ޝުބާ ބަނޑުބޮޑު ނުވާކަމަކަށް ވާނެތަ؟ އޭނަ ނަހަލާކަށް ނުވިހާކަމަށް ވާނެތަ؟ ޝާންއަކީ ކައިވެންޏެއްކޮށްގެން ލިބުނު ކުއްޖަކަށް ވާނެތަ؟ އިންސާނުންނަށް ކުށްވެސް ކުރެވޭނެ. ޝުބާ މިއަދު އެ ހުރީ އޭނާއަށް ކުރެވުނު ފާފައަށް ތައުބާވެގެން. އޭނަ އެހުރީ އިސްލާހުވެގެން. އެކަމަކު މަންމަ ތިހުރީ މަންމަގެ ގޮތުގަ. ރެއެއް ދުވާލެއް ނުބަލާ މީހުންނާ އަރާރުންވެ ޒުވާބު ކުރުމުގަ. ކޮބާތަ ޝާންގެ ކުށަކީ؟ އެ ކުޑަ ދަރިފުޅުގެ ކުށަކީ ކޮބާތަ؟ އެއީ މައުސޫމްކުއްޖެކޭ. އެންމެ ފަހަރަކު ވެސް ރުހުމުގެ ލޮލަލުން މަންމަ ޝާންއަށް ބަލައިލިންތަ؟ ކިތަންމެ ބޭނުންނުވިޔަސް، އެއީ ހަމަ މަންމަގެ މާމަ ދަރިއެއް. އެއީ ކޮންމެ ގޮތަކުން ލިބުނު ނަމަވެސް، އެކަމެއް ބަދަލެއް ނުކުރެވޭނެ. ތިހެން ކަންތައް ބޮޑުކުރަންޏާ އަހަންނަށް ދެން ޖެހޭނީ މިގެއިން ދާން. އެކަމަކު ބުނަން، އަހަރެން ދާނީ ޝުބާ އާއި ޝާން ވެސް ގޮވައިގެން." ޝާންއަކީ ޝުބާގެ ދަރިފުޅެވެ. ރިހާމް ވާހަކަ ދެއްކިއިރު، އޭނާގެ އަޑު ބާރެވެ. އެގޭގައި މިހާރު ކެތްކުރެވޭ ވަރެއް ނޫނެވެ. ޝާފިޔާގެ ސަބަބުންނެވެ. ރިހާމް ދެއްކި ވާހަކަތަކަށް ރައްދުދޭން ޝާފިޔާ އުޅުނު ނަމަވެސް، ރިހާމްގެ ވާހަކަތަކުން، ދެން ބުނާނެ އެއްޗެއް ދުލާ ހިސާބަށް ގެނައުން ފަސޭހަކަމަކަށް ނުވިއެވެ. އެންމެ ފަހުން އޭނާ ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. ރިހާމް ދެން ބަލައިލީ ދާނިޔާއަށެވެ.
"ކީއްވެގެންތަ މިރޭ އެ އުޅުނީ؟" އޭނަ ސުވާލުކޮށްލިއެވެ.
"ޝުބާ ކޮންމެ ވެސް އެއްޗެއް ބުނެގެން. ކެތް ވާނީ ވެސް ވަކި ވަރަކަށް ދޯ. ޝުބާއާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތޭ. އަޅެ އެއީ މަންމައެއްތަ؟" ދާނިޔާއަށް ބުނެވުނެވެ.
"ހަމަ ހުވާ މި ބުނީ، މަންމަ އެ ހެން އުޅެންވިއްޔާ އަހަރެން ދާނިޔާ އާ ޝުބާ ގޮވައިގެން މިގެއިން ދާނަން. " ރިހާމް ބުނެލިއެވެ. ދާނިޔާ އައިސް ރިހާމްގެ އަތުގައި ހިފަހައްޓައިލިއެވެ.
"ކޮބާތަ ޝުބާ؟" ރިހާމް އަހައިލިއެވެ.
"ކޮޓަރީގަ. ހީވަނީ ޝާން ނިންދަވަނީހެން. ވެކްސިން ޖަހައިގެން އައިފަހުން ވަރަށް ރުއި." ދާނިޔާ ބުނެލިއެވެ.
"ހިނގާ ބޭރަށް ގޮސްލަން. ކުޑަކޮށް ބޯ ހަމަޖައްސައިލަން ބޭނުން." ރިހާމް ބުނެލިއެވެ. އޭނާ ބޭނުންވީ ދާނިޔާއާ އެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ދާނިޔާ ވެސް އެއްބަސްވިއެވެ. މައްޗަށް އަރާ ތައްޔާރުވެލުމަށް ފަހު އެމީހުން ބޭރަށް ދާން ނުކުތީ ޝުބާގެ ޙާލެއް ވެސްބަލައިލާފައެވެ.
*****
ޝާން ނިދުމުން، ކުޑަ އެނދުގައި ބާއްވައިފައި ޝުބާ ދިޔައީ، އެއްޗެއް ކައިލުމުގެ ބޭނުމުގައި ތިރިއަށެވެ. އޭރު ގޭތެރެ ވަނީ ހިމޭންވެފައެވެ. ޝުބާ ގޮސް ކާކޮޓަރިއަށް ވަދެ ތައްޓަށް ކާއެއްޗެހި އަޅައިގެން އިށީނދެ ހަމަޖެހިލިއެވެ. ޝާން ހޭލަފާނެތީ އަވަސްކޮށްލަން އޭނާ ހުރީ ބޭނުންވެފައެވެ.
ޝާފިޔާ ޓެރެސްގައި ހުރެފައި ތިރިއަށް ފޭބުމާއެކު، އޭނާގެ ކަންފަތުގައި ހަރުލީ ޝާންގެ ރުއިމުގެ އަޑެވެ. ޝުބާމެން ކޮޓަރިއާ ހިސާބަށް ގޮސްފައި ވެސް ދޮރު ހުޅުވައިލުމުގެ ޚިޔާލު ދޫކޮށްލައިފައި އޭނާ ކޮޓަރި ފަސްދީ ހިނގައިގަތެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން އަނެއްކާވެސް މަޑުޖެހިލިއެވެ. ޝާންގެ ރުއިން ބާރު ވީތީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޝާފިޔާއަށް ފަސް އެނބުރެވުނެވެ. ރޮމުން ރޮމުން ގޮސް ހިނދިދާނެހެން ހީވެއެވެ. އެންމެފަހުން އޭނާ ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ.
ޝުބާ ފެންނާކަށް ނެތެވެ. ޝާފިޔާ ގޮސް ޝާންގެ އެނދުކައިރީގައި ހުއްޓުނެވެ. އެއަށް ފަހު، ޝާންއަށް ބަލައިލިއެވެ. އެއަށްފަހު ފާޚާނާއާ ދިމާލަށް ބަލައިލެވުނެވެ. ލައިޓްހުރީ ނުދިއްލައެވެ. އެހެންކަމުން ޝުބާ ކޮޓަރީގައި ނެތްކަން ޔަޤީންކުރެވުނެވެ.
"ދަރި އެއްލައިލާފަ ކޮންތާކަށްތަ އެ ދިޔައީ، ދެރަކަމެކޭ..." ޝާފިޔާ ކުދި ކިޔެވެ. އެހެން ނަމަވެސް، ޝާން އެގޮތަށް ރޮނިކޮށް ދާކަށް އޭނާއަކަށް ނުކެރުނެވެ. އެންމެފަހުން ޝާފިޔާ ޝާން އުރައިލަންވެގެން އުޅެނެވެ. އެހެންނަމަވެސް، އޭގެ ކުރިން ޝުބާ ތެޅެމުން ފޮޅެމުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ޝާފިޔާ ފެނުމުން ހައިރާންވި ނަމަވެސް، އެވަގުތު އެއްޗެއް ނުބުނެ ޝުބާ އެ ދިޔަ ގޮތަށް ގޮސް ޝާން އުރައިލިއެވެ. އަދި މޭގައި ޖައްސައި ބާރުކޮށްލިއެވެ.
"ދަރިފުޅު. މަންމި މިއައީ އޭ.. ދެން ހުއްޓާލާ..." ޝުބާ ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާ ޝާންގެ ބުރަކަށީގައި މަޑުމަޑުން ފިރުމަން ފެށިއެވެ. ޝާން ހުއްޓައިލުމުން ދެން އެނބުރުނީ ޝާފިޔާއާ ދިމާލަށެވެ.
"މަންމަ ތީ އަޅެ ރަޙުމުގެ ކުޑަ ވެސް މިންވަރެއް ނެތް އިންސާނެއްތަ؟ ޝާން އެވަރަށް ރޮމުން ދިޔަ އިރު، ވެސް ތި ހުރީ އަޅާ ނުލާ... އެނގޭ ރުޅި އަންނަކަން. އަހަންނާ އަހަރެންގެ ދަރިފުޅު ދެކެ. ޝާންގެ ކުށަކީ ކޮބާތަ؟ އަހަރެން ދެކެ ރުޅި އާދެބަލަ. އެކަމަކު ޝާން..." ޝުބާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ޝާފިޔާއަށް ނުވިސްނޭނެކަން ޝުބާއަށް އެނގެއެވެ.
"މަންމަ ތިހެން ކަންތައްކުރަންޏާ އަހަންނަކަށް ވެސް ދެން މިގެއަކު ނޫޅެވޭނެ. ޝާން ބޮޑުވަމުން އަންނައިރު، އޭނައަށް މަންމަގެ ފަރާތުން ތި ފެންނަ އަމަލުތައް ދައްކާކަށް އަހަރެން ބޭނުމެއް ނޫން." ޝުބާ ބުނެލިއެވެ. "ދެން ނުކުމޭ."
ޝުބާ ދޮރާ ދިމާލަށް އިޝާރާތްކޮށްލިއެވެ. ޝާފިޔާއަށް ދެބުމަ ގާތްކޮށްލެވުނެވެ. މީގެ ކުރިން ޝުބާ އޭނާއާ ދިމާލަށް އެގޮތަށް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް، ޝުބާ މިހާރު އެވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޝާފިޔާ އެވަރުންވެސް ޝުބާއާ ދިމާލަށް ބަހަކުން ޖަހައިފައި ގޮސް ނުކުމެއްޖެއެވެ. ހަޤީޤަތުގައި، އޭނާއަށް އަސަރުތަކެއް ކުރިއެވެ. އެގޮތަށް ޝާން ފެނުމުން ހިތަށް ގޮތެއް ވެލިކަން ވެސް ގައިމެވެ. އެހެންނަމަވެސް، ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ގޭތެރޭގެ ޙާލަތު އެ ދަރަޖައަށް ވެއްޓުނީ އޭނާގެ ސަބަބުންނޭ ހިތަށް އަރައެވެ. އެހެންނަމަވެސް ގޮތް ދޫކުރަން ބޭނުންނުވަނީއެވެ. އައިރާއަށް ކުރި މަލާމާތާއި ފުރައްސާރަ މިހާރު އެހެން މީހުންގެ ދުލުން އެ ޢާއިލާއަށް ކުރެއެވެ. އެކަމުން ވެސް ކޮންމެވެސް އެއްޗެއް ބައެއްފަހަރު ހިތަށް އަރައެވެ. އެހެންނަމަވެސް، އަދިވެސް މާފަށް އެދެން ބޭނުންނުވަނީއެވެ. ބޭނުންވަނީ ގޮތުގައި ހުންނާށެވެ. އާނއެކެވެ. އެއީ ބައެއް މީހުންގެ އާދައެވެ. އެއީ ކަށީގައި ހަރުލައިފައި ހުންނަ ގޯސް އާދައެކެވެ. ކުރެވުނު ކުށަށް މާފަށް އެދެން ބޭނުންނުވަނީ ކޮންމެ ހެން އެކަން އިޙްސާސްނުވާތީއެއް ނޫނެވެ. އެހެންނަމަވެސް، ގޮތް ދޫކޮށްފައި އަލުން އާ ފެށުމަކުން ފަށަން ބޭނުންނުވާތީއެވެ. އަނެކާގެ ކުރިމަތީގައި ތިމާ ދެރަ ނިކަމެތި ވެދާނެހެން ހީވާތީއެވެ. މާފަށް އެދުމަކީ ބަލި ކަށިމީހުންގެ ސިފައެއްކަމަށް ހީވާތީއެވެ. އެހެންނަމަވެސް ހަޤީޤަތަކީ މާފަށް އެދުމަކީ ވަރަށް ހިތްވަރު ގަދަ މީހުންގެ ސިފައެއްކަމެވެ.
ޝާފިޔާއަށް ފާރުގައި ލެނގިލެވުނެވެ. އޭނާ ހިމޭންވޭފައި އިރުކޮޅަކު ހުއްޓެވެ. ރިހާމްއާ ޝުބާގެ ވާހަކަތައް ކަންފަތުގައި ގުގުމައިލިއެވެ. އަނެއްކޮޅުން ފިރިމީހާ ރަޝީދު ވެސް މިހާރު ބަލަނީ ގެއަށް ވަދެނުލާވޭތޯއެވެ. އަބަދު ޒުވާބުކުރާ އަޑު އިވޭތީއެވެ. އެ ހުރިހައިކަމަކާ މެދު ވިސްނުމުން ބުނެދޭން ނޭނގޭ އުނދަގުލެއް ވެއެވެ. ފުރަތަމަ ފަހަރަށް ނުތަނަވަސްވާގޮތް ވިއެވެ. އޭނާގެ އުޅުމާ މެދު ވިސްނައިލެވުނު ނަމަވެސް، ދެވަނަ ސިކުންތުގައި ބޯ ހޫރައިލެވުނެވެ. ހީވަނީ އެކަމުން ސިކުނޑި މިންޖުކުރަން މަސައްކަތްކުރިހެންނެވެ. އޭނާ ގޯސްކަމެއް ނުކުރާކަން ވިސްނައިދޭން އުޅުނު ހެންނެވެ. އެހެންނަމަވެސް، ދެން ހަނދާންވާން ފެށީ ޝާންގެ މައުސޫމް މޫނެވެ. އެހާ ގާތުން ޝާންއަށް ބަލައިލަން ފުރުޞަތު އެ ލިބުނީ އަލަށެވެ. އެ ދަރިފުޅަށް ޝުބާގެ ފަރާތުން ލިބުނީ ޝުބާގެ ހަންގަނޑުގެކުލަ އެކަންޏެވެ. އެހެންކަމުން އަސްލު ޝާން ވައްތަރުވާނީ އޭނާގެ ބައްޕައާކަންނޭނގެޔޭ އޭނާގެ ހިތަށް އެރިއެވެ. މި ނޫނީ ދުވަހަކު އޭނާ އެގޮތަށް ވެސް ޝާންއަށް ބަލައިލައިފައި ނުވެއެވެ. މިހާރު ޝާފިޔާގެ މޫނުމަތިން ފެންނަ އަސަރުތަކަކީ އޭނާގެ ހިތް ބަދަލުވެދާނެ ކަމުގެ އިޝާރާތެކެކެވެ. އެހެންނަމަވެސް، ހުރިހައިކަމަށް ހަނދާންނައްތައިލާފައި އައު ފެށުމަކުން ފެށުމަކީ ޝާފިޔާމެން ކަހަލަ މީހުންނަށް އުނދަގޫވާނެކަމެކެވެ. ގޮތް ދޫނުކުރުމާއި، ބަސް ބަސް ބުނުމާއި، ރުޅިއަކީ އިންސާނާގެ ހަލާކެވެ. އޭނާ އެ ސިފަތައް ދޫކޮށްނުލައިފިނަމަ އެ ޢާއިލާ ރޫޅިގެން ހިނގައިދާނެއެވެ.
(ނުނިމޭ)