ދިރާގު މާލެ އޯޕަން 2026ގެ ރޭސް ކިޓްތައް މިއަދުން ފެށިގެން ދިރާގު ހެޑް އޮފީހުން ދޫކުރަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން'ގެ ރޭސް ކިޓްތައް ދިރާގު ހެޑް އޮފީހުން މިއަދު ދޫކުރަން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނީ، މި ފޯރިގަދަ މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 'ޑީއެމްއޯ އެކްސްޕޯ' ގައި ކަމަށެވެ. މި ރޭސް ކިޓުގެ ތެރޭގައި މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނެއެވެ.

އެ އެކްސްޕޯ މިއަދު އޮންނާނީ 17:00އިން 22:00އަށެވެ. މާދަމާ 14:00އިން 19:00އަށް އޮންނައިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހު އެކްސްޕޯ 09:00އިން 14:00އަށް ބާއްވާނެއެވެ.

ދިރާގު މާލެ އޯޕަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހަފުތާ ބަންދުގައި މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ. 'ސްވިމް މޯލްޑިވްސް' އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި އެއް ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ. އަދި، މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ތައާރަފުކޮށްފައިވާކަން ދިރާގުން ފާހަގަކުރިއެވެ. މިއީ ރައްޓެހިންނާއި، އާއިލާއާއެކު، ނުވަތަ ފަތާ ކްލަބުތަކަށް ނިސްބަތްވާ ފެތުންތެރިން އެކުގައި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް