"ރިހާމް..." ދާނިޔާއަށް ގޮވައިލެވުނެވެ. އިންތިޒާރުގައި އިންދާ ރިހާމް އެ ސުވާލަށް ދިން ޖަވާބުން އޭނައަށް ދެބުމަ އަރުވައިލެވުނެވެ.
"ކީކޭ ތި ބުނީ؟" ދާނިޔާއަށް ރިހާމް ބުނި އެއްޗެއް މާނަ ނުކުރެވުމާ އެކު ސުވާލުކޮށްލެވުނެވެ.
"އަޑު ތި އިވުނީ ރަނގަޅަށް. އަހަރެން ކުރިން އައިރާ ދެކެ ހަޤީޤީ ލޯބި ވީނަމަ އިނދެގެން ހުރެ ދާނިޔާއާ ގުޅުމެއް ނުބޭއްވީމުސް. އަދި އޭނައަށް ބޭފަފާތެރިއެއް ވެސް ނުވީމުސް، އަދި ދާނިޔާ ދެކެ ލޯތްބެއް ވެސް ނުވީމުސް." ރިހާމް ބުނެލިއެވެ. "އަސްލު. އަހަރެން އޭނައާ އިނީ ޙަމްދަރުދީވެގެން. އެއީ އަދި ލޯތްބެއް ނޫން."
"ދެން؟ މިހާރު އޯ؟" ދާނިޔާ އަނެއްކާ ވެސް އަހައިލިއެވެ.
"ގިލްޓް. ލޯބި ވާނަމަ އަހަރެން އެގޮތަކަށް ކަންތައް ނުކުރާނެ." ރިހާމް ހީވީ ދާނިޔާއަށް ވުރެ ބޮޑަށް އޭނާގެ އަމިއްލަ ނަފްސަށް ކަމެއް ޔަޤީންކޮށްދޭން ބޭނުންވެގެން އުޅޭހެންނެވެ. ދާނިޔާ ފާޑަކަށް ބަލަން އިންނަން ފެށުމުން ރިހާމް ދެން މަސައްކަތްކުރީ އޭނާ ދާނިޔާ ދެކެ ލޯބިވާކަމުގައި ސާބިތިކޮށްދޭށެވެ. ހަޤީގަތުގައި އައިރާއާ މެދު ކަންތައްކުރެވުނު ގޮތުން ދެރަވެއެވެ. ހަމަ އެއާއެކު އޭނާގެ ހިތުގައި އައިރާއާ މެދު ފާޑެއްގެ އިޙްސާސްތަކެއް ވާހެން ވެސް ހީވެއެވެ. އެކަން ރިހާމް ގުޅުވައިލީ އޭނާގެ ހިތުގައި އުފެދިފައިވާ ކުށްވެރިކަމުގެ އިޙްސާސްއާއެވެ. އަލުން އައިރާ އޭނާގެ ޙަޔާތަށް އައުމަކީ ނާދިރުކަމެކެވެ.
"އަހަރެން ދާނިޔާ ދެކެ ލޯބިވެޔޭ. އެހެންވެއެއްނު ދާނިޔާއާ ދިރިއުޅުމަށް ބިނާކޮށް މިހާރު އިތުރަށް ދިރިއުޅުން ފުރިހަމަކުރެވޭތޯ މި އުޅެނީ." ރިހާމްއަށް ބުނެވުނެވެ.
"ދާނިޔާ..." ދާނިޔާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ރިހާމް އަނެއްކާ ވެސް ގޮވައިލިއެވެ. "އަހަރެން ލޯބިވެޔޭ. މިހުރިހާ ކަމަކާ ހެދި އަހަންނަށް އެ ދުވަހު ކަންތައް ކުރެވުނު ގޮތް މަތިން ހަނދާންވަނީ."
ދާނިޔާ ބޯ ޖަހައިލިއެވެ. އޭނާ ރިހާމްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ރިހާމްއަށް އިތުބާރުކުރަން ދާނިޔާ ބޭނުންވެއެވެ. ރިހާމް އޭނާ ދެކެ، ލޯބިވެޔޭ ބުނާހާ ހިނދަކު އޭނާ ހުންނާނީ ރިހާމްއާ އެކީގައެވެ.
"އައި ލަވް ޔޫ." ދާނިޔާ ބުނެލިއެވެ. ރިހާމް ވެސް ރައްދު ދިނެވެ. އޭނާ ދާނިޔާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ލޯބިވާ ވާހަކަ ބުނެލިއެވެ.
*****
ވިހެއިތާ ހަތް ދުވަސްވީ ދުވަހު، އަޤީޤާ ކަތިލައި އައިރާގެ ދެ ކުދިންނަށް ނަން ކިޔައިފިއެވެ. އަންހެން ދަރިފުޅުގެ ނަމަކަށް އައިނީ ކީ އިރު، ފިރިހެން ދަރިފުޅަށް ކީ ޒާލްއެވެ. މާލޭގައި އުޅޭ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް ބޮނޑިބަތް ބެހިއެވެ. އެ އުފަލުގައި އެންމެން ވެސް ބައިވެރިކުރިއެވެ. ގޭތެރެއަށް ހީވީ އަނެއްކާ ވެސް ޢީދެއް އައިހެންނެވެ. އައިނީ އާއި ޒާލްއާއެކު އައު ދިރުމެއް ގޭތެރެއަށް ލިބިގެން އުޅޭ ފަދައެވެ.
ރޭގަނޑެވެ. ދެ ކުދިން ނިދުމުން އައިރާ ދެ ކުދިންގެ ކުޑަ އެނދު ކައިރީގައި މަޑުކޮށްލިއެވެ. ލޯތްބާއެކު އޭނާއާއި ޒަހްރާންގެ ލޯބީގެ ނިޝާންކަމުގައިވާ ތުއްތު ދެ ކުދިންނަށް ބަލަން ހުރިއިރު، ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އެގޮތުގައި ކިތަންމެ އިރަކު ވެސް އޭނާއަށް ހުރެވިދާނެއެވެ.
"ބޭބީ... ކީއްވެ ތިހުރީ. ހިނގާ ރެސްޓްކޮށްލަން." އައިރާ ކޮޅަށް ހުރުމުން ޒަހްރާން ބުނެލިއެވެ. ވީ ވަރަކުން އައިރާ ވެސް އަރާމުކުރަން ޖެހޭނެކަން އޭނާއަށް ޤަބޫލުކުރެވެއެވެ. މަންމައާއި ލަޔާލީގެ ފަރާތުން ކިތަންމެ ވަރަކަށް އެހީތެރިކަން ލިބުނު ނަމަވެސް، އައިރާ ހުންނާނީ ވަރުބަލިވެފައެވެ.
"ލޯބި ދޯ." އައިރާ ބުނެލިއެވެ. ޒަހްރާން ވެސް ބޯ ޖަހައިލިއެވެ.
"އެނގޭތަ އަހަރެން އެންމެ އުފާވަނީ ކީއްވެގެންގެންކަން؟" އައިރާ ޒަހްރާނަށް ބަލައިލިއެވެ.
"ބުނެބަ..." ޒަހްރާން އައިރާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އޭނާ ހުރީ އައިރާ ބުނާނެ ވާހަކައަކަށް ފުރިހަމައަށް ސަމާލުކަން ދީގެންނެވެ.
"އެ ދެކުދިންނަށް ލިބުނީ އެންމެ ބެސްޓް ބައްޕިއަށް ވީތީ. އަހަންނަށް ނުލިބުނު ހުރިހައި އުފަލެއް އަހަރެމެންގެ ދެ ކުދިންނަށް ލިބޭތީ. އެ ދެކުދިންގެ ބައްޕައަށް ރެން ވީތީ. ރެންގެ ޙިމާޔަތް ކޮންމެ ވަގުތަކު ވެސް އެ ކުދިންނަށް ލިބޭނެތީ. އަހަރެން އުޅުނު ކަހަލަ ހިތްދަތި ދިރިއުޅުމެއް ދުވަހަކު ވެސް...." އައިރާ މާ ބޮޑަށް ޖަޒުބާތީ ވާން ފެށުމާ އެކު، ޒަހްރާން އައިރާގެ ތުންފަތް މަތީގައި އޭނާގެ ޝަހަދާތް އިނގިލި ޖައްސައިލިއެވެ.
"ޝްޝްޝް... ދެން ތި ވާހަކަ ނުދައްކާ." ޒަހްރާން ބުނެލިއެވެ. "ދެން ދައްކަންވީ މުސްތަޤުބަލުގެ ވާހަކައޭ... އަހަރެން ހުއްޓާ އޭގެ ތެރެއިން އެއްވެސް ކުއްޖަކަށް ދެރައެއް ދޭކަށް އެއްވެސް މީހަކަށް ނުކެރޭނެ."
"އެނގޭ.... އައި ލަވް ޔޫ." އައިރާ ޒަހްރާންގެ ގައިގައި ބައްދައިލުމުން ޒަހްރާން ވެސް އައިރާއަށް ރައްދު ދެމުން އޭނާގެ އަތުތެރޭގައި އައިރާ ހައްޔަރުކޮށްލިއެވެ.
6 މަސް ފަސް
އައިރާއާއި ބަސްމާއާ ދެމީހުން ދެ ކުދިން ފެންވަރުވައިގެން ރީތިކުރަން އުޅެނިކޮށް ޒަހްރާން އައިސް ވަނެވެ.
"ލަސްވެއްޖެތަ؟" ގަޑިއަށް ބަލައިލަމުން އޭނާ އެ ސުވާލުކޮށްލަމުން، ލައިގެން ހުރި ކޯޓު ބޭލިއެވެ.
"ނޫނޭ. މިހާރު ނިމުނީ މި. އަދި އެބައޮތް ވަގުތުކޮޅެއް. ރެން ރެޑީ ވޭ ދެން" އައިރާ ބުނެލިއެވެ.
"ގިވް މީ ފައިވް މިނެޓްސް. އަސްލު ދޮންބެ އާ ޕްރޮޖެކްޓެއް ފަށައިގެން އުޅޭތީ މާ ބިޒީވެގެން މިއުޅެނީ." ޒަހްރާން ބުނެލިއެވެ. އެއަށްފަހު ގޮސް ފާޚާނާއަށް ވަނެވެ. އޭނާ ފެންވަރަން އުޅެނިކޮށް އައިރާ އޭނާއަށް ގޮވައިލާފައި، ދެ ކުދިން ގޮވައިގެން ތިރިއަށް ދާ ވާހަކަ ބުނެލިއެވެ.
"އަންނައިރު، އެނދުމަތީގަ އޮތް ބޭގާ ފައިލު ގެންނައްޗޭ." ކޮޓަރިން ނުކުތުމުގެ ކުރިން އަނެއްކާ ވެސް އައިރާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.
ޒަހްރާން އަވަސްއަވަސް ކޮށްލައިގެން ނުކުމެ ތައްޔާރުވެލިއެވެ. މަޑު މުށިކުލައިގެ ޓީޝާޓަކާއި ކްރީމް ވައިޓްކުލައިގެ ޖީންސެއް ލުމަށް ފަހު، އިސްތަށިގަނޑުގައި ފުނާ އަޅައިލަމުން، ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ. މާ ވަސް ގަދަ ނޫނަސް ހިތްގައިމު ވަހެއް އެ ސެންޓުގައި ހުއްޓެވެ. އޭނާ ތިރިއަށް ދިޔައިރު، އައިރާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ.
"އެއްޗެހި ގެނައިން ދޯ." އައިރާ ބުނެލިއެވެ. އެއާއެކު ޒަހްރާން ގެނައި ދަބަހާ އެއްޗެހި ދައްކައިލަމުން އާއެކޭ ބުނެލިއެވެ. އެ މީހުން ނުކުތް އިރު، ޑްރައިވަރު އިންތިޒާރުގައި ހުއްޓެވެ. ދަބަސް ކާރުގެ ސީޓުގައި ބާއްވަމުން ޒަހްރާން ބަސްމާގެ އަތުން ޒާލް ނަގާ އުރައިލިއެވެ. އައިރާ ވެސް އައިނީ ގޮވައިގެން ކާރަށް އަރާ އިށީނދެއްޖެއެވެ.
"މަންމަ ދާންވީތަ؟" ބަސްމާ އަހައިލިއެވެ.
"ނޫނޭ ރަނގަޅުވާނެ." އައިރާ ބުނެލިއެވެ. ބަސްމާ އެތެރެއަށް ވަނީ ކާރު ދުއްވައިލުމުންނެވެ.
ކާރު މަޑުކޮށްލީ މާލޭގައި ކުޑަކުދިންނަށް ވެކްސިން ދޭ ސެންޓަރުގެ ކުރިމައްޗަށެވެ. ޑްރައިވަރު ގޮސް ދޮރު ހުޅުވައިލަ ދިނުމުން ދެމީހުން ފޭބިއެވެ. ދަބަސް ހިފީ ޒަހްރާނެވެ. އެތެރެއަށް ވަނުމާއެކު އެތަނުގައި ތިބި ނަރުސްކުދިންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނެވެ. ޒަހްރާންމެން މިއަދު އެ އައީ ހަ މަހުގައި ކުދިންނަށް ދޭން ޖެހޭ ވެކްސިން ދިނުމަށްޓަކައެވެ.
ވެކްސިން ދޭ ކޮޓަރިއަށް ޒަހްރާނާ އައިރާ ވަނީ ވެސް އެއްކޮށް، ދެ ކުދިން ގޮވައިގެންނެވެ. ނަރުސްކުއްޖާ އައިނީ އުރައިލުމުން، އައިރާ އަވަސްވެގަތީ، ދަބަހުގައި އޮތް ވެކްސިން ކާޑު ނެގުމަށެވެ. އައިނީގއ ބަރުދަން ބެލުމަށް ފަހު ވެކްސިން ދިނުމާއެކު އައިނީ ރޯން ފެށިއެވެ. އެހެންކަމުން، ޒަހްރާނަށް އައިނީގެ ވެކްސިން ކާޑާ ދަބަސް ދައްކައިލަމުން، އައިރާ ބޭރަށް ނުކުމެލިއެވެ. ކޮނޑުމަތީގައި އައިނީ ބާއްވައިލައިގެން ބުރަކަށީގައި ފިރުމަމުން އައިރާ ދެކޮޅަށް ހިނގަން ފެށިއެވެ. ނަސީބަކުން އައިނީ ރުއިން ހުއްޓައިލައިފިއެވެ. އެވަގުތު، އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ބިއްލޫރި ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަދެގެން އައި، ޝުބާއާއި ރިހާމްއެވެ. ކުޑަ ހިނދުކޮޅަކަށް އައިރާ ހުއްޓުން އަރާ ގޮތްވިއެވެ. ޝުބާއަށް އައިސްފައި ހުރި ބަދަލުތަކުން ކަމަށް ވެސް ވެދާނެއެވެ. ނޫނީ އެގޮތަށް ޝުބާ ފެނުމުން ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ ނުވާ ކަމަކަށް ހަދާފައި ހުރީއެވެ. އެހެން ނަމަވެސް އެގޮތުގައި ހުރެވޭ ގޮތެއް ނުވިއެވެ. ޝުބާ އައިސް އޭނާގެ ގާތުގައި ހުއްޓި އޭނާއަށް ގޮވައިލައިފިއެވެ.
"އަ... އައިރާ..." ޝުބާގެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ. އައިރާއަށް ވެސް އެއްޗެއް ނުބުނެ ހުންނާކަށް ނުކެރުނެވެ.
"ޝު... ޝުބާ ކިހިނެއް؟" ޝުބާގެ މޫނުމަތިން ފެނުނު އަސަރުތަކުން އެ އުޅެނީ އޭނާއާ ދިމާލަށް އެއްޗެހި ކިޔާ ލަދުގަންނުވާލަން ނޫންކަން އައިރާއަށް ފަހުމްވިއެވެ.
"ރަނގަޅު. އަހަރެން... އަހަރެން ބޭނުން އައިރާގެ ގާތުން މާފަށް އެދެން. އަހަރެމެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް. އެއްވެސް ޙާލަތެއްގައި އެއްވެސް އިންސާނަކު އަނެއް އިންސާނަކު ފަޟީޙަތްކޮށް ލަދުގަންނުވާލާކަށް ނުވާނެކަން މިއަދު އަހަންނަށް ވިސްނިއްޖެ... އައިރާ އަހަންނަށް މާފުކޮށްދީ." ޝުބާގެ އަޑު ކުޑަކޮށް ކުރެހޭ ގޮތްވިއެވެ. "އެތަކެއް ދުވަހަކު ބޭނުންވި އައިރާ އުޅޭ ތަނެއް ހޯދައިގެން މާފަށް އެދެން ދާން ވެސް. އެކަމަކު އެ ހިތްވަރެއް ނުލިބުނު. އަހަރެން މި ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަން. ދުވަހަކު ވެސް ދެރައެއް ލިބޭކަށް ނޭދެން. އެކަމަކު، ބަލިވެ އިނދެ ވިހަންދެން އަދި މިއަދު ވެސް މި އުޅޭ ޙާލު ހިތަށް އެރުމާއެކު ހުރިހާކަމެއް ގުޅުވައިލެވެނީ އޭރު އަހަންނަށް އައިރާއާ ދިމާލަށް ބުނެވުނު ބަދު ބަސްތަކާ. ދޮންބެގެ އަނތްބެއްގެ ގޮތުގައި އައިރާ ހުރިއިރު، އައިރާއަށް ނިސްބަތްކޮށް ކީ ހުތުރު އެއްޗެއްސާ. އަދި، ކުރި މަލާމާތާ. އެފަދަ ބަސްތަކުން ކުރާ އަސަރު މިއަދު އަހަންނަށް އިޙްސާސްވޭ..."
ޝުބާ އޭނާގެ އަތުގައި އޮތް ދަރިފުޅަށް ބަލައިލިއެވެ. އޭނާ ވާހަކަ ދެއްކި ގޮތުން ސީދާ ސީދަލަށް ނުބުންޏަސް، ވީ ގޮތް އައިރާއަށް އޮޅުން ފިލިއެވެ. އޭރު ރިހާމް ދުރުގައި ހުއްޓެވެ.
"އަހަރެން... އަހަރެން ޝުބާއަށް މާފުކޮށްފިން." އައިރާ ބުނެލިއެވެ. އޭނަ ބޭނުންވީ މާފުކޮށް މާޒީގެ މަތިން ހަނދާންނައްތައިލާށެވެ. މިހާރު އެ މާޒީ އޭނާއަށް މުހިންމެއް ނޫނެވެ. މިއަދު މުހިންމީ އޭނާއާ ޒަހްރާންއާއި، ދެ ކުދިންގެ މިސްތަޤްބަލެވެ. އެވަގުތު ނަރުސްކުއްޖަކު، ޝުބާއަށް ގޮވައިލައިފައި އައުމަށް އެދުމުން، ޝުބާ ރިހާމްގެ އަތުގައި އޮތް ފައިލު ހިފައިގެން ގޮސް އެހެން ކޮޓަރިއަކަށް ވަދެއްޖެއެވެ. ރިހާމް އައިރާއަށް ބަލަން ހުރި އިރު އައިރާ އެންމެ ފަހަރަކު ވެސް ރިހާމްއަކަށް ބަލައެއް ނުލިއެވެ. ރިހާމްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ. އައިރާ އައިސް އެ އުޅެނީ އެކަނިބާއޭ އޭނާގެ ހިތަށް އެރިއެވެ. މިވަގުތު އެހުރީ އެކަނިކަމަށް ވިޔަސް މޫނުމަތީގައި އެހެންޏާ ނުހުންނަ ދިރުމަކާއި އުންމީދެއް ވާތަން އޭނާއަށް ފެނުނެވެ. އެއީ އޭނާއާ އިނދެގެން އުޅުނު އިރު މީގެ ކުރިން ދުވަހަކު ވެސް އައިރާގެ ފުށުން އޭނާއަށް ފެނިފައިވާ އަސަރެއް ނޫނެވެ.
ރިހާމް އައިސް އައިރާގެ ގާތަށް ހުއްޓި ގޮވައިލިއެވެ. އައިރާ ރިހާމްއަށް ބަލައިލިއެވެ.
"އައިރާ... އަހަރެން... އަހަންނަށް ވެސް މާފުކުރޭ... އަހަރެންނަށް މިހާރު އެނގިއްޖެ އެ ދުވަހު އައިރާގެ ބޮލުގައި އެ އިލްޒާމު އެޅުވުމަކީ އަހަރެން ހެދި އެންމެ ބޮޑު ގޯސް ކަން. އެކަމުގެ ސަޒާ ކަންނޭނގެ މި ލިބެނީ ވެސް." ރިހާމް ބުނެލިއެވެ. "ހިތަށް ހަމަޖެހުމެއް ލިބޭނީ އައިރާގެ މާފު ލިބުނީމަ."
ޒަހްރާން ނުކުތް އިރު، ރިހާމްއާއި އައިރާއާ ފެނުމުން ދެބުމަ ގާތްކޮށްލެވުނު ނަމަވެސް، އޭނާ އެ އަސަރުތައް ހިންދައިލިއެވެ.
"ބޭބް... ހިނގާ ދާން." ރިހާމްއަކީ އެތަނުގައި ހުރި މީހަކަށް ވެސް ހަދައިލުމެއްނެތި ޒަހްރާން ބުނެލިއެވެ. އައިރާ ބޯ ޖަހައިލިއެވެ. އޭރު ރިހާމްއަށް ބެލެނީ އައިރާއާ ޒަހްރާންގެ އަތުގައި ވާ ތުއްތު ތުއްތު ދެ ކުދިންނަށެވެ. އައިރާ އެކަނިއައީ ކަމަށް ހީކުރެވުނުކަމުގެ މޮޔަ އޭނާގެ ހިތަށް އެރިއެވެ. އަމިއްލަ ޙާލާ މެދު ޙަމްދަރުދީ ވި ނަމަވެސް، މިއަދު އޭނާ އައިރާގެ އުފަލާ މެދު ހަސަދަވެރިއެއް ނުވެއެވެ.
ޒަހްރާންމެން ނުކުތުމާ އެކު ޑްރައިވަރު އެމީހުންނަށް އެހީވެދިނެވެ. އައިރާއާ ޒަހްރާނާ ދެމީހުން، ކާރަށް އަރާ ހަމަޖެހިލުމުން، އޭނާ ދަބަސް އެމީހުން އަތަށް ދީފައި ގޮސް ކުރީ ސީޓަށް އަރާ ކާރު ސްޓާރޓްކޮށްލިއެވެ.
އައިރާ ހީކުރީ ޒަހްރާން ސުވާލުކުރާނެކަމަށެވެ. އެހެންނަމަވެސް، ވީ އެހެންނެއް ނޫނެވެ. ގެއާ ހިސާބަށް ދެވެންދެން ވެސް ޒަހްރާން އެކަމަކާ ބެހޭގޮތުން އެއްވެސް ވާހަކައެއްނުދައްކައެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ރޮމުން ދިޔަ ޒާލްއަށެވެ. ގެއަށް ގޮސް ބަސްމާ އަތަށް ދިނުމުން، ބަސްމާގެ އަތް މަތީގައި އޮތް ޒާލް ނިދި ނަމަވެސް، އައިނީ ނިދާކަށް ނޫޅުނެވެ. އެންމެ ފަހުން، އީލާފް ކޮލެޖުން ނިމިގެން އައިސް އައިނީއާ ސަކަރާތްޖަހަން ފަށައިފިއެވެ. އެހެން ނަމަވެސް، އައިނީއަށް ރޮވޭވަރުން އޭނާ ބޭނުންވި ވަރަށް އައިނީ އުރައިގެން އުޅެވޭގޮތެއް ނުވިއެވެ. އެންމެ ފަހުން ޒަހްރާން އައިނީ ނިންދަވަންކަމަށް ބުނެ އީލާފް ފޮނުވައިލި ފަހުން، އައިނީއަށް ވެސް ނިދިއްޖެއެވެ. އައިރާ ހީކުރީ ދެން ޒަހްރާން ސުވާލުކުރާނެކަމަށެވެ. އެހެން ނަމަވެސް، ޒަހްރާން އެކަން މަތިން ހަނދާންހުރި ހެނެއް ވެސް ހިޔެއް ނުވިއެވެ.
ރޭގަނޑު ނިދަން އޮށޯތުމަށް ފަހު، ޒަހްރާން އައިރާއަށް ބަލައިލިއެވެ. އެއަށް ފަހު އޭނާ އައިރާއަށް ގޮވައިލިއެވެ.
"އައިރާ..." ޒަހްރާންގެ އަޑު މަޑެވެ.
"ހޫމް..." އައިރާ ބުނެލިއެވެ.
"އަހަރެން އަބަދު ވެސް އައިރާއަށް އިތުބާރުކުރާކަން އެނގޭދޯ." ޒަހްރާން ބުނެލިއެވެ. މިފަހަރު ވެސް އައިރާ ހޫމް އެކޭ ބުނެލިއެވެ. އެއާއެކު ޒަހްރާން ފުންނޭވާއެއް ދޫކޮށްލިއެވެ. އައިރާ ޒަހްރާންގެ އަތުގައި ހިފަހައްޓައިލުމަށް ފަހު އެ އަތަށް ފިތައިލިއެވެ.
(ނުނިމޭ)