ޝަރަފުގެ އިއްޒަތް ކަށިމާ ޝާކިރަށް، ފަރެސް އާމިރު ހިމެނޭހެން 4 ފަރާތަކަށް ޝަރަފުގެ އިނާމު

އަހްމަދު ޝާކިރު (ކަށިމާ)އަށް ޝަރަފުގެ އިއްޒަތް އެރުވުން، ފަރެސް އާމިރަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައި, އިތުރު ހަތަރު ބޭފުޅަކަށް ޝަރަފުގެ އިނާމު މިއަދު ދެއްވައިފިއެެވެ.

ކަށިމާ ޝާކިރަށާއި އިތުރު ހަތަރު ބޭފުޅުންނަށް މި ޝަރަފުގެ އިނާމު އަރުވާފައިވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޚާއްޞަ ރަސްމީ ޖަލްސާގައެވެ.

ކަށިމާ ޝާކިރަށް ޝަރަފު އަރުވައިފައިވަނީ، ދިވެހި ގައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ކަށިމާ ޝާކިރު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ.

އެ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިން މާސްޓަ ކަމުގެ މަގާމާއި، ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ.

ކަށިމާ ޝާކިރުގެ އާއިލާގެ މެންބަރުންނާއެކު: ޝާކިރަށް ވަނީ، ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އޭގެ ފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަ ކަމުގެ މަގާމު ފުރުއްވިއެވެ. ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާ ކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއަ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ކަށިމާ ޝާކިރުގެ ޚިދުމަތް، ތަފާތު ދާއިރާތަކުން ފެންނަމުންގޮސް، ދިވެހި އަދަބިއްޔާތުގެ އެންމެ ކުލަގަދަ އެއް ދާއިރާކަމުގައި ހިމެނޭ ހުނަރުވެރިކަމާއެކު ވާހަކަ ދެއްކުމުގެ ފަންނުގައިވެސް ޝާކިރު ވަނީ، ކުރިބޯށްޓާހަމައަށް ވާސިލުވެ ވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. ރައީސް މައުމޫނުގެ ޚިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްގަރުނުގެ ތާރީޚު ފޮތާއި، މި ސީރީޒްގެ އިތުރު ފަސް ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.

މީގެ އިތުރުން އެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ފަރާތަކަށް ދެއްވައިފައިވެއެވެ. އެއީ:

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް އާމިރު)އަށް
  • ޞިއްޙީ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ) އަށް
  • އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އިބްރާހީމް ރަޝީދަށް
  • ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ނަޖުމާ ޙުސައިނަށް

އޭގެ ތެރެއިން އާމިރަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ، ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުގައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ޢާމިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި މުޙައްމަދު ޢާމިރު އަޙްމަދުގެ ޅެންވެރިކަމުގެ މުރައްބީ، އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ.

މުޙައްމަދު ޢާމިރު އަޙްމަދު ވަނީ، އަދަބިއްޔާތާއި ޅެންވެރިކަން ކުރިއެރުވުމާއި، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ޅެންވެރިކަމުގެ ތަމްރީނު ކޯސްތައް އެކިއެކި ސްކޫލްތަކަށް ހިލޭސާބަހަށް ހިންގަވައި ދެއްވުމާއި، އެކިއެކި ފަރާތްތަކުން ހިންގި ޅެންވެރިކަމުގެ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ޅެންވެރިކަމުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތާއި ތަމްރީނު ދެއްވުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން ހިންގަވާ ދިވެހިބަހުގެ ޑިގްރީގެ 16 ކޯހެއްގައި މުޙައްމަދު ޢާމިރު ޅެންވެރިކަން ކިޔަވައިދެއްވިއެވެ. އަދި އަދަބިއްޔާތުގެ ދާއިރާގެ އިތުރުން، ތަޢުލީމީ ދާއިރާއާއި، ނޫސްވެރިކަމުގެ ދާއިރާއިން ތަމްރީނުވެފައިވާ ޢާމިރަކީ، މުދައްރިސެއްގެ އިތުރުން، ލިޔުންތެރިއެއް އަދި ނޫހުގެ އެޑިޓަރެއް ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު