ފައިސާ ނުދައްކައިގެން އެއްލައިދޫގެ އެކައުންޓްތައް ފްރީޒްކުރަން ކޯޓުން ނިންމައިފި

އެއްލައިދޫ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް އެ ރިސޯޓް ހިންގާ އެއްލައިދޫ އިންވެސްޓްމަންޓުގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކުރުމުންވެސް ފައިސާ ނުދެއްކުމުން އެ ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން އެ ފައިސާ އަތުލުމަށް ސިވިލްކޯޓުން ނިންމައިފި އެވެ.

އެއްލައިދޫއިން މީރާއަށް ދައްކަން ޖެހޭ 19،274 ޑޮލަރު ނުދައްކައިގެން އެ އޮތޯރިޓީން އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކުރުމުން އެޕްރީލް އަށް ވަނަ ދުވަހު ސިވިލްކޯޓުން ހުކުމްކޮށްފައިވަނީ އެ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކާ ހަލާސްކުރުމަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކުމުން މީރާއިން ވަނީ އަނެއްކާވެސް އެ މައްސަލަ ސިވިލްކޯޓަށް ވައްދައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމަށް އިއްޔެ ކޯޓުގައި ބޭއްވުމަށް ފަހު ދެ ފަރާތުގެ ބަޔާން އަޑުއެއްސެވުމަށް ފަހު ގާޒީ ނިންމަވާފައިވަނީ އެއްލައިދޫ އިންވެސްޓްމަންޓްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް އެ އެކައުންޓްތަކުން ކޯޓުމެދުވެރިވެގެން އެ ފައިސާ ނަގައި މީރާއަށް ދެއްކުމަށެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ކުންފުންޏާއި ދެކޮޅަށް އިތުރު ފިޔަވަޅު އަޅަން ކޯޓުން ނިންމުން ގާތްކަމަށެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

އެއްލައިދޫ އިންވެސްޓްމަންޓުން ކުއްޔަށް ހިފާފައިވާ އއ. މާގާ ގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 27608 ޑޮލަރާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ފައިސާ ނުދައްކައިގެންވެސް މީރާއިން އަންނަނީ އެ ކުންފުނީގެ މައްޗަަށް ސިވިލްކޯޓުގައި ދައުވާ ކުރަމުންނެވެ. އެ މައްސަލަ މި އަހަރުގެ މޭމަހު ކޯޓަށް ވެއްދިއިރު ޖޫރިމަނާއާ އެކު އަރާފައިވަނީ 71989 ޑޮލަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު