"އަހަރެން މިއައީ ހަމަ އެންމެ ވާހަކައެއް ބުނަން..." ޔައިލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. "އަހަރެން ތި ލޯބި ހޯދާނަން..."

********

އިޒީ ތެޅިގަނެފައި ޔައިލް އާއި ދުރަށްޖެހުނެވެ. ކުރިން ޔައިލްގެ މޫނުން ފެނުނު ނުތަނަވަސްކަން މިއަދު އެ މޫނުން ފެންނާކަށް ނެތެވެ. އެ މޫނުން ފެނުނީ ޔަގީންކަމެވެ.

"ކިހިނެއްވީ؟... އިޒީ ވެސް ބޭނުމެއް ނުވޭދޯ އަހަރެން ގިވްއަޕްކުރާކަށް؟..." ޔައިލްގެ ލާނެތް ރާގުން އިޒީ ލަދުގަންނުވައިލިއެވެ. ސިއްރުކޮށްގެން ހުރި ކަންތައް ފަޅާއެރުމުން، ވެރިވާފަދަ އަސަރުތަކެއް އިޒީގެ މޫނަށް ވެރިވިއެވެ.

"ނޯ..." އިޒީ ވަގުތުން ދެކޮޅުހެދިއެވެ.

ޔައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.

"އަހަންނަށް އެނގޭ އިޒީ އަހަރެންދެކެ ލޯބިވާކަން..." ޔައިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. "އެއްބަސް ނުވިޔަސް، އޯކޭ... ލޯބިނުވިޔަސް އޯކޭ... ލޯބިވާން ދަސްކޮށްދީފާނަމޭ...."

ޔައިލް ކުރިއަށް އަޅައިލާ ކޮންމެ ފިޔަވަޅަކަށް އިޒީ ފަހަތަށް ޖެހިލައެވެ. އެކަމުން ޔައިލްއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ އިޒީ ގޮސް ފާރުގައި ޖެހުމުންނެވެ. ޔައިލް މަޑުމަޑުން ކުރިއަށް ޖެހިލާފައި އިޒީގެ އަތުގައި ހިފައި، އުފުލައިލިއެވެ. އަނެއް އަތުން އިޒީގެ އަތުގައި އޮތް ފޯނު ނެގިއެވެ. ޔައިލް އިޒީގެ ފޯނުން ކުރި ކަމެއް ކޮށް ނިމެންދެންވެސް އިޒީ ހުރީ ގަނޑުވެފައި ބަލާށެވެ.

"ދެން އަހަރެންގެ ނަންބަރު ބްލޮކް ނުކުރައްޗޭ!...." އިޒީގެ އަތަށް ފޯނު ލައިދެމުން ޔައިލް ބުނެލިއެވެ.

ޔައިލްގެ ލާނެތްކަން އެހެން ދުވަސް ދުވަހަށްވުރެ އިތުރުވެފައިވާހެން އިޒީއަށް ހީވިއެވެ. ކުއްލިއަކަށް ޔައިލްއަށް ވީ ކިހިނެއް ހެއްޔެވެ؟ ލޯބި ނުވާކަމަށް ބުނެ، ހިތަށް ތަދުކޮށްލުމުންވެސް، ޔައިލް އެނބުރި އައީ މާ ވަރުގަދަ އަޒުމަކައިގެންނެވެ. އިޒީ ގަބުވެފައި ހުއްޓާ، ޔައިލް އެނބުރި ދާން ހިނގައިގަތެވެ.

"ގުޅާނަން..." ސައިކަލަށް އަރަމުން، ޔައިލް ބުނެލިއެވެ.

ޔައިލް ގޮސް ލޮލުގެ ކޮޅަށް އޮބައިލުމުން، އިޒީއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. އެ ފޯނުން ޔައިލް ކުރީ ކީއްހެއްޔެވެ؟

"މައި ލަވް..."

ޔައިލް އާއި އިޒީ އެކުގައި ނަގާފައިވާ ތަސްވީރެއް ލައި، ޔައިލް އޭނާގެ ނަންބަރު އިޒީގެ ފޯނުގައި ރައްކާކޮށްފައި އޮތެވެ. އިޒީއަށް ތަކުރާރުކޮށް ޔައިލް ޖަހާފައިވާ ނަން ކިޔައިލެވުނެވެ. އެއާއިއެކު، ބޭއިހުތިޔާރުގައި އޭނާއަށް ހިނިތުންވެލެވުނެވެ.

"ދަރިފުޅާ!..." އާގިސާގެ އަޑަށް އިޒީ ދިޔައީ ސިއްސައިގެންނެވެ. "އެކަނި ކިހިނެއްވެފަ؟...."

އާގިސާ ވަށައިގެން ނަޒަރު ހިންގައިލީ، އެއިން ހިސާބެއްގައިވެސް ދަންނަ މީހަކު ފެންނަން ހުރިތޯއެވެ. އެތައް ދުވަހެއް ފަހުން އިޒީގެ މޫނުން ހިނިތުންވުމެއްގެ އަސަރު ފެނުމުން، އޭނާ ހުރީ ހައިރާންވެފައެވެ.

"މި... މި... ފޯނެއް އައިސްގެން މި ނުކުތީ...." އިޒީއަށް އޭރުވެސް ހުރެވުނީ ފޯނު މޭގައި ޖައްސާލައިގެންނެވެ. "ހިނގާ އެތެރެއަށް...."

"ރިޝާންގެ ބައްޕަ ދެންމެ ބައްޕައަށް ގުޅައިފި... ކައިވެނި އަވަސްކުރަން ވާހަކަ ދެއްކީ..." އެތެރެއަށް ވަންނަމުން އާގިސާ ބުނެލިއެވެ. "ދަރިފުޅު ހަމަ ބޭނުންވެގެންތަ ކައިވެންޏަށް އެއްބަސްވީ؟..."

މަންމަގެ މޫނަށް ބަލައިލި ނަމަވެސް އިޒީ ވަކި އެއްޗެއް ނުބުނެއެވެ. އާގިސާގެ މޫނުން ފެންނަން ހުރި ނުތަނަވަސްކަން އިޒީގެ މޫނުންވެސް ހުރީ ފެންނާށެވެ.

"އަދިވެސް ވަގުތު ފާއިތެއްނުވޭ... ދަރިފުޅު ބުނެފިއްޔާ މަންމަ ބައްޕައާ ވާހަކަ ދައްކާނަން..." އާގިސާ ބޭނުންވީ އިޒީ ބޭނުންވާގޮތް އެ ދުލުން ހާމަކުރުވާށެވެ. ދަރިފުޅުގެ ދިފާއުގައި ނުކުމެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

ކައިވެންޏަކީ ދެ މީހެއްގެ މުޅި ދިރިއުޅުމެވެ. އެ ދިރިއުޅުމުގެ ބިންގާ އަޅާއިރު، އެކަކު އަނެކަކު ދަސްވުން މުހިއްމެވެ. އުފާވެރިކަމެއްނުވާ ގުޅުމެއްގައި ކުލަޖެއްސުމަކީ ވާނޭ ކަމެއް ނޫނެވެ. ޔަގީނުންވެސް އިޒީ ހުރީ އުފަލުން ނޫންކަން އާގިސާއަށް އެނގެއެވެ. ވީއިރު، ކުއްލިއަކަށް ނިންމޭ އެންމެ ނިންމުމެއްގެ ސަބަބުން، އިޒީގެ ދިރިއުޅުން ކަނު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. އިޒީއަކީ އާގިސާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެން ހުރިހާ ކަމަކަށްވުރެ އެ ދަރިފުޅުގެ އުފާ އޭނާއަށް މުހިއްމެވެ.

"މަންމައަށް ހީވަނީ މި ކައިވެނީގެ ފަހަތުގަ ކޮންމެވެސް ކަންތައްގަނޑެއް ސިއްރުކޮށްފަ އެބައޮތްހެން... އެމީހުން އެހާ އަވަސް އަރުވާލައިގެން ދަރިފުޅާ ކައިވެނި ކުރުވަން އުޅޭނީ ކޮންމެވެސް ސަބަބެއް އޮތީމަ..." އާގިސާ ދޫކޮށްލީ ފުން ނޭވާއެކެވެ. "ދަރިފުޅު ތީ ވަރަށް ވިސްނޭ ކުއްޖެއް... ދަރިފުޅަށް ވެސް މިހެން ހީވެފަ ކަންނޭނގެ އޮންނާނީ، ދޯ؟..."

އިޒީ ވަގުތުން ހުއްޓުނެވެ. އާގިސާގެ އަތުގައި ހިފައިލިއެވެ. ބުނަން ބޭނުންވާ އެތައް ވާހަކައެއް ހުރި ނަމަވެސް، އިޒީ ހުރީ އެ ވާހަކަތައް ދުލާއި ހަމައަށް ގެންނާނެ ހިތްވަރު ނެތިފައެވެ. އެއްކޮޅުން ރިޝާންގެ ހަގީގަތެވެ. އަނެއްކޮޅުން ކައިވެންޏެވެ. ފުލުފުލުގައި ދެ ކައިވެނި ހަމަޖެހިއްޖެއެވެ. ބޮޑެތި ތައްޔާރީތަކެއް ދެފަރާތުގެ އާއިލާއިން ވިއެވެ. އެހެނަސް، އިޒީގެ ސަބަބުން، އެއް ކައިވެނި ހުއްޓިއްޖެއެވެ. ދެވަނަ ކައިވެންޏަށްވެސް އެފަދަ ގޮތެއް ވެއްޖެނަމަ، ހުރިހާ ބަދުނާމެއް ވާނީ އިޒީ އާއި އޭނާގެ އާއިލާއެވެ. މީހުންގެ ކުރިމަތީގައި އިޒީގެ މައިންބަފައިންގެ އަގު ވެއްޓޭނެއެވެ.

"ދަރިފުޅު ބޭނުމެއް ނުވޭދޯ؟..." އާގިސާ ހުރީ އިޒީގެ ދެލޮލަށް ބަލާށެވެ.

އިޒީގެ ދެލޯ ކަރުނުން ފުރޭކަށް ގިނައިރެއް ނުނެގިއެވެ. މައެއްގެ ގާތްކަން އެންމެ ބޭނުންވި ވަގުތު، އާގިސާގެ އޯގާތެރި ރާގުން އެކަނިވެސް، އިޒީގެ ހިތް ރޮއްވައިލިއެވެ.

"މަންމާ، ރިޝާން އެއީ، އެއީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި..." އިޒީގެ އަޑު ނުކުތީ ކުރެހިގެންނެވެ.

"މަންމައަށް އޭރުވެސް ހީވިއޭ...." އާގިސާ އިޒީގެ ވާހަކައިގައި ބައިވެރިވިއެވެ.

"އެކްސިޑެންވީ ރޭ ކާރު ދުއްވަން އިނީ ރިޝާން...." ހުއްޓަމުން ކަހަލަ ގޮތަކަށް އިޒީ ބުނެލިއެވެ. "ހުރިހާ ހެއްކެއް ނައްތާލީ ރިޝާންގެ ބައްޕަ... އެންމެންވެސް އުޅެނީ ރާވައިގެން..."

"އޭނ؟..." އާގިސާގެ ދެލޯ ބޮޑުވިއެވެ. "ދަރިފުޅު އެކްސިޑެންވީ ރޭގަތަ ރިޝާން ކާރު ދުއްވަން އިނީ؟... އެކަމަކު އޭރު އެއީ ކުޑަކުއްޖެއްނު.. ކާރު ދުއްވުމުގެ ހުއްދަވެސް ނޯންނާނެ... އެހެންވެދޯ އެ ހުރިހާ ބަޔާނެއް ކުއްލިއަކަށް ގެއްލުނީ..."

އިޒީ ބޯ ޖަހައިލުމުން، އާގިސާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އިޒީގެ ހަޔާތަށް އައި އެންމެން ގުޅިފައިވީ އޭނާގެ މާޒީއަށެވެ.

"އަނެއްކާ އައިޝާ..."

ހިތަށް އެރި އެއްޗަކުން، އާގިސާގެ މޭބޮޑުވިއެވެ. އައިޝާއަށް ދިމާވި ހިތާމަވެރި ހާދިސާގެ ފަހަތުގައި ހުރީ ރިޝާން ހެއްޔެވެ؟ އެރޭގެ އެކްސިޑެންޓަކީ ރިޝާން އިޒީ މަރާލުމުގެ ގަސްދުގައި ރާވައިގެން ކުރި ކަމެއް ހެއްޔެވެ؟ ކައިވެނި އަވަސްކުރަން އެ އާއިލާއިން ބޭނުންވެގެން އުޅެނީ، އެ ހަގީގަތް އިޒީއަށް އެނގުމުގެ ކުރިން އެކަންތައް މަތިއަޅައި އޮއްބައިލުމުގެ ނިޔަތުގައި ހެއްޔެވެ؟

"ކިހިނެއް ދަރިފުޅަށް ތި ހުރިހާ ކަމެއް އެނގުނީ؟..." އާގިސާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.

"ޝަހާމާ.... މިހާރު ނޭނގެ...."

"މިތާދޯ ތި ތިބީ؟... ހާދަ ވަރަކަށް ހޯދައިފީމޭ..." އިޒީއަށް އިތުރު އެއްޗެއް ނުބުނެވެނީސް، ފަރުހާދު ދޮރު ހުޅުވައިލިއެވެ. "ދެމީހުން އަވަހަށް ތައްޔާރުވެލާ... ޝާކިރު އެ ގުޅީ... އިރުކޮޅަކުން ކާރު އެބަ ފޮނުވާ...."

********

"މިއޮތީ މީހަކު ދިން އެއްޗެއް..." އޮފީހަށް ވަދެގެން އައި ޔައިލް ފެނުމުން، ސާރާ ދިއްކޮށްލީ ސިޓީއުރައެކެވެ.

"ކާކު؟..." ސިޓީއުރައިގައި ހިފަމުން ޔައިލް އަހައިލިއެވެ.

"ގާލް ފްރެންޑް ކަންނޭނގެ..." ސަމާސާ ރާގެއްގައި ސާރާ ބުނެލިއެވެ.

ޔައިލް ދެލޯ ހަނިކޮށްލިގޮތުން ސާރާ ޖެހިލުންވިއެވެ. އަވަހަށް އިސްޖަހައިލިއެވެ. އޭނާ ދެރަވީ ޔައިލް ދުވަހަކުވެސް އޭނާ އާއިމެދު ހާއްސަގޮތެއް ނުބަހައްޓާނެކަން އެނގުމުންނެވެ. ކިތަންމެ ރީތިވެގެން ހުއްޓަސް، ޔައިލް ސާރާ އާއި ދިމާއަށް ކަތި ނަޒަރަކުން ބަލައިވެސް ނުލައެވެ. ސަމާސާ ކުރަން އުޅުނަސް އެފުރުސަތެއް ނުދެއެވެ. އެކަމަކު، ޔައިލް އިޒީ އާއިމެދު ކަންތައް ކުރަނީ އެއާއި މުޅީން އިދިކޮޅަށެވެ. އިޒީގެ ކުރިމަތީގައި ސަމާސާކުރާ މީހަކީ ޔައިލްއެވެ. އިޒީ ފެންނަން ހުންނަނަމަ، އެ ތުންފަތުން ހިނިތުންވުން ނޫން އެއްޗެއް ނުފެނެއެވެ.

"އަޅުގަނޑަކަށް ނޭނގެ ކާކު ކަމެއް... ބޭރު ކައުންޓަރުގަ އިން ކުއްޖާ ހިފައިގެން އައިސް އަޅުގަނޑުގެ އަތަށް ދިނީ...." ސާރާ ތަފްސީލް ދިނެވެ.

ޔައިލް ސިޓީއުރައިގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އުރައިގެ ބޭރުގައި އެއްވެސް އެއްޗެއް ޖަހާފައެއް ނުވެއެވެ. ކެބިންއަށް ވަންގޮތަށް ޔައިލް ސިޓީއުރަ ކަނޑައިލިއެވެ. އެތެރޭގައި ހުރީ ތަސްވީރުތަކެކެވެ. ފުރަތަމަ ތަސްވީރު ފެނުމާއިއެކު، ޔައިލްއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ހުރިހާ ތަސްވީރެއް މޭޒުމަތީގައި އަތުރައިލިއިރު، ބޮޑު މަންޒަރު އޭނާއަށް ސާފުވެއްޖެއެވެ. އިޒީއަށް ގުޅަން މަސައްކަތް ކުރަމުން ޔައިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލިފްޓަށް ވަނެވެ.

********

"ޝާކިރު ނިކަން ކެތްމަދުވާނެ..." ކާރަށް އަރަމުން ފަރުހާދު ބުނެލިއެވެ. "އަހަރެން މާދަމާ ދާނަމޭ ބުނީމަވެސް ހިތްހަމައެއް ނުޖެހުނެއްނު... އެފޮނުވީއޭ ކާރުވެސް... ކާރެކޭ ބުންޏަސް، ބޮޑު ބަހެކޭ އެއްވަރުވެއެއްނު މި..."

ފަރުހާދު އުފާވެފައި ވާހަކަ ދެއްކި ނަމަވެސް، އިޒީ އާއި އާގިސާ ތިބީ ނުތަނަވަސްވެފައެވެ. ޝާކިރު މަސައްކަތް ކުރަނީ، އޭނާގެ މުއްސަނދިކަން ދައްކައިގެން ފަރުހާދުގެ ހިތާއި ކުޅެލަންކަން އާގިސާއަށް އެނގެއެވެ. ޑްރައިވަރު އިނުމުން، އިދިކޮޅަށް އެއްޗެއް ބުނަން އާގިސާ ފަސްޖެހުނެވެ. އޭނާ އިނީ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.

އާދައިގެ ދުވެއްޔެއްގައި ދަތުރު ކުރަމުންދިޔަ ކާރު ގޮސް ހުއްޓީ، ޝާކިރުގެ ގޭގެ ކުރިމައްޗަށެވެ. ދޮރުމަތީގައި ރިޝާން ހުރިއިރު، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް މޫނުން ފެންނަން ހުއްޓެވެ. ފަރުހާދު ނުކުތުމަށް ދޮރު ހުޅުވައިދީފައި، ރިޝާން އުޅުނީ އާގިސާއަށް ދޮރު ހުޅުވައިދޭށެވެ. އޭގެ ކުރިން އާގިސާ ދޮރު ހުޅުވާފައި ކާރުން ފޭބިއެވެ.

"އަހަރެމެންނަކީ މާ ފެންވަރުގަ އުޅުނު ބައެއް ނޫން...." ރިޝާނަށް އިވޭ ވަރަށް އާގިސާ ބުނެލިއެވެ. "ޓެކްސީއެއްގަވެސް އަހަރެމެންނަށް އާދެވުނީސް... އެވަރުގެ ރުފިޔާއެއް ނުދެއްކޭހާ އަދި ފަގީރެއްވެސް ނުވޭ...."

އާގިސާ ދެލޯ ހަނިކޮށްލަމުން ރިޝާނަށް ބަލައިލިއެވެ. އެ ނަޒަރުން އެކަނިވެސް ރިޝާންގެ ހިތް ބިރުގަންނުވައިލިއެވެ. ރިޝާން ހިނިތުންވެލި ނަމަވެސް، އާގިސާ އޭނާގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.

"އިޒީ ވެއިޓް..." އާގިސާ އާއި ފަރުހާދުގެ ފަހަތުން ހިނގައިގަތް އިޒީއަށް ގޮވައިލަމުން ރިޝާން އެދުނެވެ.

އިޒީ ބަލައިލީ އާގިސާއަށެވެ. އާގިސާ އުޅުނީ އެތެރެއަށް ނުވަދެ، ބޭރުގައި މަޑުކުރާށެވެ. އިޒީ ލޮލުން އިޝާރާތް ކުރުމުން، ފަރުހާދާއިއެކު އާގިސާ އެތެރެއަށް ވަނެވެ.

"އަހަންނަށް އެނގޭ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރަން އިޒީއަށް މިހާރު ވަރަށް އުނދަގޫ ވާނެކަން.... އެކަމަކު..." ރިޝާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެން އިޒީއަށް އެކަން ސިއްރުކުރީ...."

"ޝަހާމާ ކޮބާ؟..." ހަރުކަށި ރާގަކަށް އިޒީ އަހައިލިއެވެ.

"ރަށަށް ގޮއްސި...." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ރިޝާން ބުނެލިއެވެ.

"ރަށަށް ދިޔައީތަ؟... ނޫނީ އެކަންތައް ސިއްރުކުރަން ކަލޭމެން އެންމެންވެގެން އޭނަ މަރާލީކީ ނޫންތަ؟...." އިޒީގެ ރުޅި ގަދަވާން ފެށިއެވެ.

"އިޒީ..." ރިޝާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ބާރު ދުވެލީގައި އައި ސައިކަލު މަޑުކުރީ، ރިޝާންމެންގެ ކައިރިއަށެވެ. ކުއްލިއަކަށް ބުރަކި ޖެއްސުމުން، ސައިކަލު ކަހާލައިގެން ދިޔަ ނަމަވެސް، އެމީހަކު ފަރިތަކަމާއިއެކު، ސައިކަލުން ފޭބިއެވެ. ރިޝާނަށް ވިސްނައިލާނޭ ވަގުތެއް ނުލިބުނެވެ. ސައިކަލުން ފައިބައިގެން އައި މީހަކު، އޭނާގެ ގަމީހުގައި ހިފައި، ދުރަށް ހޫރައިލިއެވެ. ދެވަނަ ސިކުންތުގައި އެމީހަކު ރިޝާންގެ ކޯމަތީގައި ގޮށްމުށުން ޖެހިއެވެ. ރިޝާންގެ އަނގަމަތި ފަޅައިގެން ގޮސް ލޭ ހިލުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު