ފިލްމު 'ހައިވާން'ގެ ޓީޒާ: އަކްޝޭ އާއި ސައިފްގެ ވަރުގަދަ ކުރިމަތިލުންތަކެއް

ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަކްޝޭ ކުމާރު 18 އަހަރަށްފަހު އެކީގައި ސްކްރީނުން ފެންނާނެ ފިލްމު "ހައިވާން"ގެ ޓީޒާ އާއްމުކޮށްފިއެވެ.

މި ފިލްމަކީ، ކޭވީއެން ބެނާގެ ދަށުން މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ޕްރިޔާދަރުޝަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ސައިފް ލޯފަން މީހެއްގެ ކެރެކްޓާ ކުޅޭ "ހައިވާން"ގެ ޓީޒާ ފެށިގެން އަންނަނީ އެކްޓަރުގެ ހިޔަނިތަކަކުންނެވެ. ބިރުވެރި މިއުޒިކަކާއެކު މި ޓީޒާއިން ފެންނަނީ ނުތަނަވަސްކަމާއި ސުވާލު މާކުތަކުން ފުރިގެންވާ މާހައުލެކެވެ. މި ވީޑިއޯގައި އެއްވެސް ޑައިލޮގެއް ނެތް ނަމަވެސް، އޭގައި ހިމެނޭ ބިރުވެރި ބެކްގްރައުންޑް މިއުޒިކާއެކު، އެއްވެސް ބަހެއް ބޭނުންކުރުމަކާ ނުލައި ގިނަ ވާހަކަތަކެއް ބެލުންތެރިންނަށް ބުނެދެއެވެ.

ފިލްމު "ހައިވާން"ގެ ލީޑް ތަރިން ކަމަށްވާ ސައިފް އަލީ ޚާން އަދި އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުގެ ޓީޒާ އާއްމުކުރުމުގެ ދެތިން ދުވަސް ކުރިން ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް ވަނީ ދައްކާލާފައެވެ. މި ޕޯސްޓަރުތަކުން ދެ ތަރިންވެސް ފެންނަނީ ވަރަށް ރުޅިގަދަ އަދި ވަރުގަދަ ސިފައެއްގައެވެ.

އަކްޝޭ ކުމާރުގެ ސީރިއަސް މޫނުމަތިންނާއި ކަޅު ހެދުމުން އޭނާ ކުޅެނީ ސިއްރުވެރި އަދި އަޒުމް ވަރުގަދަ ކެރެކްޓަރެއްކަން ދޭހަވެއެވެ. ސައިފްގެ ސިފަވެސް އެހާމެ ވަރުގަދައެވެ. އޭނާގެ ބެލުމުންނާއި ހުރި ގޮތުން އެއީ އޮޅުންބޮޅުން ބޮޑު ކެރެކްޓަރެއްކަން އެނގެއެވެ.

ފިލްމު "ހައިވާން" އަކީ 2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު މަލަޔާލަމް ފިލްމު "އޮއްޕަމް"ގެ ރަސްމީ ހިންދީ ރީމޭކެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ރޯހަން ޝަންކަރާއި އަބިލާޝް ނައިރުއެވެ. އަދި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ޕްރީތަމްއެވެ. މި ފިލްމަކީ، މި އަހަރުގެ އެޕްރީލް މަހު ރިލީޒްކުރި އަކްޝޭގެ ހޮރޯ-ކޮމެޑީ "ބޫތު ބަންގްލާ"އަށްފަހު ޕްރިޔާދަރުޝަން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ.

ފިލްމު "ހައިވާން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

comment ކޮމެންޓް