ބޭރު ލީގުތަކުގެ މެޗުތައް ދިވެހިންނާއި ހަމައަށް ގެނެސްދެމުން އަންނަ އައިސް ނެޓްވޯކުން 2026/2027 ވަނަ އަހަރުގެ ސީޒަނުގެ ބޮޑު ތިން ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ސައުދީ ޕްރޯ ލީގު ދެއްކުމަށް ނިންމައި އެ ކަވަރޭޖު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި ނިންމުމާއެކު، ދިވެހި ފުޓުބޯޅަ ސަޕޯޓަރުންނަށް އައިސް ނެޓްވޯކުގެ ޗެނަލްތަކުން އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލަލީގާގެ އިތުރުން ދުނިޔޭގެ ސަމާލުކަން ހޯދަމުން އަންނަ ސައުދީ ޕްރޯ ލީގުގެ ފޯރިގަދަ މެޗުތައް ފެނިގެންދާނެއެވެ
ކުޅިވަރުގެ މި ބޮޑު އިންގިލާބާއެކު އައިސް ނެޓްވޯކުން ވަނީ އަލަށް ތިން ފްލޭގްޝިޕް ޝޯއެއްވެސް ތައާރަފްކޮށްފައެވެ. އެއީ މެޗުތަކުގެ ކުރިން ގެނެސްދޭ "ކިކްއޯފް" އާއި، މެޗަށްފަހު ތަފްސީލީ ދިރާސާތަކާއެކު ގެނެސްދޭ "ފުލްޓައިމް" އަދި ސަޕޯޓަރުންގެ ޝުއޫރުތަކަށް ހާއްސަކޮށްގެން ގެނެސްދޭ "ފޭންޒޯން" އެވެ.
މި ޝޯވްތަށް ގެނެސްދޭނީ އައިސްގެ ވޯލްޑްކަޕް ކަވަރޭޖު ޝޯވްތަކުގައި ބެލުންތެރިންގެ މަގްބޫލުކަން ލިބިފައިވާ ޕްރެޒެންޓަރުން ކަމަށްވާ ހުވޭ، އީމާން އަދި އީސަގެ އިތުރުން އެނަލިސްޓުންގެ ގޮތުގައި ޖަވާ އަދި މައުސް އެވެ.
އައިސް ނެޓްވޯކުން 2026/2027 ވަނަ އަހަރުގެ ސީޒަނުގެ ބޮޑު ތިން ލީގު ލޯންޗުކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ފޮޓޯ: މީޑިއާނެޓްމި ކަވަރޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިސް ނެޓްވޯކްގެ ހެޑް ޒިހުނީ ރަޝީދު ވިދާޅުވީ އަމާޒަކީ މި ސީޒަނުގެ ހުރިހާ މަންޒަރެއްވެސް ސަޕޯޓަރުންނަށް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުން ކަމަށެވެ.
ވޯލްޑް ކަޕަށްފަހު، އަދި ފާހަގަކޮށްލެވޭ ބޮޑެތި ޓްރާންސްފާ ތަކަކާއެކު، މިއީ ފުޓްބޯޅައިގެ ވަރަށް ތާރީޚީ އަދި ފޯރިގަދަ ސީޒަނަކަށް ވެގެންދާނެ. އަދި މި ޤައުމުގައި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާ ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެންގެ އަމާޒަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ހިނގާ މި ސީޒަނުގެ އެއްވެސް މުހިންމު ވަގުތެއް، އެއްވެސް ސަޕޯޓަރަކަށް ގެއްލިގެން ނުދާނެކަން ކަށަވަރުކޮށްދިނުން،" އައިސް ނެޓްވޯކްގެ ހެޑް ޒިހުނީ ރަޝީދު ވިދާޅުވިއެވެ.
އެހެންކަމުން، ކުރިއަށް އޮތް ސީޒަންތަކުގައި ބެލުންތެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަކީ އެ ނެޓްވޯކުގެ އަމާޒެކެވެ
މި ލީގުތަކުގެ މެޗުތައް އައިސް ނެޓްވޯކުގެ ހަތަރު ޗެނަލަކުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އައިސް އެކްސްޓްރާ، އައިސް ސްޕޯޓްސް އަދި އައިސް ޕްލަސްއެވެ. މީގެ އިތުރުން، އެންމެ ސާފުކޮށް މެޗުތަށް ބަލާލުމަށް ޔޫ.އެޗް.ޑީ ފޯމެޓުގައި ގެނެސްދޭ "އައިސް އަލްޓްރާ" އިން ޔޫރަޕުގެ ދެ ލީގު ކަކަށްވާ އިނގިރޭސި ޕްރިމިއާ ލީގް އަދި ލަލީގާ ބެލުންތެރިންނަށް ފެންނާނެއެވެ