ރާއްޖެއަށް ކުރި ދަތުރާ، މާލީ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދެއްވި ފަރާޖް، ބައި-އިލެކްޝަން ކާމިޔާބުކުރައްވައިފި

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް-- ފޮޓޯ: ރޮއިޓާސް

އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމުން ފާޑުކިޔުން އަމާޒުވި ފަހުން އިސްތިއުފާ ދެއްވި, އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް، ކްލެކްޓަންގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައިފިއެވެ.

މައި ޕާޓީތަކުން ބޮއިކޮޓްކޮށްފައިވާ މި އިންތިޚާބުގައި ދެވަނަ ހޯދީ ޑަސްބިނެއްގެ ސިފައިގައި ހުރެ ކެމްޕެއިންކުރި ކޮމީޑިއަން ކައުންޓް ބިންފޭސްއެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ދިން ލަފަޔަކާ ގުޅިގެން ފަރާޖް ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ވަގުތު އެ ތަނަށް ވަޑައިގަތުމުން ދުރުވެވަޑައިގެންފައެވެ.

މި އިންތިޚާބުގައި ވޯޓުލާން ނުކުތީ 44 ޕަސެންޓް މީހުންނެވެ. މިދިޔަ މަހު ސާވޭޝަން އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގައި ފަރާޖްއަށް 73 ޕަސެންޓް ވޯޓު ލިބޭނެކަމަށް ލަފާކޮށްފައިވީ ނަމަވެސް، އިންތިޚާބުގެ 62.8 ޕަސެންޓް ވޯޓު ފަރާޖް ހޯއްދެވިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރި ކައުންޓް ބިންފޭސްއަށް ލިބުނީ 26.7 ޕަސެންޓް ވޯޓެވެ.

https://www.sun.mv/224354

ކައުންޓް ބިންފޭސްއަކީ ކޮމީޑިއަން ޖޮނަތަން ހާވީ އުފައްދައިގެން އުޅޭ ކެރެކްޓާއެކެވެ. އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި އައިސްކްރީމް ކޯނުގެ އަގު ކޮންޓްރޯލްކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމުގައި ސްޕީކަރަށް ލައިގެން ފޯނުން ވާހަކަދައްކާ މީހުން ސިފައިންގެ ޚިދުމަތަށް ނެރުން ހިމެނެއެވެ.

ނަތީޖާ އިއުލާންކުރުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށްފަހު، އެއްވެސް ހައިސިއްޔަތެއް ނެތް ބަޔަކު އޭނާއަށް މަލާމާތްކޮށް އަގުވައްޓާލަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ދެއްވަން އޮތް ކާމިޔާބީގެ ތަގުރީރު ވެސް އޭނާ ވަނީ ކެންސަލްކުރައްވާފައެވެ.

ކްލެކްޓަންގެ ގޮނޑިއަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، ފަރާޖް މިދިޔަ މަހު މަޖިލީހުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ، ނުބުނެ ހުރި ހަދިޔާތަކެއްގެ މައްސަލައިގައި އޭނާގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އާ މެންޑޭޓެއް ހޯއްދެވުމަށެވެ. މައި ޕާޓީތަކުން މި އިންތިޚާބު ބޮއިކޮޓްކުރީ މިއީ އޭނާގެ އަމިއްލަ މަންފާއަށް ކުރެއްވި ކަމެއް ކަމަށް ބުނެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު، ރާއްޖެ މަގުން ކަނޑުބޯޓެއްގައި ޗާގޯސް ޖަޒީރާއަށް ދިއުމަށް ފަރާޖް ކުރެއްވި ކުއްލި ދަތުރުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ފަސްދޮޅަސް މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި އޭނާ ކުރެއްވި މި ދަތުރަކީ އަމިއްލަ ސިޔާސީ މަންފާއަށް ރާއްޖޭގައި ޖެއްސި ސްޓަންޓެއްގެ ގޮތުގައި އިނގިރޭސި ސިޔާސީ މަސްރަހުގައި އޭރު ވަނީ ސިފަކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޖެޓަކީ ފަރާޖަށް ބޮޑެތި މާލީ އެހީތަކެއް ދެއްވަމުން ގެންދަވާ ކްރިޕްޓޯ ބިލިއަނަރު ކްރިސްޓޮފާ ހާބޯންއާ ގުޅުންހުރި އުޅަނދެކެވެ.

https://www.sun.mv/218235

މަޖިލީހުގެ ރެޖިސްޓްރީގައި މި ދަތުރުގެ ހަރަދު ފުރަތަމަ ހާމަކުރިއިރު އޮޅުވާލާފައިވާ ކަމަށް ލޭބާ ޕާޓީން ތުހުމަތުކުރެއެވެ. އެގޮތުން، ދަތުރުގެ އަގުގެ ގޮތުގައި ފުރަތަމަ 12،500 ފައުންޑް ޖެހުމަށް ފަހު، ފަހުން ވަނީ އެ އަދަދު ދެގުނައަށް މަތިކޮށްފައެވެ. މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނުފޫޒު ފޯރުވައިގެން ދިވެހި ސަރުކާރުން އޭނާ ޗާގޯސްއަށް ދިޔަނުދީ ހުރަސްއެޅި ކަމަށް ބުނެ އެ ދަތުރުގައި ފަރާޖް ވަނީ ރާއްޖެއަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ.

ނަމަވެސް، އެކަމުގައި ރާއްޖޭގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ފަރާޖް މަޖިލީހަށް އެނބުރި ވަޑައިގަތުމާއެކު، އޭނާގެ މާލީ ބަޔާންތަކާ ގުޅޭގޮތުން މަޖިލީހުން ކުރިއަށްގެންދާ ތަހުގީގު އަލުން ފަށާނެއެވެ. މި ތަހުގީގުގެ މައިގަނޑު މައްސަލައަކީ، 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކުރިން ތައިލެންޑްގެ ކްރިޕްޓޯކަރަންސީ ބިލިއަނަރެއްގެ ފަރާތުން ލިބުނު ފަސް މިލިއަން ޕައުންޑް (6.75 މިލިއަން ޑޮލަރު) ގެ ހަދިޔާ އޭނާ ހާމަކުރައްވާފައި ނުވުމެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، އިންތިޚާބުގެ ކުރިން ލިބޭ ހަދިޔާތައް، މަގާމާ ހަވާލުވާތާ އެއް މަސްދުވަހުގެ ތެރޭގައި ހާމަކުރަންޖެހެއެވެ. ފަރާޖް ވަނީ އެ ފައިސާ ލިބިވަޑައިގަތްކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއީ އަމިއްލަ ހަދިޔާއަކަށް ވާތީ، އެކަން ހާމަނުކުރުމަކީ ގޯހެއް ނޫނެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރިން ކުރީގައި އޮތް ނަމަވެސް، ރިފޯމް ޕާޓީގެ މަގުބޫލުކަން މިހާރު ވަނީ ދަށްވާން ފަށާފައެވެ. ލަންޑަންގެ ބާކްބެކް ޔުނިވާސިޓީގެ ޕޮލިޓިކްސް ލެކްޗަރާ ލޯރާ ރިޗަޑްސް ގްރޭ ވިދާޅުވިގޮތުގައި، މައި ޕާޓީތަކުން މި އިންތިޚާބުގައި ވާދަނުކުރުމަކީ ފަރާޖްގެ ކެމްޕެއިނަށް އެރި ވަރަށް ބޮޑު ހުރަހެކެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނާއި ދައުލަތުގެ ނިޒާމާ ދެމެދު އޮތް ކުރިމަތިލުމެއްގެ ގޮތުގައި މި އިންތިޚާބު ސިފަކުރަން ފަރާޖް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، ގައުމީ ފެންވަރުގައި އޭނާއަށް ގެއްލުންވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ މަހު އެންޑީ ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވެރިކަންކުރާ ލޭބާ ޕާޓީގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. މިހާރު ލޭބާ ޕާޓީއަށް 28 ޕަސެންޓް ތާއީދު އޮތްއިރު، ރިފޯމް ޕާޓީއަށް އޮތީ 25 ޕަސެންޓެވެ. ކަނާތު ފިޔައިގެ ވޯޓުތައް ބެހިފައިވާއިރު، ރިފޯމް ޕާޓީން ވާދަކުރަން ޖެހިފައިވަނީ ކޮންޒަވޭޓިވް ޕާޓީއާއި އިމިގްރޭޝަނާ ދެކޮޅު ރިސްޓޯ ބްރިޓަން ޕާޓީއާއެވެ.

މަޖިލީހުގެ ތަހުގީގުން ފަރާޖް ގަވާއިދާ ޚިލާފުވެފައިވާކަމަށް ނިންމައިފިނަމަ، އޭނާ ސަސްޕެންޑްކޮށް، އެ ގޮނޑިއަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް