އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޯމޭޒްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ޑެލަވެއާގެ ފެޑެރަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި ދައުވާ އުފުލާފައިވަނީ އޭނާގެ މެންޓަލް ހެލްތު ސްޓާޓްއަޕް ކުރިއެރުވުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެ ކުންފުނީގެ އިންވެސްޓަރުންނެވެ.
ދައުވާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 2021 ވަނަ އަހަރު އުފެއްދި "ވޮންޑަމައިންޑް ގްލޯބަލް" އަށް އެ ފަރާތްތަކުން ވަނީ ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު އިންވެސްޓުކޮށްފައެވެ. އިންވެސްޓަރުން ތުހުމަތުކުރާ ގޮތުގައި، 500 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ގޯމޭޒް ވަނީ ކުންފުނީގެ މާކެޓިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުންފުނި ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، މޯބައިލް އެޕްލިކޭޝަނެއް އުފެއްދުން ފަދަ ކަންކަން ކުރުމަށް ވެފައިވާ ވައުދުތައް އޭނާއާއި ކުންފުނީގެ އެހެން އިސްވެރިން ފުއްދާފައެއް ނުވެއެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި، ސެލީނާ ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއަށް އަމަލުކުރުން ދޫކޮށްލާފައެވެ.
މީގެ އިތުރުން، އެ ކުންފުނިން މުވައްޒަފުންނާއި ވެންޑަރުންނަށް ފައިސާ ދިނުން ފަދަ އެންމެ އަސާސީ ކަންކަން ވެސް ކޮށްފައިނުވާ ކަމަށް އިންވެސްޓަރުން ބުނެފައިވެއެވެ.
ދައުވާކުރާ ފަރާތްތަކުން ބުނި ގޮތުގައި، ކުންފުނީގެ މާލީ ހާލަތު ގޯސްވެފައިވާކަން އެ ފަރާތްތަކަށް އެނގުނީ މިދިޔަ ސެޕްޓެންބަރުގައި އޮންލައިންކޮށް ޝާއިއުކުރި ޚަބަރަކުންނެވެ.
މި މައްސަލައިގައި އިންވެސްޓަރުން އެދެނީ އެ ފަރާތްތަކުން އިންވެސްޓުކުރި ފައިސާއާއި ގާނޫނީ ޚަރަދުތައް އަނބުރާ ހޯދުމަށެވެ. މިކަމާ ގުޅިގެން ސެލީނާގެ މަންދޫބަކު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.