ނިދާފައި އޮތް ޕޯލާ ބެއާއެއް ހޭލައްވާލި މީހަކު ޖޫރިމަނާކޮށްފި

ނިދާފައިއޮތް ޕޯލާ ބެއާއެއް ހޭލައްވާލި މީހަކު ވަނީ ޖޫރިމަނާކޮށްފައި. ފޮޓޯ/ގެޓީ

ނޯވޭގެ ސްވަލްބާޑް އާކިޕެލަގޯގައި ނިދާފައި އޮތް ޕޯލާ ބެއާއެއް ހޭލައްވާލުމަށް ފޮގްހޯން (އަޑުގަދަކުރާ) އެއް ބޭނުންކުރި މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފޮގްހޯން ބޭނުންކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު ނޯތު ޕޯލްއާ ގާތްގަނޑަކަށް 1،000 ކިލޯމީޓަރު (620 މޭލު) ދުރުން ސްވަލްބާޑްގެ ހުޅަނގު އުތުރުން ދަތުރުކުރަމުން ދިޔަ އުޅަނދެއްގެ މަތިންނެވެ.

އެ ހާދިސާއާ ގުޅިގެން އެ މީހާ ވަނީ 3،890 ޕައުންޑުން ޖޫރިމަނާކޮށްފައި ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ކަށަވަރުކޮށްދީފައެވެ. އެމީހާ ވަނީ ޖޫރިމަނާ ދެއްކުމަށް އެއްބަސްވެފައެވެ.

އެ ސަރަހައްދުގެ ގަވާއިދުތަކުގެ ދަށުން ޕޯލާ ބެއާއަށް އެއްވެސް ކަމަކާ ނުލައި އުނދަގޫ ކުރުމާއި، ޝައުގުވެރި ކުރުވުން ނުވަތަ ފަހަތުން ދިއުމަކީ މަނާ ކަމެކެވެ. އެ މީހާ ހޭލައްވާފައި ވަނީ 1972 ވަނަ އަހަރު ސްވަލްބާޑްގައި ހިމާޔަތް ކޮށްފައިވާ ބާވަތެއްގެ ޕޯލާ ބެއާއެކެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސައިންޓިފިކް ހިސާބުތަކުން ދައްކާ ގޮތުގައި އެ ބާވަތުގެ ގާތްގަނޑަކަށް 250 ޕޯލާ ބެއާ އުޅެއެެވެ.

ގަވަރުނަރު ލާސް ފައުސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އުޅަނދު އެ ސަރަހައްދާ ކައިރިން ދަތުރުކުރިއިރު އެ އުޅަނދުގައި ތިބި މީހުންނަށް ނިދާފައި އޮތް ޕޯލާ ބެއާއެއް ފެނިފައިވާ ކަމަށް ބުނާ ކަމަށެވެ.

"އެއަށްފަހު ބޯޓުގައި ހުރި މީހަކު ބޯޓުގެ ފޮގްހޯން ބޭނުންކޮށްގެން، އެ ޕޯލާ ބެއާ ހޭލައްވާލި، ބެއާ ފަހުން ވަނީ އެހެން ތަނަކަށް ބަދަލުވެފައި."

މިއީ ސްވަލްބާޑް ސަރަހައްދުގައި ޖަނަވާރުތަކަށް އުނދަގޫ ކުރާ މީހުން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން 2024 ވަނަ އަހަރު ޓޫރިސްޓަކު ވޯލްރަސްއަކާ މާ ގާތްވުމުން 900 ޕައުންޑުން ޖޫރިމަނާކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު