ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓޭނީ ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ކޯޓުތަކުން ވީ އެންމެ އަވަހަކަށް ނިންމައިގެން ކަމަށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ތިން ގާޟީންނާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޟީން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙުސްނީ ވިދާޅުވީ ކޯޓުތަކުން ގިނަ މައްސަލަތައް ނިންމައި ނަތީޖާތައް ހާސިލުކުރާ ކަމަށެވެ.
"އެހެންނަމަވެސް ޝަރުއީ ދާއިރާއާ މެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން، ވަކިން ޚާއްސަކޮށް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ނުވަތަ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސް ގޮތެއްގައި ނިންމުން،" ޙުސްނީ ވިދާޅުވިއެވެ.
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދާ ނަމަ، އަދި އިންސާފުވެރިކަމާއެކު މައްސަލަތައް ކުރިއަށް ނުގެންދާ ނަމަ އާންމުން އެކަންކަން ފާހަގަކުރާނެ ކަން ޙުސްނީ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ މަންޒަރު ކިލަނބުވެގެން ދާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
ވުމާއެކު، ކޯޓުތަކުގައި ނުނިމިހުރި ގިނަ ދުވަސްވީ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޙުސްނީ ފަނޑިޔާރުންގެ އަރިހުން އެދިވަޑައިގަތެވެ.
ހުސްނީ ވިދާޅުވީ، ރަނގަޅަށް މަސައްކަތްކުރާ ފަނޑިޔާރުން ތިބިއިރު ބައެއް ފަނޑިޔާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ނުދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ލިބޭ ކަމަށެވެ.
"އަޅުގަނޑުމެން އެ ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނަން،" ހުސްނީ ވިދާޅުވިއެވެ.
ގިނަ ދުވަސްވީ މައްސަލަތައް ނުނިމި ދިގުލައިގެން ދަންޏާ މައްސަލަތައް ނުހިނގާ ސަބަބު ހޯދުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވެސް ޙުސްނީ ވިދާޅުވިއެވެ.
ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދާ ކަމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ. އެގޮތުން ތިން އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވެސް ބައެއް މައްސަލަތައް ނުނިމި ކޯޓުގައި ތާށިވެފައި އެބަ ހުއްޓެވެ. މައްސަލަތައް ދިގުލައިގެން ގޮސް އިންސާފު ލިބުން ލަސްވުމަކީ އާންމުންގެ ކަންބޮޑުވުން އަބަދު ވެސް އޮންނަ ކަމެކެވެ.