ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކު ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫއެއް ހޮވައިފިއެވެ.
ބެންކް ފަންޑަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުޞަދުގައި ބީއެމްއެލްއިން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
އެ ފަންޑުން މި އަހަރު އެހީ ދިނުމަށް ހަމަޖެހިފައިވާ މަޝްރޫތަކާއި ޖަމިއްޔާތަކަކީ؛
-
ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެއް
-
ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް
-
ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެއް

ބީއެމްއެލްގެ ބެންކުން ފަންޑުން ލިބޭ ޖަމިއްޔާއެއްގެ ޕްރޮޕޯސަލް ހުށަހަޅަނީ --- ފޮޓޯ/ ބީއެމްއެލް
-
ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެއް
-
ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުން. މި ތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި ފާޚާނާއާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައި
ފާހަގަކުރެވޭ ގޮތުގައި، ބީއެމްއެލްގެ ފަންޑުން އެހީ ދޭނެ މަޝްރޫއުތައް ހޮވަނީ ކޮންމެ އަހަރަކު ވެސް އެ ބެންކަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ. އޭގެތެރެއިން، ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ އެ ބެންކުން ދެއެވެ.
މިގޮތުން، އެ ބޭންކުން އަންނަނީ މުޖުތަމަޢުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންނެވެ.
މިހާތަނަށް ބޭންކް ފަންޑްގެ ދަށުން މި ވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި. ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.