މަގުމަތީގައި ސަލާންޖަހަން އުޅުނު އަންހެނެއްގެ އަތުން 46،600 އެމެރިކާ ޑޮލަރު ފެނިގެން، ޖޯޑަންގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށްފިއެވެ.
ޖޯޑަންގެ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ބުނި ގޮތުގައި، ވެރިރަށް އައްމާންގައި ހައްޔަރުކުރި އެ އަންހެން މީހާއަކީ މީގެ ކުރިން ވެސް ސަލާންޖެހުމުގެ ރެކޯޑު އޮންނަ މީހެކެވެ.
އެ އަންހެން މީހާ ކޮންމެ ދުވަހަކު ސަލާންޖަހައިގެން ހޯދާ ފައިސާ ބޭރު ފައިސާއަށް މާރުކުރާ ކަމަށް ޖޯޑަންގެ ޕެޓްރާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އޭނާގެ ގައުމީ ނިސްބަތާއި، އޭނާ ސަލާންޖަހަން އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި އޭނާ މިހާރު ވަނީ ޝަރުއީ އިދާރާތަކާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން، މަގުމަތީގައި ސަލާންޖަހާ މީހުންނަށް ސީދާ ފައިސާ ނުދިނުމަށް ޖޯޑަންގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސަލާންޖަހާ ބައެއް މީހުންނަކީ ބަލިމީހުން ކަމަށް ބުނެ، ނުވަތަ މާލީ ގޮތުން ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ ބައެކެވެ.
އެހެންކަމުން، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ރަސްމީކޮށް ހުއްދަ ދީފައިވާ ޖަމިއްޔާތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން، ސަލާންޖަހާ މީހުން ފެންނަ ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށްޓަކައި ޖޯޑަންގެ އެކި ސަރަހައްދުތަކުގައި ޚާއްސަ ޓީމުތަކެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.